އިލްޔާސް ލަބީބް

މިއީ ފުރުސަތެއް، ޝައްކުނުކުރައްވާ: އިލްޔާސް

ދަ ދިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ހަމައެކަނި ކެންޑިޑޭޓް އިލްޔާސް އަވަސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަނީ އޭނާއަށް ވޯޓު ދޭންވީ ސަބަބުތަކާއި އޭނާ ޕްރޮމޯޓް ކުރައްވަން ބޭނުންވާ ބައެއް ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. އަދި އެމްޑީޕީ ދޫކުރައްވާ ޑިމޮކްރެޓްސް އުފެއްދުމުގައި ބައިވެރިވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ސަބަބުތަކާ ގުޅޭގޮތުންވެސް ވާހަކަދެއްކެވި އެވެ. މީގެ އިތުރުން އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ ގައުމަށާއި ރައްޔިތުންގެ ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތަކުގެ މިންވަރެއް ވެސް ހިއްސާކުރެއްވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރެއްވުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމު ބަދަލުކޮށް ހެޔޮވެރިކަމެއް ގާއިމުކުރުމަށް ދިވެހިންނަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ. މި ފުރުސަތުގެ ބޭނުން ހިފުމަށް ދިވެހި ރައްޔިތުން ހެޔޮ ވިސްނުމަކުން ވިސްނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އެމްޑީޕީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ އެމްޑީޕީއަކީ ކުރިން އެތެރޭގެ ޑިމޮކްރަސީ ވަރަށް ވަރުގަދަ ޕާޓީއެއް ކަމަށެވެ. ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހެޔޮ އަސާސްތަކެއް ވަރުގަދަ އުސޫލުތަކެއް އެމްޑީޕީން ކުރިން ހިފެހެއްޓި ކަމަށް އިލްޔާސް ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީގެ ވެރިންގެ ގޮތުގައި މިއަދު ތިއްބެވި ބޭފުޅުންނަށް ޕާޓީ ހިންގަން ލިބުމާ އެކު އެމްޑީޕީން ކުރިން ހިފަހައްޓަމުން އައި އުސޫލުތައް ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.

އެހެންވެ އެކަމާ އަޅުގަނޑުމެން ހިތްހަމަ ނުޖެހުނީ. އޭގެ އިތުރަށް ޕާޓީގެ އިންޓާނަލް ޑިމޮކްރަސީ އެކީ ނެތި ދިޔައީ. އިންޓާނަލް އެއްވެސް ޑިމޮކްރެޓިކް ޕްރޮސެސްއެއް ނެތް. ހުދުމުހުތާރުކޮށް މުޅި ޕާޓީ ތެރޭގައި ކަންތައްތައް ހިނގަން ފެށީމާ އަޅުގަނޑުމެން ނިންމީ ޕާޓީން [އެމްޑީޕީ] ނިކުމެފަ އާ ޕާޓީއެއް އުފެއްދުމަށް
އިލްޔާސް ލަބީބު | ހުޅުދޫ ދާއިރާގެ މެންބަރު

އިލްޔާސް އަކީ އެމްޑީޕީން ރިޔާސީ އިންތިހާބުތަކަށް މެނިފެސްޓޯތައް އެކުލަވާލުމުގައި މުހިއްމު ހިއްސާއެއް އޮތް ބޭފުޅެކެވެ. އެކަމުގައި އަމަލީގޮތުން އެންމެ ކުރީ ސަފުގައި ހުންނެވި ބޭފުޅެކެވެ. އެ ތަޖުރިބާގެ އަލީގައި އިލްޔާސް ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ރައްޔިތުންނަށް ވިއްކެވި މެނިފެސްޓޯ އެކުލަވާލުމުގައިވެސް މުހިއްމު ދައުރެއް އަދާކުރައްވާފަ އެވެ. އެކަމަކު އިލްޔާސްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްފަހު އެމްޑީޕީގެ ސިޔާސަތުތައް ރައީސްގެ ވެރިކަން ދެމެހެއްޓުމަށް މާނައެއް ނެތް ގޮތްގޮތަށް ބަދަލުކުރެއްވުމެވެ.

އިލްޔާސް ވިދާޅުވީ އެމްޑީޕީގެ އުސޫލުތަކާއި ފަލްސަފާއަށް ބޮޑު ބަދަލެއް ގެންނަން ފެށުމުން އަދި މެނިފެސްޓޯގައިވާ ސިޔާސަތުތައް މާނައެއް ނެތް ގޮތްގޮތަށް ބަދަލުކުރަން ފެށުމުން އެކަންކަން އިސްލާހުކުރުމަށް އަދި ހައްލުކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރެއްވި ކަމަށެވެ. އޭނާއާ އެކު އެކަމުގައި އެހެން ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެއްބާރުލުން ލިބިވަޑައިނުގެންނެވި ކަމުގައި ވިދާޅުވި އެވެ.

""އެންމެ ފަހުން އައިސް އެމްޑީޕީގެ ބަސްމަގުގެ ގުނަވަން ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި، އެ ގައުމީ މަޖިލިސްގެ މެމްބަރުންނަށް ބަސް ނުބުނެވޭ ގޮތަށް އެ ގައުމީ މަޖިލިސްވެސް ބަންދު ކުރީ. މަޖިލީހުގެ ބައްދަލުވުމެއް އޮތް ކަމުގައިވި ނަމަ އެ ބައްދަލު ވުމެއް ލައިވް ކުރުންވެސް ހުއްޓާލީ،" އެމްޑީޕީ ރޫޅެން ދިމާވި މައްސަލަތަކާ ގުޅޭގޮތުން އިލްޔާސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް އިލްޔާސް ވިއްކަން ބޭނުންވާ ސިޔާސަތުތައް ހިމެނޭ ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ ތައްޔާރުކުރުމުގެ މަރުހަލާ ގާތްގަނޑަކަށް ވަނީ ނިމިފަ އެވެ. ޑިމޮކްރެޓުންގެ މެނިފެސްޓޯ ވެސް އެކުލަވާލަނީ އިލްޔާސްގެ ވަރަށް ބޮޑު ބައިވެރިވުމަކާ އެކު އެވެ. އެގޮތުން އިލްޔާސް ވަނީ މާލެއާއި އަތޮޅު ތެރެއިން އެތައް ރައްޔިތެއްގެ އަޑު އައްސަވާ، އެ ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވުމަށް އެތައް ވަގުތެއް ހޭދަކުރައްވާފަ އެވެ. އިލްޔާސް ދެއްވާ ޔަގީންކަމަކީ ރައްޔިތުން އެންމެ އެދޭ ސިޔާސަތުތައް މެނިފެސްޓޯގައި ހުންނާނެ ކަމުގެ ޔަގީންކަމެވެ. އަދި އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެކަންކަން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އިލްޔާސް ވިދާޅުވީ ރާއްޖޭގެ އާބާދީގައި ޒުވާނުން ބޮޑު ޕަސަންޓެއް ހިއްސާކުރާއިރު ވަރަށް ގިނަ ޒުވާނުންނާ މަޝްވަރާކޮށްގެން ޒުވާނުން ހުރި ފުރުސަތުތައް އިތުރުކުރުމަށް ސިޔާސަތުތަކެއް ހުންނާނެ ކަމަށެވެ. އަދި ޒުވާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތްކޮށްގެން ތާހިރު ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމަށްޓަކައި އެމީހުންނަށް ފައިނޭންސް ލިބޭނެ ދޮރުތައް ހުޅުވައިދޭނެ ކަމުގައި ވިދާޅުވި އެވެ. ރާއްޖޭގައި މިހާރު ހިނގަމުންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަދި މައިކްރޯ ވިޔަފާރިތައް ހިންގާ ބޭފުޅުންގެ ވިޔަފާރިތައް އިތުރަށް ފުޅާކުރެވޭނެ ހަރުދަނާ ސިޔާސަތުތަކެއް ފަހިގޮތްތަކެއް މެނިފެސްޓޯގައި ހުންނާނެ ކަމުގައި ވިދާޅުވި އެވެ.

"ގައުމު ބިނާ ކުރުމުގައި ވިޔަފާރިވެރިން އަދި ޒުވާނުންގެ އިރުޝާދު ހޯދަން ޖެހޭ. އެކަން އަޅުގަނޑު ކުރިން،" އިލްޔާސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި އިލްޔާސްއަށް ވޯޓު ދޭންވީ ކީއްވެގެންތޯ ދެންނެވުމުން އިލްޔާސް ވިދާޅުވީ މިހާރު މިއޮތް ސަރުކާރު މަތިންވެސް އަދި ކުރިގައި ރާއްޖޭގައި ވެރިކަން ކޮށްފައިވާ ސަރުކާރުތަކުންވެސް އަމަލުކުރި ގޮތުން ދިވެހި ރައްޔިތުން ތިބީ ވަރަށް ބޮޑަށް ފޫހި ވެފައި ކަމަށެވެ. އެހެންވެ ރައްޔިތުން މިހާރު އެދެނީ އޭނާ ފަދަ ޒުވާން ބޭފުޅެއްގެ ވެރިކަމެއް ފެނުމަށް ކަމަށް ވިދާޅުވި އެވެ. އެފަދަ ޒުވާން ވެރިކަމަކަށް އެދޭ ބޭފުޅުންނަށް އޭނާ އަކީ އެންމެ ރަނގަޅު "ޗޮއިސް" ކަމަށާއި އޭނާއާ މެދު ޝައްކު ނުކުރެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުގެ ވާދަވެރިންގެ ގޮތުގައި މިހާރު އިއުލާންކުރައްވާފައި ތިއްބެވި ބޭފުޅުން، އެބޭފުޅުންނަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފަތިހު ހޭލާ، ނަމާދުކޮށްލައިގެން، ކަސްރަތުކޮށްލައިގެން މިކަމާ އުޅެވޭވަރަށްވުރެ ތަންކޮޅެއް ދޮށީ ބޭފުޅުން،" ޒުވާނުންގެ އަތްމައްޗަށް ވެރިކަން ގެންނަންޖެހޭ ސަބަބުތަކާ މެދު ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ސަރުކާރުން އަދި ރައީސުލްޖުމްހޫރިއްޔާ ބޮޑެތި ނިންމެވުންތައް ނިންމަވާއިރު ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންގެ މަޝްވަރާއާއި ލަފާ ފުޅާދާއިރާއެއްގައި ހޯދާނެ ކަމަށެވެ. އެކަމަކު އޭނާގެ ވެރިކަމެއްގައި އެއްވެސް ބޭފުޅަކަށް އޭނާގެ މައްޗަށް ވެސް އަދި ސަަރުކާރަށްވެސް ނުފޫޒު ފޯރުވަން އެއްވެސް ޖާގައެއް ނޯންނާނެ ކަމުގައި ވިދާޅުވި އެވެ.

"ރާއްޖެ މިހާރު މިއޮތް ހިސާބުން އެހެން ހިސާބަކަށް ގެންދިއުމަށް ތަޖުރިބާކާރުންގެ މަޝްވަރާ އާއި ލަފާ ހޯދަން ޖެހޭ. އެކަން އަޅުގަނޑު ކުރާނަން،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް އިތުރަށް ވިދާޅުވީ ހަޔާތްޕުޅުގައި އޭނާ މިއަދު ހުންނެވި ހިސާބަށް ވާސިލްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދާ ކުރެއްވި ދައުރާއި ވެދެއްވި އެހީތެރިކަން ވަރަށް މުހިއްމު ދައުރެއް އަދާކުރި ކަމަށެވެ. އެކަމަކު ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވީ ރައީސް ނަޝީދު އެދިވަޑައިގެން ނުވަތަ އެމަނިކުފާނުގެ ނުފޫޒަކަށް ނޫން ކަމުގައި ވިދާޅުވި އެވެ. އެކަމަކު ފޯމު ހުށަހެޅުއްވުމުގެ ކުރިން ވަރަށް ގިނަ ބޭފުޅުންނާ މަޝްވަރާ ކުރެއްވި ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑު ފޯމު ލުމަށް ނިންމާފައި ރައީސް ނަޝީދަށް ދެންނެވީވެސް. ދެންނެވީމާ ރައީސް ނަޝީދު ވިދާޅުވި ވަރަށް އުފާވެއްޖެއޭ،" އިލްޔާސް ވިދާޅުވި އެވެ.