ދުނިޔެ

ދުނިޔެ ހިންގަން ޖެހޭ ގޮތް އެނގޭނީ އެމެރިކާއަށް: އެމެރިކާގެ ރައީސް

ދުނިޔެ މީގެ ކުރިން ވެސް ހިންގީ އެމެރިކާއިން ކަމަށާއި ދެންވެސް ހިންގާނީ އެމެރިކާ އިސްވެ އޮވެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

އެމެރިކާއިން މީގެ ކުރިން ދުނިޔެ ހިންގަމުން އައިގޮތް މިހާރު އޮތީ ކޮޅުލާފައި ކަމަށާއި ހަށިފޮޅާލައްވައި އަމުރުމަޢުރޫފު ހިންގެވުން އާ ތަރުތިބަކުން ފައްޓަވާނެ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.

ބައިޑަންގެ މި ވިދާޅުވުމަކީ ބެލެވޭ ގޮތުގައި ޗައިނާ އަށާއި ރަޝިއާއަށް ދެއްވި މެސެޖެކެވެ. ޗައިނާއާ ރަޝިއާ ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި މިހާރު އެމެރިކާގެ ބާރެއް ނެތެވެ.

ދުނިޔޭގައި އެމެރިކާ ހަންފެތުރި ޒަމާން ހިނގައްޖެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވެސް ވަނީ ވިދާޅުވެފަ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ދެކެވަޑައިގަންނަވާ ގޮތުގައި ދުނިޔެ އަކީ އެންމެންގެ ތަނެކެވެ. ދުނިޔޭގައި ވެރިކަންކުރަން ޖެހޭ ގޮތް ކިޔައިދޭން އެނގޭނީ އެމެރިކާއަކަށް ނޫނެވެ.

އެމެރިކާގައި ތިބީ ހަސަދަވެރިކަމާއި ނަފުރަތުން ފޯވެފައި ތިބި ބައެއް ކަމަށް ޝީ ޖިންޕިން ވިދާލުވި އެވެ.

ދުނިޔެ އަކީ އެކުވެރި އަދި އެންމެ ލާމެހިގެން މަސްލަހަތަށްޓަކައި މަސައްކަތްކުރަން އޮތް ތަނެއް ކަމަށް ވެސް ޝީ ވިދާޅުވި އެވެ.

ޗައިނާގެ އުންމީދަކީ، ޝީ ޖިންޕިން ވިދާޅުވި ގޮތުގައި، ޗައިނާއަށް ލިބޭ ހެޔޮ ކަމަކުން އެހެން ގައުމުތަކަށް ފައިދާކޮށްދިނުމެވެ. ގައުމުތަކަށް ބެހެވިގެންދާ ގޮތުގައި ނޫން ގޮތަކަށް ކުރެވޭ ކަމަކުން ދުނިޔެއަށް ލާބައެއް ނެތް ކަމަށް ވެސް ޝީ ވިދާޅުވި އެވެ.

ރަޝިއާގެ ރައިސް ޕޫޓިން ވިދާޅުވި ގޮތުގައި ދުނިޔޭގައި ބާރުތައް ދެން އޮންނާނީ ބައިވެފަ އެވެ. އެއް ބައެއްގެ އަތް މައްޗަށް ދުނިޔެ ބަރޯސާކުރި ޒަމާން ހިނގައްޖެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

އެމެރިކާ އަކީ ދުނިޔެ ބައްޓަންކުރާ ގައުމެއް ނޫން ކަމަށާއި އެމެރިކާ އަކީ ދުނިޔެ ފަނާކުރާ ގައުމެއް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. އެމެރިކާގައި އުފައްދާ ހަތިޔާރުން ވިޔަފާރިކޮށް ދުނިޔެ ފަސާދަކުރުން ނޫން ކަމެއް އެމެރިކާއަށް ނޭނގޭ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.