އިލެކްޝަންސް ކޮމިޝަން

ޑަބްލިއުޑީސީގެ ބައި އިލެކްޝަންތައް ޖޫންގައި ބާއްވަނީ

Apr 2, 2023

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ނުވަތަ ޑަބްލިއުޑީސީ ތަކުގެ ބައި އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވަންޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ބާއްވާ ފުރަތަމ އިންތިހާބުތައް މިއަހަރުގެ ޖޫން މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޑަބްލިއުޑީސީ އިންތިހާބުތައް އޮންނާނީ މިއަހަރުގެ ޖޫން 17 ވާ ހޮނިހިރު ދުވަހު ކަމަށެވެ.

އިންތިހާބުތަކުގައި ވާދަކުރަން ބޭނުންވާ މީހުންނަށް މި މަހު 18 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.

ޖޫން މަހު އިންތިހާބު ބާއްވާ ރަށްތައް

  • ހދ. ފިނޭ،
  • ށ. މާއުނގޫދޫ،
  • ރ. މީދޫ،
  • ކ. ދިއްފުށި،
  • މ. ވޭވަށް،
  • ފ. ބިލެތްދޫ،
  • ތ. ގާދިއްފުށި،
  • ލ. މާމެންދޫ،
  • ގދ. ވާދޫ
  • ގދ. ހޯނޑެއްދޫ

ލާމަރުކަޒީ ގާނޫނުގެ ދަށުން ކުރިން އިންތިހާބު ބާއްވަމުން ގެންދިޔައީ ޑަބްލިއުޑީސީގެ މެންބަރަކު އިސްތިއުފާ ދޭތާ 60 ދުވަހުގެ ތެރޭގަ އެވެ. އެކަމަކު ލާމަރުކަޒީ ގާނޫނާއި ޑަބްލިއުޑީސީ އިންތިހާބު ކުރުމުގެ ގަވައިދަށް މިދިޔަ އަހަރު ގެނެސްފައިވާ އިސްލާހާ އެކު ޑަބްލިއުޑީސީ އިންތިހާބު ދެން ބާއްވަން ޖެހޭނީ އަހަރަކު އެއް ފަހަރު އެވެ. އެކަމަކު ޑަބްލިއުޑީސީ އަކަށް ކޯރަމް ހަމަނުވާ ނަމަ އެފަދަ ރަށްތަކުގައި ގާނޫނުގައި ކުރިން އޮތް ގޮތަށް މެންބަރު އިސްތިއުފާ ދޭތާ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވާނެ އެވެ.

ޑަބްލިއުޑީސީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވަން ނިންމީ މިފަދަ އިންތިހާބުތައް ގިނަގިނައިން ބާއްވަން ޖެހުމުން އިންތިހާބުތަކަށް ބޮޑު ހަރަދެއް ކުރަންޖެހުމާ ގުޅިގެން އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދުމަށެވެ.