ދުނިޔެ

އިމަނުއެލް މެކްރޮން ޕެންޝަން ނިޒާމު އިސްލާހުުކުރާ ބިލުގައި ސޮއިކުރައްވއިފި

ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ޕެންޝަން ނިޒާމް އިސްލާހުުކުރާ ބިލުގައި ސޮއިކުރައްވއިފި އެވެ. މިއާ އެކު މި ބިލު ގާނޫނަކަށްވެ ވަޒީފާ އަދާކުރާ އެންމެންގެ މައްޗަށް ތަންފީޒުކުރެވެމުންދާނެ އެވެ.

މެކްރޮންގެ ސަރުކާރުން ޕެޝަން ސްކީމަށް ބަދަލު ގެނެސް ވަޒީފާ އަދާކުރެވޭ އެންމެ މަތީ އުރުމު 62 އަހަރުން 64 އަހަރަށް މަތިކުރަން އިސްލާހެއް ހުށަހެޅުމާ އެކު އާންމުންގެ މެދުގައި ނުތަނަކަން އުފެދި ބޮޑެތި މައްސަލަތައް ވަނީ ސަރުކާރަށް ކުރިމަތިވެފަ އެވެ.

އާންމުން މަގުތަކަށް ނުކުމެ ތަންތަނުގައި ހުޅުޖަހައި އާންމުންނާއި ސަރުކާރުގެ މުދަލަށް ވަނީ ގެއްލުންދީފަ އެވެ. އެހެންނަމަވެސް، ސަރުކާރުގެ ވިސްނާފައި އޮތް ގޮތަށް ޕެންޝަން ނިޒާމު މިވަނީ އިސްލާހުކޮށްފަ އެވެ.

ފްރާންސްގެ "ކޮންސްޓިޓުޝަނަލް ކައުންސިލް" އިން މި ބިލަށް ރުހުންދިނީ ހުކުރު ދުވަހު އެވެ.

ރުހުންދޭ ހިސާބުން ބިލުގައި ސޮއިކުރެއްވުމަށް ރައީސަށް 48 ގަޑިއިރު ލިބިވަޑައިގަންނަވާނެ އެވެ.

މި ބިލުގައި ބުނާ ގޮތުން 2030 ލައިގަންނަން ވާއިރަށް ބިލުގެ މާއްދާތަކަށް އަމަލުކުރަން ފަށަންވާނެ އެވެ.

ރައީސް މި ބިލުގައި ސޮއިކުރެއްވުމާ އެކު ފްރާންސްގައި މުޒާހަރާތައް ފުޅާކުރަން ވަނީ ނިންމާފަ އެވެ.

ފަރަންސޭސި މަސައްކަތްތެރިންގެ ޔޫނިއަނުން ވެސް ވަނީ ތަންދޮރު ބެލުމެއް ނެތި މުޅި ގައުމުގައި މުޒާހަރާކުރާނެ ކަމަށް ބުނެފަ އެވެ.

ޕެންޝަން ސްކީމަށް ބަދަލު ގެނެސް ރިޓަޔާކުރާ އުމުރު -- ވަޒީފާ އަދާކުރެވޭ އެންމެ މަތީ އުމުރަށް ބަދަލު ގެނައުމަކީ އާންމުން ދެކޭ ގޮތުގައި ޒުވާން ޖީލަށް ފުރުސަތު ގެއްލޭނެ ކަމެކެވެ. އެއީ މުސްކުޅި އުމުރުގެ މީހުން ވަޒީފާތަކުގައި ގިވަނުމުން ޒުވާނުންނަށް ފަޒީފާ ލިބުމަށް ހުރަސްއެޅޭނެ ކަމެކެވެ.