އިލެކްޝަންސް ކޮމިޝަން

ހަ ކައުންސިލެއްގެ ބައި-އިލެކްޝަންގައި ޕީއެންސީއަށް ހަތަރު ކައުންސިލް

މިއަދު ބޭއްވި ލޯކައުންސިލްތަކާ ގުޅޭ ހަ ބައި އިލެކްޝަންގެ ތެރެއިން ތެރެއިން ހަތަރު ބައި އިލެކްޝަންސް ވެރިކަން ކުރާ ޕީއެންސީ އިން ކާމިޔާބުކޮށްފި އެވެ.

މިއަދު ބޭއްވީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސާއި، ހއ. އުތީމާއި، ނ. ލަންދޫއާއި، ނ. ވެލިދޫ ކައުންސިލް މެންބަރެއް ހޮވުމުގެ އިތުރުން ހއ. ތަކަންދޫއާއި، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަންތަކެކެވެ.

ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯދީ އުތީމު ކައުންސިލްގެ މެންބަރު ކަމަށް އިބްރާހީމް ސުނާން، ވެލިދޫ ކައުންސިލްގެ މެންބަރު ކަމަށް އަބްދުﷲ އަބްދުއްރައްޒާގު، ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް ސަމީނާ މުހައްމަދުގެ އިތުރުން އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އައިޝަތު ސަމްހާ އެވެ.

މ. މަޑުއްވަރި ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ދަ ޑިމޮކްރެޓްސްގެ މުހައްމަދު އާޒިމް އިންތިހާބު ކާމިޔާބު ކުރެއްވިއިރު ލަންދޫ ކައުންސިލްގެ މެންބަރު ކަމަށް ވާދަކުރައްވައިގެން އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އާރިފް އެވެ.

ބައި އިލެކްޝަންތަކުގައި ވޯޓުލުމަށް ޖުމްލަ 11 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. މީގެތެރެއިން ތިން ފޮށި ބެހެއްޓީ ދަރުބާރުގޭގައެވެ. އަނެއް ބާކީ 8 ފޮށީގެ ތެރެއިން ތިން ފޮށި ހުރީ ވެލިދޫ ގައެވެ. މަޑުއްވަރި، އުތީމު، ލަންދޫ، ތަކަންދޫ އަދި އިންނަމާދޫގައި ކޮންމެ ރަށެއްގައި ފޮށްޓެއް ބެހެއްޓި އެވެ.

މިރަށްތަކުގައި ވޯޓުލުން ކުރިއަށް ދިޔައީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެ އެވެ.

މިއަދު ކުރިއަށް ދިޔަ ބައި އިލެކްޝަންތަކުގައި 5،267 މީހަކަށް ވޯޓުލުމުގެ ހައްގު ލިބުނެވެ.