ދުނިޔެ

ފަލަސްތީންގެ ދައުލަތަކަށް ތާއީދު ބޮޑުވަނީ

މެދުއިރުމަތީގައި މިހާރު އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ ފަލަސްތީންގެ މައްސަލަ އެވެ.

އިޒުރޭލު ސިފައިން ފަލަސްތީންގެ ޣައްޒާއަށް އަރައިގަނެ ދެމުން ގެންދާ ހަމަލާތައް އިތުރު އަވަށްތަކަށް ފުޅާކުރުން ވަނީ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވެފަ އެވެ.

ޣައްޒާގެ ހާލަތާ ގުޅިގެން ކުރެވޭ ބަހުސްތަކުގައި ފަލަސްތީނަށް މިނިވަން ދައުލަތެއްގެ މުހިއްމުކަން -- މީގެ ކުރިން މިކަމާ ވަކާލާތު ނުކުރާ ގައުމުތަކުންވެސް ވަނީ ފާޅުކޮށްފަ އެވެ.

އެމެރިކާއާއި އިނގިރޭސިވިލާތަކީ ފަލަސްތީނަށް ދުއްތުރާ ޖެއްސުމުގެ އާރުކާޓީ އެވެ. އަރަބިންގެ ބިންތަކުގައި ޔަހޫދީންނަށް ދައުލަތެއް ގާއިމުކޮށްދިނުމުގެ މުގުލުގައި އޮތީވެސް މި ދެ ގައުމެވެ.

ނަމަވެސް ޒަމާނީ ޑިމޮކްރަސީން ފޭލިވުން ދެމިގެންދާ ބަދުނާމަކަށް ވެދާނެ ކަމަށް މި ދެ ގައުމުންވެސް ފަލަސްތީނަށް މިނިވަން ދައުލަތެއްގެ މުހިއްމުކަމާ މެދު ވަނީ ވާހަކަދައްކާފަ އެވެ. އަދި އެކަމަށް ރުހޭ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެމެރިކާއާއި އިނގިރޭސިންގެ ގޮނޑިކޮއްކޮ ސަރުކާރުތަކުންވެސް ފަލަސްތީނަށް މިނިވަން ދައުލަތެއްގެ މުހިއްމު ކަމާ މެދު އަންނަނީ ބަހުސްކުރަމުންނެވެ. މިގޮތުން ސްޕޭން، އަޔަލެންޑް، ސޮލޮވިީނިއާ އަދި މޯލްޓާއިންވެސް ވަނީ ފަަލަސްތީނަށް މިނިވަން ދައުލަތަކަށް ރުހޭ ކަމަށް ބުނެފަ އެވެ.

ފަލަސްތީންގެ މިނިވަން ދައުލަތެއް އެއްވެސް އުޒުރަކާ ނުލައި ބަލައިގަތުމަށް ތައްޔާރު ކަމަށް މި ސަރުކާރުތަކުން ވަނީ ބުނެ އިއުލާންކޮށްފަ އެވެ.

ފަލަސްތީންގެ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ އިޒުރޭލަށް ދައުލަތެއް އަދި ފަލަސްތީނަށް ދައުލަތެއް ކަމަށްވެސް ޔޫރަޕިއަން ޔޫނިއަންގެ ގިނަ ގައުމުތަކުން އެއްބަސްވެ އެވެ. ނަމަވެސް ފަލަސްތީންގެ ދިފާއުގައި ވަކާލާތުކުރާ ޖަމިއްޔާތަކާއި ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ދެ ދައުލަތް ކަމަށް ބުނެ ހުޅަނގުން އެ ދައްކަނީ ދަޅަ އެވެ.

ފަލަސްތީންގެ މިނިވަންކަމަށް ގޮވާލާ ގުރޫޕްތަކުން ބުނާ ގޮތުން އެ މީހުން ބޭނުންވަނީ އަރަބިންގެ ބިންތަކުން ޔަހޫދީން ފައިބައިގެން ދިއުމެވެ. އަރަބި މުސްލިމުންގެ ފަސްކޮޅެއްވެސް ޔަހޫދީންނަށް ނުލިބޭނެ ކަމަށް މި ގުރޫޕްތަކުން ބުނެ އެވެ.