ދުނިޔެ

ދެކުނު ކޮރެއާގެ ޓޭންކަރެއް ބަންޑުންވެ އަށް މީހަކު މަރުވެއްޖެ

ދެކުނު ކޮރެއާގެ ކެމިކަލް ޓޭންކަރެއް ޖަޕާނުގެ އައްސޭރިފަށަށް ބަންޑުންވެ އަށް މީހަކު މަރުވެއްޖެ އެވެ. މަރުވި ކަމަށް ބުނާ އަށް މީހުންނަކީ ޓޭންކަރުގެ ފަޅުވެރިންނެވެ.

ޓޭންކަރު ބަންޑުން ޖަހާލި ކަމަށް ބުނަނީ ޖަޕާންގެ ރަށެއް ކަމަށްވާ މަޓްސުއާ އައިލަންޑް ބޭރުގައި ނަގިލި ލާފައި އޮއްވަ އެވެ. ގަދަ ވައިގައި ޓޭންކަރަށް ކެތްނުކުރެވި އެއްކޮޅު އަޑިއަށް ދިޔައީ ކަމަށް ހަބަރުތައް ބުނެ އެވެ.

ޖަޕާންގެ ކޯސްޓް ގާޑަށް ލިބުނު އެމެޖެންސީ މެސެޖަކާ ގުޅިގެން އެ ސަރަހައްދަށް ދިޔައިރު ޓޭންކަރު އޮތީ ބަންޑުންޖަހާލާފައި ކަމަށް ހަބަރުތައް ބުނެ އެވެ.

ޓޭންކަރުގައި ތިބި މީހުންގެ ތެރެއިން މަރުނުވެ ސަލާމަތްވީ އެންމެ މީހެއް ކަމަށް ކޯސްޓް ގާޑުން ބުންޏެވެ. ޓޭންކަރުގައި ޖުމުލަ ތިބީ 11 ފަޅުވެރިންނެވެ. އޭގެ ތެރެއިން ދެ މީހަކު އަދި ނުފެނެ އެވެ.

އޮފިޝަލުން ވިދާޅުވި ގޮތުން ޓޭންކަރުގައި ހުރީ 980 ޓަނުގެ އެކްރީލިކް އެސިޑް އެވެ. އެއީ ދަވާދާއި ތަޅުން އޮފުކުރާ، ދޮންނަކުނޑި އަދި ރީތިވާން ބޭނުންކުރާ ސާމާނު އުފެއްދުމަށް ބޭނުންކުރާ ކެމިކަލެކެވެ.

ޓޭންކަރުން ކެމިކަލް ލީކުވެ ލޮނުގަނޑު ތަޣައްޔަރުވުމުގެ އަލާމާތެއް ނެތް ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ތިމާވެއްޓަށް ގެއްލުން އެންމެ ކުޑަވާނެ ގޮތަކަށް މި ޓޭންކަރު ހުސްކުރަން މަސައްކަތް ފަށާނެ ކަމަށްވެސް އޮފިޝަލުން ވިދާޅުވެ އެވެ.