މީހުން

މުސްލިމު އިލްމުވެރިޔާ އަލް ކިންދީ

މުސްލިމް ފިލޯސޮފިކަލް އިލްމުވެރިޔާ އަލް ކިންދީ އުފަންވެ ބޮޑުފުޅުވެފައިވަނީ އިރާގުގެ ކޫފާގަ އެވެ. އެއީ ގާތްގަނޑަކަށް މީލާދީން 800 އަހަރު ހިސާބުގަ އެވެ.

ކޫފާ އަކީ ނުވަވަނަ ގަރުނުގައި އަރަބި ސަގާފަތް އިންތިހާއަށް ކުރިއަރައި ދިޔަ އަދި އިލްމީ ފަންނުވެރިކަމާއި އިލްމު އުނގެނުމުގެ މައި އެއްރަށެވެ.

ކޫފާއަކީ އެދުވަސްވަރު މުޅި ދުނިޔެއިންވެސް އިލްމު އުނގެނުމަށް އެންމެ ރަނގަޅު މަރުކަޒުތައް ހުރި ތަންތަނެވެ. އަލްކިންދީ އެތަނަށް އުފަންވުން އެއީ އޭނާއަށް އިލްމު ހޯދުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ. އަލް ކިންދީގެ ބައްޕަ އަދި ކާފަ އަކީ ކޫފާގެ ގަވަރުނަރުކަން ކުރެއްވި ބޭފުޅުންނެވެ.

އަލް ކިންދީގެ ތައުލީމީ ހަޔާތް ކޫފާ އިން ފައްޓަވައި ތައުލީމުގެ ފަހުގެ މަރުހަލާތައް ނިންމަވާފައިވަނީ ބަޣުދާދުގަ އެވެ. އޭނާގެ ތޫނުފިލިކަމުން ބަޣުދާދުގެ އޭރުގެ މުސްލިމުންގެ އައްބާސީ ދައުލަތުގެ ހަލީފާ އަލް މައުމޫން އޭނާ އަރިސްކުރެއްވި އެވެ.

ހަލީފާ އަލް މައުމޫން އަކީ އުނގުނުމާއި ތައުލީމަށް އޭނާގެ ބައްޕާފުޅު ހާރޫނު އަލް ރަޝީދު ފަދައިން ނުހަނު ޝައުގުވެރިވެ އުނގެނުން ކުރިއެރުވުމަށް އަހަމިއްޔަތުކަން ދެއްވި ބޭފުޅެކެވެ. އެގޮތުން އޭނާ އޭރު ބަޣުދާދުގައި ބިނާކުރެއްވި "ހައުސް އޮފް ވިޒްޑަމް"ގައި އިސްކޮށް މަސައްކަތް ކުރެއްވުމަށް އަލް ކިންދީ ކަނޑައެޅުއްވި އެވެ. އެތަނުގައި ގްރީކް ފިލޯސޮފީ އަދި ސައެންޓިފިކް މަސައްކަތްތަކުގެ ތަރުޖަމާ ކުރުންފަދަ އިލްމީ އެތަކެއް މަސައްކަތެއް ހިނގި އެވެ. އަލްހުވާރިޒްމީ އާއި ބަނޫ މޫސާގެ ދެބޭން ވެސް އޭރު އެތަނުގައި މަސައްކަތްޕުޅު ކުރެއްވި އެވެ. އަލް ކިންދީގެ މައިގަނޑު މަސައްކަތަކަށް ވެފައި އޮތީ ގްރީކް ސައެންޓިފިކް ލިޔުންތައް ތަރުޖަމާކުރުމުގެ މަސައްކަތެވެ.

މިސްރުގެ އެލެގްޒެންޑްރިއާގައި ހެދުނު ލައިބްރަރީގެ ފަހުން ހެދުނު އެންމެ ބިޔަ އިލްމީ ފޮތްތަކުގެ ލައިބްރަރީ އަލް މައުމޫންގެ ދުވަސްވަރު ބަޣުދާދުގައި ބިނާ ކުރެއްވި އެވެ. އެ ލައިބްރަރީގައި ބައިޒެންޓިއަމް އިން ގެނެވުނު އެތައް އިލްމީ ލިޔުންވެސް ރައްކާކުރެވުނެވެ. މީގެ އިތުރުން ފަޒާގެ އިލްމީ ދިރާސާ ކުރުމަށް އޮބްޒަވޭޓަރީ ގާއިމްކޮށް ކުރީގެ ފަޒައީ އިލްމުވެރިންގެ މަސައްކަތް މުސްލިމް އިލްމުވެރިން އިތުރަށް ބިނާ ކުރި އެވެ.

އަލް ކިންދީ ވަނީ އައްބާސީ ދައުލަތުގެ ހަލީފާ އަލް މުއުތަސިމްގެ ދަރިކަލުން އަހުމަދު ތުއްޕުޅުއިރު އޭނާއަށް ތައުލީމު އުނގަންނަވައި ދެއްވާފަ އެވެ. ނަމަވެސް އައްބާސީ ދައުލަތުގެ ފަހުގެ ހަލީފާއިންނާއި އަލް ކިންދީގެ ގުޅުން ހީނަރުވެގެން ގޮސްފައިވެ އެވެ. ސަބަބެއް ކަމުގައި ބެލެވެނީ ހައުސް އޮފް ވިޒްޑަމްގެ އިލްމުވެރިންނާއި މުސްލިމުންގެ އެހެނިހެން އިލްމުވެރިންގެ އަރާރުމާއި އެ ދެމެދުގައި އުފެދުނު ހިލާފްތަކެވެ.

އަލް މައުމޫން އަވަހާރަވެ ފަހުން ހަލީފާ އަލް މުތަވައްކިލްގެ ދުވަސްވަރު ހައުސް އޮފް ވިޒްޑަމްގައި ތިއްބެވި ގަދީމީ ފިކުރުގެ އިލްމުވެރިން ފިޔަވައި ދެން ތިއްބެވި އިލްމުވެރިން ދުރުކުރައްވައި އަދި ބަޣުދާދުގައި އޭރު ބިނާކުރެވުނު ކްރިސްޓިއަން އަދި ޔަހޫދީންގެ ފައްޅިތައް ތަޅާލެއްވި އެވެ. އަލް ކިންދީ ހިމެނުނީ ފަހުން މިދެންނެވި އިލްމުވެރިންގެ ތެރޭގަ އެވެ.

އަލް ކިންދީގެ އިލްމީ މަސައްކަތަކީ އެޒަމާނުގެ ފިލޯސޮފީ އަދި ސައެންސް ތަރައްގީރުމަށް އޭނާގެ އިލްމީ ލިޔުންތައް ވަރަށް ބޮޑު ނުފޫޒެއް ނުވަތަ ދައުރެއް އަދާކުރި ލިޔުންތަކެކެވެ. މިޑްލް އޭޖުގެ ދުވަސްވަރު އަލް ކިންދީ ވެފައިވަނީ އެދުވަސްވަރު ތިބި އެންމެ ތޫނުފިލި 12 ބޭފުޅުންގެ ތެރޭގައި ހިމެނިފަ އެވެ. އަލް ކިންދީ ދެކެވަޑައިގަތީ މުސްލިމުންގެ ފިކުރިއްޔާތާއި ޒަމާނީ ފިލޯސޮފީ އެއްކޮށްގެން އިލްމީ މަސައްކަތްތަކެއް ކުރެއްވޭނެ ކަމަށެވެ.

މީގެ އިތުރުން ހިސާބް އިލްމާއި ސައެންސާއި މެޑިސިން އަދި މިޔުޒިކްގެ އިލްމަށް އޭނާގެ އިލްމީ މަސައްކަތުން ބޮޑެތި ކުރިއެރުން ގެނެސްދީފައިވެ އެވެ. އަލް ކިންދީ ވަނީ އެސްޓްރޮނޮމީގެ 12 ފޮތް، އެރިތްމެޓިކްގެ 11 ފޮތް، ޖިއޮމެޓްރީގެ 12 ފޮތް، މެޑިސިންގެ 22 ފޮތް، ފިޒިކްސްގެ 12 ފޮތް، ފިލޯސޮފީގެ 22 ފޮތް، ލޮޖިކާއި ބެހޭ 9 ފޮތް، ސައިކޮލޮޖީ 5 ފޮތް، އަދި މިޔުޒިކްގެ 7 ފޮތް ލިޔުއްވާފައިވެ އެވެ. ޝައްކެއް ނެތް ގޮތުގައި އަލް ކިންދީ އަކީ މިޑްލް އޭޖް ޒަމާނުގައި ދުނިޔެ ދުށް އެންމެ ބޮޑު އެއް އިލްމުވެރިޔާ އެވެ.