ރިޔާސީ އިންތިހާބު 2023

ޑިމޮކްރެޓުންގެ ވެރިކަމުގައި ރައްޔިތުން އަޅުވެތިވެގެން ނުދާނެ: އިލްޔާސް

ރާއްޖޭގެ ރައްޔިތުން އަޅުވެތިކަމެއް އިތުރަށް ތަޖުރިބާކުރަން ބޭނުން ނުވާ ކަމަށާއި ޑިމޮކްރެޓުންގެ ވެރިކަމެއްގައި މިނިވަން ސިޔާސަތުތަކެއްގެ ތެރެއިން ރައްޔިތުންނަށް ކަންކަން ހާސިލްކުރެވޭނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިލްޔާސް ވިދާޅުވީ މި ސަރުކާރުގައި މިހާރު ހިނގަމުންދާ ކޮރަޕްޝަނުގެ މައްސަލަތަކަށް އެއްގޮތަކަށްވެސް އަޅާނުލެވޭ ކަމަށާއި އެހެންވެ ރައްޔިތުން ތަޖުރިބާ ކުރަންޖެހިފައި މިވަނީ އަޅުވެރި ކަމެއް ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމުގައި ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ އާސަންދަ ހޯދުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރުއްސަވައިގެން އުޅުއްވާ މެމްބަރަކަށް ގުޅައިގެން ނޫނިީ މިއަދު ނުލިބޭ ކަމަށެވެ. އަދި ދައުލަތުގެ މަސައްކަތެއް ކުރަން ކޮންޓްރެކްޓެއް ހޯދުމަށްވެސް ރައީސް ސޯލިހް ރުއްސަވަން ޖެހޭ ކަމުގައުި ވިދާޅުވި އެވެ.

"ހުރިހާ ވިޔަފާރިތައް ބަނގުރޫޓު ކޮށްލައިފި. ހުރިހާ ވިޔަފާރިތައް ބަނގުރޫޓު ކޮށްފައި ސަރުކާރުން ކުންފުނިތައް ހަދައިގެން ކުންފުނިތަކަށް މުވައްޒަފުން ބައިވަރު ލައިގެން އަޅުން ގޮތުގައި ގެންގުޅެން ފަށައިފި،" ސަރުކާރަށް ފާޑުވިދާޅުވަމުން އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި މިހާރު ވާދަކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތަޖުރިބާ ރައްޔިތުން ވަރަށް ގިނަ ގޮތަށް ކޮށްފި ކަމަށާއި ރައީސް ސޯލިހްގެ ތަޖުރިބާ ވެސް ދިވެހިންނަށް ފެނި ތަޖުރިބާ ކުރެވިއްޖެ ކަމަށެވެ. ރައީސް ސޯލިހް ވެރިކަމުގައި މިދިޔަ ފަސް އަހަރު ފެނުނީ ފިނިހަކަ ދުވެލީގައި ކަންކަން ހިނގަމުން ދިޔަ މަންޒަރު ކަމަށް ވިދާޅުވި އެވެ. ރައްޔިތުންނަށް 2018ގައި ދެއްކި މެނިފެސްޓޯގައިވާ ކަންކަން ނުކުރައްވައި މިވެރިކަމުގައި ރައްޔިތުން ބާކީކޮށްފި ކަމަށްވެސް ތުހުމަތުކުރެއްވި އެވެ. ސަރުކާރުގެ އަމަލުތަކާ ގުޅިގެން އަލަށް އަންނަ ޖީލުގެ ކުރިމަގު ބަނަވެ ގޮސްހުސްވާ ހިސާބަށް ގޮސްފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

ޑިމޮކްރެޓުންގެ ބައެއް ސިޔާސަތުތައް ހިއްސާކުރައްވަމުން އިލްޔާސް ވިދާޅުވީ "ފަސޭހަ ވިޔަފާރި" ސިޔާސަތުގައި މިހާރު ހުރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ފައިސާ ލިބޭނެ ފަސޭހަ ގޮތްތައް ހުންނާނެ ކަމަށެވެ. ފައިސާ ހޯދަން ހުށަހަޅާ ޕްރޮޕޯސަލް އަށް ގިނަވެގެން 15 ދުވަސް ތެރޭގައި ޖަވާބެއް ދޭނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.

"ހަމަ އެކަނި ބޭނުންވާނީ ޕްރޮޕޯސަލް އެއް. ޕްރޮޕޯސަލް އެއް ވައްޓާލީމަ އަޅުގަނޑުމެން ފައިސާ ދޭނަން. ފެސިލިޓީސް ހޯދައި ދޭނަން. އެކަމަށް މަގުފަހި ކޮށްދޭނަން،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިމޮކްރެޓުންގެ ވެރިކަމުގައި ރައްޔިތުންނަށް މިހާރު ބުރައަކަށް ވެފައި އޮތް ޓެކްސް ނިޒާމަށް ބޮޑު ބަދަލެއް ގެނެސް ޓޫރިޒަމާއި އެއްވަރަށް ރާއްޖޭގެ އެހެން ސިނާއަތްތައްވެސް ކުރިއަރުވާ ދުނިޔޭގެ ފެންވަރުގައި ވިޔަފާރިކުރަން ދިވެހިންނަށް ފުރުސަތު ހޯދައިދޭނެ ކަމަށެވެ.

ޑިމޮކްރެޓުންގެ ލާމަރުކަޒީ ނިޒާމުގެ ސިޔާސަތުގައި ކައުންސިލްތަކަށް ސަރުކާރުން މިހާރު ދޭ ފައިސާއާއި ވަސީލަތަށް ވުރެ ގިނަ ފުރުސަތުތައް ފަހިކޮށްދީ ކައުންސިލްތައް ބާރުވެރިކުރުވާނެ ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ. އަދި ލާމަރުކަޒީ ސިޔާސަތުގެ ތެރެއިން ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބޮޑު ބަދަލެއް ގެނެސް މެންބަރުންގެ އަދަދު ލިމިޓްކޮށް ރައްޔިތުންގެ ބަސް ކިޔޭނެ ގޮތް ފުޅާކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ކޮންމެ ދައުރަކުން އެބަ ގޮނޑިތައް އިތުރުވެގެން ދޭ، އެހެންވީމަ މީގަ ލިމިޓެއް އޮންނަން ޖެހޭނެ،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ މައިދާނުގައި އަންހެން ބޭފުޅުންނަށާއި ޒުވާނުންނަށް އިތުރު ކަށަވަރު ޖާގަތަކެއް ހުންނަން ޖެހޭނެ ކަމަށެވެ. އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެކަން ކަށަވަރުވެގެން ދާނެ ކަމުގައި ވިދާޅުވި އެވެ. އެގޮތުން ޑިމޮކްރެޓްގެ ސަރުކާރުގައި ހުރިހާ ސިޔާސަތެއްގައި ވެސް އަންހެނުންނަށާއި ޒުވާނުންނަށް 30 ޕަސަންޓުގެ ހިއްސާއެއް ލިބޭނެ ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިހާރު މި ހުށަހަޅާފައި އޮތް ގޮތުން އަންހެން ބޭފުޅުންނަށް ވަކި ހާއްސަ ދާއިރާތަކެއް ހުންނާނެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން މަޖިލީހުން ރިޕްރެޒެންޓް ކުރެވޭނެ ގޮނޑިތަކެއް ހަމަޖެއްސުމުގެ ބައި ހުށަހަޅާފައިވާނެ،" އިލްޔާސް ވިދާޅުވި އެވެ.

ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އޭނާ ވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ރައްޔިތުން ބޭނުންވާ ކަންތައްތައް މެނިފެސްޓޯއެއްގެ ސިފައިގައި ލިޔެވި އެ ކަންތައްތައް ތަންފީޒު ކުރަން އަންނާނެ ލީޑަރެއްގެ ގޮތުގައި ކަމަށް ރައްޔިތުން ގަބޫލުކުރާނެ ކަމުގައިވެސް އިލްޔާސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ އަޅުގަނޑުމެންގެ ސިޔާސަތުތަކަށް އަދި އަޅުގަނޑުގެ މި ހުރި އެނާޖީއާ އަޅުގަނޑުގެ މިހިރަ ޒުވާން ކަމުގައި މިކަން ކުރުމަށް އަޅުގަނޑު މިހުރީ ތައްޔާރަށް،" އިލްޔާސް ވިދާޅުވި އެވެ.