ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ސްޓޫޑެންޓް ލޯނަށް އެދުމުގެ އިތުރު ފުރުސަތެއް

ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިތުރުކޮށްފި އެވެ.

ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލީ މި އަހަރުގެ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު އެވެ.

އޭރު ހުޅުވާލި ފުރުސަތުގެ މުއްދަތު މިއަދު މެންދުރުފަހު 13:30 އަށް ހަމަވާއިރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މެއި ދެވަނަ ދުވަހުގެ މެންދުރުފަހު 13:30 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީން ހޯދަން ދޭ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ލޯނު ދިނުމުގެ އުސޫލުގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ލޯނު ދޫކުރެ އެވެ.

އެމްބީބީއެސް އަދި ޕައިލެޓް ލައިސަންސް ޕްރޮގްރާމް ފުރިހަމަކުރަންވެސް މި ސްކީމްގެ ދަށުން ލޯނު ނެގެ އެވެ.

ރާއްޖެއިން ބޭރުގައި ކިޔެވުމަށް ދޫކުރާ ލޯނުގައި ޕްރޮގްރާމާ ގުޅޭ ގޮތުން ކިޔަވާ މަރުކަޒަށް ދައްކަންޖެހޭ ފީ އާއި ޕްރޮގްރާމްގެ މުއްދަތުގައި ދިރިއުޅުމުގެ ހަރަދު -- ސްޓައިޕެންޑް އާއި ފްލައިޓް ޓިކެޓް ހަރަދު ހިމެނެ އެވެ.