ހަބަރު

މުހުތާޒުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފި

ކުރީގެ ޕީޖީ މުހުތާޒް މުހުސިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. މުހުތާޒުގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

މިއަދު މުހުތާޒުގެ ޝަރީއަތް ފަށާފައިވާއިރު މީގެކުރިން މުހުތާޒުގެ މައްޗަށް ޓެރެރިޒަމްގެ ދައުވާކޮށްފައެއް ނުވެ އެވެ. ނަމަވެސް މިއަދު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓަން އުޅުމުގެ ދައުވާ އަނބުރާ ގެންގޮސް، ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން، ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތަކަށް ދެއްކުމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދައްކަން ލިޔުމެއް އުފެއްދުމުގެ ދައުވާ ވެސް ވަނީ މުހުތާޒުގެ މައްޗަށް ކޮށްފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ދައުވާތައް އިއްވުމުން މުހުތާޒު ވަނީ ތިން ދައުވާއަށް ވެސް އިންކާރުކުރައްވާފަ އެވެ. އަދި ވަކީލަކު ހަމަޖެއްސުމަށް ފުރުސަތަކަށް އެދުމުން ހަތް ދުވަހުގެ މުއްދަތެއް ޝަރީއަތުން ވަނީ ދީފަ އެވެ.

ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލާގައި، މުހުތާޒުގެ އިތުރުން ދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ވެސް ވަނީ ހައްޔަރުކޮށް، ހަތަރު ދައުވާއެއް އުފުލާފަ އެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.