އިމިގްރޭޝަން

ހުރިހާ އަތޮޅަކުން ޕާސްޕޯޓާއި އައިޑީ ހެދޭ ގޮތް ހަދަނީ

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓާއި އައިޑީ ކާޑު ހެދޭނެ ގޮތް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސްގެ ނިންމެވުމާ ގުޅިގެން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ ރައީސްގެ ނިންމެވުމަކީ އަތޮޅު ތެރޭގެ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށާއި ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވުމަށް ކުރެއްވި ކަމެއް ކަމަށެވެ.

ޝައްމާން ވިދާޅުވީ ޕާސްޕޯޓް ހަދައި ދޫކުރުމުގެ ހިދުމަތް މިވަގުތު ލިބެނީ ސިޓީ ކައުންސިލްތަކުންނާއި މަދު ރަށަކުންނެވެ. ހުރިހާ އަތޮޅެއްގައި ޕާސްޕޯޓް ހަދައި ދޫކުރުމުގެ ހިދުމަތް ފެށޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރާނެ ގޮތެއް އަދި ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ވަކި ދުވަހެއް ވިދާޅުވެފައެއް ނުވެ އެވެ.

ކޮންޓްރޯލަރު ވިދާޅުވީ ޕާސްޕޯޓް ހަދައި ދޫކުރުމުގެ ހިދުމަތް އަތޮޅު ތެރޭގައި ފަށާނީ އިމިގްރޭޝަނުން ދޭ އެހެން ބައެއް ހިދުމަތްތައްވެސް އަތޮޅު ތެރެއިން ލިބޭ ގޮތަށް ކަމަށެވެ. އޭރުން ވިސާގެ ހިދުމަތް ހޯދުމަށްވެސް ފަސޭހަތަކެއް ލިބޭނެ ކަމަށާއި އަދި ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ މީހުންގެ މައްސަލަތައް ހައްލުކުރަން ވެސް ފަސޭހަ ވާނެ ކަމުގައި ވިދާޅުވި އެވެ.

ޝައްމާން ވިދާޅުވީ ޕާސްޕޯޓް ހެދުމަށް އެވްރެޖުކޮށް 1،200 އެއްހާ މީހުން އަތޮޅު ތެރެއިން މާލެއަށް އަންނަ ކަމަށެވެ. އެއިން ކޮންމެ މީހަކު އެފަދަ ދަތުރެއްގައި މަދުވެގެން 5،000 ރުފިޔާ ހަރަދުކުރަންޖެހޭ ކަމަށާއި އެއީ ވަރަށް ބޮޑު ތަކްލީފެއް ކަމުގައިވެސް ވިދާޅުވި އެވެ.

"ޕާސްޕޯޓް ހެދުމަށް އަތޮޅު ތެރެއިން އަންނަ މީހުން ކުރާ ހަރަދު ގާތްގަނޑަކަށް ހަތެއް މިލިއަން ރުފިޔާއަށް އަރާ. މިބަދަލާ އެކު މިލިބެނީ އެތައް ބަޔަކަށް އެތައް ފަސޭހައެއް،" ޝައްމާން ވިދާޅުވި އެވެ.

ކޮންޓްރޯލަރު އިތުރަށް ވިދާޅުވީ ޕާސްޕޯޓާއި އައިޑީ ހެދޭނެ އިންތިޒާމު އަތޮޅު ތެރޭގައި ގާއިމުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މުވައްޒަފުންނާއި ވަސީލަތްތައް ހޯދުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ.