ރައީސް މުހައްމަދު ނަޝީދު

ވޯޓުގައި މަކަރު ހަދަން އެބައުޅޭ: ހަސަން ލަތީފް

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމުން މަކަރު ހަދަން އުޅޭ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ޓީމުން ތުހުމަތުކޮށްފި އެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ޓީމުގެ ފަރާތުން މިއަދު ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާ ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓާއި ކެންޑިޑޭޓުގެ ސަޕޯޓަރުން ރަނގަޅު ނޫން ކަންކަން ކުރަން އުޅޭ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

"އިދިކޮޅު ކެންޑިޑޭޓް އަދި ކެންޑިޑޭޓުގެ ފަރާތުން މަސައްކަތް ކުރައްވާ ބޭފުޅުން، އެބޭފުޅުން އެކި އެކި ކަންކަން ކުރެއްވުމަށް ރާވަމުންދާ މައުލޫމާތު އެބަ ލިބޭ،" ހަސަން ވިދާޅުވި އެވެ.

ދެފަހަރު ވޯޓުލުމަށްޓަކައި މާލެއިން ވޯޓުލުމަށްފަހު މާލެއާއި ކައިރި ރަށްރަށުގެ ވޯޓު ފޮށިތަކަށް ވޯޓުލާން ދާން ރާވާ ކަމަށް ހަސަން ވަނީ ތުހުމަތު ކޮށްފަ އެވެ. އެގޮތުން މިހާރު ލޯންޗުތައްވެސް ހަމަޖައްސަމުންދާ ކަމަށް ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ރައީސް ނަޝީދުގެ މަންދޫބުން ވޯޓުލާން ދާ މީހުންގެ ފޮޓޯ ނަގާނެ ކަމަށާއި އެ ފޮޓޯތައް ހިއްސާ ކުރަމުން ދާނެ ކަމަށެވެ. އެހެން ކަމުން ދެ ފޮށްޓަކަށް ވޯޓު ލާން ދާ މީހުން ދެނެގަނެވޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.

މީގެ އިތުރުން ބައެއް ރަށްރަށުން ވޯޓު ލެވޭ އެންމެންގެ ވޯޓު ހަމައަށް ވޯޓު ފޮށިތަކުން ފެންނާނެ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ހަސަން ވިދާޅުވި އެވެ.

ވޯޓް ޓާންއޯވާ 100 އިންސައްތައަށް އެރުން އެއީ އެއްވެސް އިންތިހާބަކުން ފެނުނު ކަމެއް ނޫން ކަމަށާއި މިކަހަލަ ރަށްތަކުގައި ފޭސްބުކް މެދުވެރިކޮށް ލައިވް ކުރަމުން ދާނެ ކަމަށްވެސް ހަސަން ވަނީ ވިދާޅުވެފަ އެވެ. ލައިވް ކުރާނެ ރަށްތަކުގެ ތެރެއިން ހަސަން ފާހަގަކުރެއްވީ ޅ. ހިންނަވަރާއި ވާދޫ އެވެ.