ޕީޕީއެމް

ސްޓެލްކޯގެ މުވައްޒަފުން ވަކި ކުލައެއްގެ ގަލަމަކުން ވޯޓުލާން އަންގާ

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ސްޓެލްކޯގެ މުުވައްޒަފުން ވަކި ކުލައެއްގެ ގަލަމަކުން ވޯޓުލާން އަންގާ ކަމަށް އިދިކޮޅު ޕީޕީއެމުން ތުހުމަތުކޮށްފި އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުން ވަކި ކުލައެއްގެ ގަލަމަކުން ވޯޓުލާން އެންގުމަކީ ވޯޓަށް ނުފޫޒު ފޯރުވުން ކަމަށެވެ.

ހީނާ ވިދާޅުވީ މި މައްސަލަ ޕީޕީއެމުން އިލެކްޝަންްސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

ބަލިވާނެކަން އެނގުނީމާ ވޯޓުން ވައްކަން ކުރުން ހުއްޓާލާ. އަޅުގަނޑުމެން މިތިބީ ވަރަށް ފާރަވެރިވެގެން،" ހީނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު އެވެ.

ގުރައިދޫ ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދޫ އާއި މާފުށި އަދި ގުޅީގައި ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:00ގަ އެވެ. މާލޭގައި ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:03ގަ އެވެ.

މި އިންތިހާބުގައި ވާދަކުރަނީ އެމްއެންޕީއާއި އެމްޑީޕީއާއި ޕީޕީއެމްގެ ކެންޑިޑޭޓެކެވެ. ހުރިހާ ކެންޑިޑޭޓުން ވެސް ނިސްބަތްވަނީ ގުރައިދޫ ދާއިރާގެ އެންމެ ބޮޑު ރަށް -- ގުރައިދޫ އަށެވެ.

ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އަށެވެ. އެމްޑީޕީން ޓިކެޓް ދީފައިވަނީ އިބްރާހީމް ޝާޒު އަށެވެ. އެމްއެންޕީން ޓިކެޓް ދީފައިވަނީ އަލީ އާރިފް އަށެވެ.

އިންތިހާބުގައި ޖުމްލަ 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.