ދުނިޔެ

"އިޒުރޭލަށް ވައިގެ ސަރަައްދު ހުޅުވާ ކޮންމެ ގައުމަކަށް ފިޔަވަޅު އަޅާނަން"

އީރާނުން ބަދަލުހިފުމުގެ ގޮތުން އިޒުރޭލަށް ދޭން ފެށި ހަމަލާތަކަށް ދެކޮޅުހަދައި -- އީރާނަށް ހަމަލާދިނުމަށް ވައިގެ ސަރަހައްދު ހުޅުވާ ކޮންމެ ގައުމަކާ މެދު އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އީރާނުން ބުނެފި އެވެ.

ވައިގެ ސަރަހައްދު ހުޅުވައިފިނަމަ ބަލާނީ އެ ގައުމަކުން އިޒުރޭލާ ބައިވެރިވީ ކަމަށް ކަމުގައި އީރާންގެ ދިފާއީ ވަޒީރު މުހައްމަދު ރިޒާ އާޝްތިޔާނީ ވިދާޅުވި އެވެ.

އީރާނުން މިހެން ބުނި ސަބަބަކީ، އިޒުރޭލަށް އަމާޒުކޮށް އީރާނުން ފޮނުވި އަސްކަރީ ޑްރޯންތައް ވައްޓާލުމަށް އުރުދުން އިން އެމެރިކާ އަށާއި އިޒުރޭލަށް އެއްބާރުލުން ދިނުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސީރިއާގެ ވައިގެ ސަރަހައްދުން ދަތުރުކުރި އީރާންގެ ޑްރޯންތައް ވައްޓާލުމަށް އުރުދުން އިން ވަނީ އިޒުރޭލަށް އެއްބާރުލުން ދީފަ އެވެ.

މި ޑްރޯންތައް ވައްޓާލުމަށް އެމެރިކާ ބޭނުންކޮށްފައިވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަނޑުގެ މަނަވަރުތައް ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.