މީހުން

މުސްލިމު އިލްމުވެރިޔާ އަލް ބައިތަރު

އަބޫ މުހައްމަދު އަބްދުﷲ އިބްނު އަހްމަދު އިބްނު އަލް ބައިތަރް ޒިޔާ އައް ދީން އަލް މަލަގީ އުފަންވެވަޑައިގެންފައިވަނީ 12 ވަނަ ގަރުނުގެ ފަހުކޮޅު ސްޕޭންގެ ދެކުނުން އޮންނަ އަންދަލޫސިއާގެ މަލަގާގަ އެވެ.

އަލް ބައިތަރު އަކީ މިޑްލްއޭޖް ޒަމާނުގައި ދުނިޔޭގައި އެންމެ އަރައި ހުންނެވި ބޮޓަނިސްޓް އަދި ފާމަސިސްޓެވެ. އޭނާ ބޮޓަނީ ދާއިރާއިން އުނގެނިވަޑައިގަތީ އެދުވަސްވަރުގެ މަޝްހޫރު ބޮޓަނިސްޓް އާލިމް އަބޫ އަލް އައްބާސް އަލް ނަބާތީގެ އަރިހުންނެވެ. އަލް ނަބާތީ އާއިއެކު އަލް ބައިތަރު ސްޕޭންގެ ސަރަހައްދުގައި އާއި އަދި ސްޕޭނާ ކައިރި ހިސާބުތަކުން ގަސްގަހާގެހި އެއްކުރައްވަން ފެއްޓެވި އެވެ.

އަލް ބައިތަރު މީލާދީން 1219 ގައި ސްޕޭނުން އެފްރިކާއަށް އަދި އޭޝިއާ މައިނާ އަށް ދަތުރުކުރައްވައި ތަފާތު އެކި ވައްތަރުތަކުގެ ގަސްގަހާގެހި އެއްކޮށް އެތަކެތި ތަހުލީލުކުރެއްވި އެވެ. އެގޮތުން މަޝްހޫރު ތަންތަން ކަމުގައިވާ އަލްޖީރިއާގެ ބުޖާޔާ އާއި ތުރުކީގެ ކޮންސްޓަންޓިނޯޕްލް އާއި ޓިއުނީޝިއާ އާއި ލީބިއާގެ ޓްރިޕޮލީއާއި އިޓަލީގެ ބާރްގާ އަދި ތުރުކީގެ އަންތާލްޔާ ހިމެނެ އެވެ.

މީލާދީން 1224ގެ ފަހުން މިސްރުގެ ގަވަރުނަރު ސުލްތާން އަލް ކާމިލްގެ ހިދުމަތާއި އަލް ބައިތަރު ގުޅިފައިވެ އެވެ. އަދި ސުލްތާންގެ ހާއްސަ ފަތްޕިލާވެލީގެ މުޝީރު ކަމަށް އައްޔަން ކުރެވުނެވެ. ސުލްތާން އަލް ކާމިލްގެ ބާރު ދިމިޝްގަށް ފެތުރި ސުލްތާން އާއި އެކު އަލް ބައިތަރު ސީރިއާއަށް ވަޑައިގެންނެވުމުން ސީރިއާ ސަރަހައްދުގެ ގަސްގަހާގެހި އެއްކުރުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. އަލް ބައިތަރު ގަސްގަހާގެހީގެ ދިރާސާ ވަރަށް ފުޅާކޮށް ކުރައްވާފައިވެ އެވެ. އަރަބިއާގެ ސަރަހައްދުންނާއި ފަލްސްތީނުން ގަސްގަހާގެހީގެ މައުލޫމާތު އެއްކުރައްވާފައިވެ އެވެ.

ބޭސްވެރިކަމުގައި ބޭނުންކުރާ ފަތްޕިލާވެލީގެ މައުލޫމާތު ހިމަނުއްވައި އަލް ބައިތަރް ލިޔުއްވި އިލްމީ ފޮތް ކިތާބް އަލް ޖާމީ ފީ އަލް އަދްވިއްޔާ އަލް މުފްރަދާ އަކީ ބޮޓަނީގެ ދާއިރާއިން އަރަބި ބަހުން ލިޔެފައި އޮތް އެންމެ ބޮޑު އިލްމީ މަސައްކަތެވެ. މީލާދީން 16 ވަނަ ގަރުނާއި ޖެހެންދެން އެންމެ ކުރީގައި ބޭނުންކުރެވެމުން އައި އެއްފޮތަކީ އެފޮތެވެ. 1400 ބޭސްވެރިކަމުގެ ފަތްޕިލާވެލީގެ ބާވަތްތައް އެ ފޮތުގައި ހިމަނާފައިވާއިރު އެއިގެ ކުރިން ހޯދިފައި ނުވާ 200 ފަތްޕިލާވެއްޔެއްގެ މައުލޫމާތު މުޅިން އަލަށް ހޯދައި ހިމަނުއްވާފައިވެ އެވެ.

އަލް ބައިތަރު ދެވަނައަށް ކުރައްވާފައިވާ އެންމެ ބޮޑު އިލްމީ މަސައްކަތަކީ ބޭސްވެރިކަމަށް ހާއްސަ ކިތާބް އަލް މުލުގްނީ ފީ އަލް އަދްވިއްޔާ އަލް މުފްރަދާ ލިޔުއްވުމެވެ. ބޭސްވެރިކަމަށް ހާއްސަކޮށްފައިވާ އެ ފޮތުގައި ބޮލުގެ ރިހުމާއި ލޮލާއި ކަންފަތުގެ ރިހުންތަކަށް ފަތްޕިލާވެލިން ފަރުވާ ލިބިގެންދާ ގޮތް ލިޔުއްވާފައިވެ އެވެ.

އަލް ބައިތަރު ވެގެންގޮސްފައިވަނީ އިރުމައްޗާއި ހުޅަނގުގައި އުފެދުނު ބޮޓަނީ އަދި މެޑިސިން ދާއިރާއަށް ބޮޑު ނުފޫޒެއް ފޯރުއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އޭނާގެ އިލްމީ ފޮތްތައް ލެޓިނަށް ތަރުޖަމާ ކުރެވި އަދި އެތަކެއް ސައެންސްވެރިން އެއަށް ހަވާލާދީފައިވެ އެވެ.