ވިނަރެސް ފްލެޓް

ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ވިނަރެސް ފޯމުތައް ބާތިލްކޮށްފި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މިދިޔަ ނޮވެމްބަރު ފަސްވަނަ ދުވަހު އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް އެޕާޓްމަންޓް ގަތުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފޯމްތައް ބާތިލްކޮށްފި އެވެ

އެޗްޑީސީ އިން މިއަދު ބުނީ އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ފޯމު ހުށަހެޅުމުގައި ދިމާވި ދަތިތައް ބަޔާންކޮށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ބެލިބެލުމުން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި މިކަމާ ގުޅިގެން ގިނަ ބަޔަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ގެއްލިފައި ވާތީ އޭރު ހުށަހެޅި އެޕްލިކޭޝަންތައް ބާތިލްކުރީ ކަމަށްވެސް ބުންޏެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލޭގައި ފްލެޓް އިމާރާތް ކުރުމަށް ފަށާފައިވާ އެކިއެކި މަޝްރޫއުތަކުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކައި، އެހެންނަމަވެސް ތަފާތު ސަބަބުތަކާ ހުރެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައިވުމުން ބޯހިޔާވަހިކަމެއް ލިބިފައި ނުވާ ގިނަ ބައެއްގެ ޝަކުވާވެސް އެ ކުންފުންޏަށް ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ.

އެމީހުންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ވިނަރެސް މަޝްރޫއުގެ ތެރެއިން ފުރުސަތު ތަނަވަސްވާ މިންވަރަކުން ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުން ދާތީ، ވިނަރެސް އެޕާޓްމަންޓް ވިއްކުމަށް އިތުރަށް ހުޅުވާނުލާނެ ކަމުގައިވެސް އެޗްޑީސީ އިން ބުނެ އެވެ.

އެ ކުންފުނިން ބުނީ ސަރުކާރުގެ އަމާޒާ އެއްގޮތަށް ބޯހިޔާވަހިކަމުގެ އިތުރު ފުރުސަތު ތަނަވަސްކޮށް، މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ވިނަރެސް އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރާ ކަމުގެ ޝަކުވާ ލިބިފައި ވާތީ އެފަދަ ކަންކަމަށް ސަމާލުވުމަށްވެސް އެޗްޑީސީ އިން އިލްތިމާސްކޮށްފައިވެ އެވެ.