ޓޫރިޒަމް

ރާއްޖެއަށް މިދިޔަ މަހު 168،000 ފަތުރުވެރިން

ރާއްޖެއަށް މިދިޔަ އެޕްރީލް މަހު 168،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އެޕްރީލް މަހު ރާއްޖެއަށް ޖުމްލަ 168،647 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ 2023 ވަނަ އަހަރުގެ އެޕްރީލް މަހު ރާއްޖެ ޒިޔާރަތްކުރި 164،357 ފަތުރުވެރިންނަށްވުރެ 2.6 ޕަސަންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް މިދިޔަ މަހު އެވަރެޖްކޮށް ދުވާލަކު 5،622 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. އަދި އެވަރެޖްކޮށް ހަތް ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެ އެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 794،109 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ: 87،168 ފަތުރުވެރިން
  • ރަޝިއާ: 80،160 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 76،823 ފަތުރުވެރިން
  • އިޓަލީ: 71،536 ފަތުރުވެރިން
  • ޖަރުމަނު: 61،959 ފަތުރުވެރިން
  • އިންޑިއާ: 43،991 ފަތުރުވެރިން
  • ފްރާންސް: 30،063 ފަތުރުވެރިން
  • އެމެރިކާ: 27،796 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް: 20،078 ފަތުރުވެރިން
  • ޕޮލެންޑް: 16،542 ފަތުރުވެރިން

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް ޖުމްލަ 1،186 ފެސިލިޓީއެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 176 ރިސޯޓާއި 848 ގެސްޓްހައުސް އާއި 147 ސަފާރީ އުޅަނދު އަދި 15 ހޮޓާ ހިމެނެ އެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 62،412 އެވެ.