ރައީސް އަބްދުﷲ ޔާމީން

ވަކީލުންނާ ބައްދަލުކުރަން އެކަށީގެންވާ ވަގުތު ނުދޭތީ ޔާމީން ކަންބޮޑުވެވަޑައިގެންފި

ރ. ފުއްގިރި މައްސަލައިގައި ވަކީލުންނާ ބައްދަލުކުރުމަށާއި ދައުވާއަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރ. ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.17 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ފުއްގިރީގެ މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފަ އެވެ.

ފުއްގިރި މައްސަލައިގައި މިއަދު އޮތީ ރައީސް ޔާމީނާ ކުރާ ދައުވާގެ އިފްތިތާހީ ބަޔާން ހުށަހެޅުމެވެ. ނަމަވެސް ޝަރީއަތް ފެށުމާ އެކު ރައީސް ޔާމީން ވިދާޅުވީ މިމައްސަލައިގައި އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނަށް ވަކީލު ބައްދަލުވުން ހަމަޖައްސައިދިނުމަށް ކޯޓުން އެންގި ނަމަވެސް މިދިޔަ ހަފްތާ ބަންދުގެ ތެރޭގައި ވަކީލުންނާ ބައްދަލުކުރަން ފުރުސަތު ލިބިވަޑައިގެންފައި ނެތް ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލުން ވެސް ވިދާޅުވީ އެމަނިކުފާނާ ގުޅުންހުރި އިސްތިއުނާފް އިތުރު މައްސަލަތަކެއް ވެސް އެކި ކޯޓުތަކުގައި ހުރުމުން އެ މައްސަލަތަކަށް ވެސް ވަގުތު ދޭންޖެހޭތީ މިއަދު ހުށަހަޅަން އޮތް އިފްތިތާހީ ބަޔާން ހުށަހެޅުމަށް ވަގުތު ނުލިބުނު ކަމަށެވެ. އެހެންވެ ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ޓީމުންވެސް އެދިވަޑައިގަތީ އިފްތިތާހީ ބަޔާން ހުށަހެޅުން އެހެން ދުވަހަކަށް ފަސްކޮށްދިނުމަށެވެ.

ދައުލަތުން މިހުށަހެޅުމަށް ދެކޮޅު ހަދާފައި ނުވާތީ މައްސަަލަ ބައްލަވާ ގާޒީ އަލީ ނަދީމު ވަނީ މިމައްސަލައިގައި އަޑުއެހުމެއް ދެން އޮންނަ ދުވަހު ރައީސް ޔާމީންގެ ފަރާތްޕުޅުން އިފްތިތާހީ ބަޔާން ހުށަހެޅުމަށް އަންގާފަ އެވެ. އަދި ހަމަ އެ ދުވަހު ހެކިބަސް ނެގުން ކުރިއަށް ގެންދަވާނެ ކަމުގައިވެސް ގާޒީ ވިދާޅުވި އެވެ.

ސަން ކޮންސްޓްރަކްޝަން ކުންފުންޏަށް ކުރާ ދައުވާ އާއި ގުޅިގެން ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އެ ކުންފުނީގެ ވަކީލު ވަނީ ދައުވާ އަށް އިންކާރުކުރައްވާފަ އެވެ. ވަކީލު ވިދާޅުވި ގޮތުގައި ދައުވާގެ އުންސުރުވެސް ފުރިހަމަ ނުވެ އެވެ.

ރައީސް ޔާމީން މިވަގުތުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެއީ ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވައި އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެގެންނެވެ. މިމައްސަލަ ވެސް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެއްވޭނެ އެވެ.