އެސްޓީއޯ

އެސްޓީއޯގެ ސްމާޓް ފިހާރައިން މިހާރު 24 ގަޑިއިރު ހިދުމަތް ލިބޭނެ

ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ސްމާޓް ފިހާރަ މިހާރު 24 ގަޑިއިރު ހުޅުވާފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ހުޅުމާލެ ސެންޓްރޯ މޯލްގެ ކުރިމަތީގައި ހުންނަ އެސްޓީއޯ ސްމާޓް ސްޓޯރަކީ ކޭޝިއަރެއް އަދި ސޭލްސްމަނެއް ނުހުންނަ ފިހާރަ އެކެވެ.

މި ފިހާރަ ހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު އެވެ.

އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި މެދުވެރިކޮށް ހުރިހާ މުއާމަލާތެއް ކުރާ ގޮތަށް އިންތިޒާމުކޮށްފައިވާ މި ފިހާރައަކީ ރާއްޖޭގައި ހުޅުވި މިފަދަ ފުރަތަމަ ސްމާޓް ފިހާރަ އެވެ.

މި ފިހާރައިން ވިޔަފާރީ ކުރެވޭނީ އެސްޓީއޯ ސްމާޓް ސްޓޯ އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީވެ ބޭންކު ކާޑުގެ މައުލޫމާތު ދީގެންނެވެ. އެއަށްފަހު ބޭނުންވާ އެއްޗެެއް ނަގައިގެން ފިހާރައިން ނިކުތުމުން އެ ނެގި އެއްޗަކަށް ފައިސާ ކަނޑާނެ އެވެ. ފިހާރާގައި ހަރުކޮށްފައި ހުންނަ އޭއައި ކެމެރާތަކުގެ ޒަރިއްޔާއިން ފިހާރާގައި ހުންނަ މުދާތައް ގުނާ ބަލަ އެވެ.

މިފިހާރައިން ލިބިގެންދާނެ އެންމެ ބޮޑު ފަސޭހަ އަކީ ކޭޝިއަރެއް ގާތަށް ދާންނުޖެހި އަވަސްކަމާއެކު ވިޔަފާރީ ކުރެވުމެވެ. އެގޮތުން "ގްރެބް އެންޑް ގޯ" ނިޒާމަށް ވިޔަފާރީ ކުރެވުމަކީ ވަގުތު ސަލާމަތްވާނެ ކަމެއް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.