ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ސްޓައިޕެންޑްގެ ގޮތުގައި ދަރިވަރުންނަށް މަހަކު 6،000 ރުފިޔާ ދެނީ

ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކިޔަވަން އަތޮޅުތަކުން މާލެ އައިސް ތިބި ދަރިވަރުންނަށް މަހަކު 6،000 ރުފިޔާގެ ސްޓައިޕެންޑެއް ދޭން ނިންމައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ސްޓައިޕެންޑްގެ ގޮތުގައި މަހަކު 6،000 ރުފިޔާ ދޫކުރާނީ އެކަމަށް އެދޭ ދަރިވަރުންނަށް ކަމަށެވެ.

ލޯނެއްގެ ގޮތުގައި ދޫކުރާ މި ފައިސާ ކިޔަވާ ނިމޭތާ ހަ މަސް ފަހުން އަނބުރާ ދައްކަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ލޯނުގެ ތެރެއިން ސްޓައިޕެންޑެއް ލިބޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔަވަން ރަށުން ބޭރުން އައިސް ތިބުމުގައި ދަރިވަރުންނަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ ސްޓައިޕެންޑްއަކީ އެ ކުދިންނަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.