އަބްދުލް ބާރީ ޔޫސުފް

މުހުތާޒު - ބާރީއަށް: ކުރިން ތީ އަޅުގަނޑުގެ މެންޓޯ، މިހާރު އިހުތިރާމެއް ނެތް

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޕީޖީ މުހުތާޒު މުހުސިނާއި އެ މައްސަލަ ބައްލަވަން މިހާރު ހަވާލުވެ ހުންނެވި ކްރިމިނަލް ކޯޓްގެ ގާޒީ، އަބްދުލް ބާރީ ޔޫސުފާ ދެބޭފުޅުންގެ ދެމެދުގައި ޝަރީއަތުގެ މަޖިލީހުގައި ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފި އެވެ. މުހުތާޒުގެ މައްސަލަ ބެލުމަށް ގާޒީ ބާރީ ހަވާލުވެވަޑައިގެންފައިވަނީ އިއްޔެ އެވެ. މީގެކުރިން އެ މައްސަލަ ބެއްލެވީ ގާޒީ އިބްރާހިމް އަލީ އެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލާގައި ރޭ ކުރިއަށް ގެންދިޔަ އަޑުއެހުން ފެށުމާއެކު މުހުތާޒު ވަނީ މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރީ ކޮން ހަމައަކުންތޯ ގާޒީ ބާރީއާ ސުވާލުކުރައްވާފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ގާޒީ ވިދާޅުވީ، އެކަން ކުރައްވާފައިވަނީ އެގޮތަށް ފެނިގެން އެ ކޯޓުގެ އުސޫލުގެ ދަށުން، އިސް ގާޒީ އަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

ގާޒީގެ ޖަވާބަށް ހިންހަމަ ނުޖެހިގެން މުހުތާޒު ވަނީ ރުޅި އިސްކުރައްވައިފަ އެވެ. ވަރަށް އަޑުހަރުކޮށް ގާޒީ އަށް ނިސްބަތްކުރައްވާ މުހުތާޒު ވިދާޅުވީ، އުސޫލެކޭ ކިޔާފައި ބޭނުންހާ ގޮތެއް ނުހެއްދެވޭނެ ކަމަށެވެ. ގާނޫނުގައި ބުނެފައިވާ ގޮތުން މައްސަލަ ބައްލަވާ ފަނޑިޔާރު ބަދަލުކުރެވެނީ އެ މައްސަލައަކުން ފަނޑިޔާރަކު އަމިއްލައަށް ތަނާޒުލުވުން ނުވަތަ ފަނޑިޔާރާ ގުޅޭ ޝަކުވާއެއް އައުމުން ކަމަށް ވެސް މުހުތާޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އެހެންނަމަވެސް ގާޒީ ބާރީ ވިދާޅުވީ، މައްސަލަ ބެލުމާ ހަވާލުވެލެއްވީ ގާނޫނުގެ ދަށުން ކަމަށެވެ. ގާނޫނާ ހިލާފުކަމެއް ނުކުރައްވާ ކަމަށް ގާޒީ ވަނީ ފާހަގަ ކުރައްވައިފަ އެވެ. ގާޒީ ބާރީއަށް ރައްދު ދެއްވަމުން މުހުތާޒު ވަނީ ގާޒީ އެގޮތަށް އަމަލުކުރެއްވި ގާނޫނަކީ ކޮބައިތޯ އާއި އެ ގާނޫނުގެ ނަންބަރު ސާފުކޮށްދޭން އެދިފަ އެވެ. އެއާ އެކު ގާޒީ ބާރީ ކޯފާ އިސްކުރައްވާ ވިދާޅުވީ، "ބުނެދޭކަށް ނުޖެހޭނެ" ކަމަށެވެ.

ހޫނު ބަހުސްއަކުން އަޑުއެހުން ފެށިގެންދިޔައިރު އަޑުއެހުން ނިމެން ކައިރިވެފައިވަނިކޮށް ވެސް ދެ ބޭފުޅުންގެ މެދުގައި ހޫނު ބަހުސެއް ހިނގި އެވެ.

މިފަހަރު މުހުތާޒަށް ގޯސްވީ، މެންދަން ވެގެންދާއިރު ވެސް އަޑުއެހުން ކުރިއަށް ގެންދާތީ އެވެ. އޭރު މެންދަމު އެކެއް ޖަހަން އުޅެ އެވެ. ގާޒީ ބާރީ، ވިދާޅުވީ ކިތަންމެ ލަސްވި ނަމަވެސް ހެކި ބަސް ނަގާ ނިމެންދެން ޝަރީއަތް ކުރިއަށްގެންދާނެ ކަމަށެވެ. އެކަމާ ނުރުހުންވެ މުހުތާޒު ވިދާޅުވީ، މިހާރަކަށް އައިސް ޝަރީއަތްތައް ކުރިއަށް ގެންދަވާ ގޮތުން ގާޒީ ބާރީއަށް އެއްވެސް އިހުތިރާމެއް މިހާރު ނުކުރައްވާ ކަމަށެވެ.

"ތިހެންވެ އަޅުގަނޑު ތިބޭފުޅުންނަށް އިހުތިރާމް ނުކުރަނީ، ކްރިމިނަލް ކޯޓަށް އަޅުގަނޑު ވަރަށް އިހުތިރާމްކުރަން އެކަމަކު ތިބޭފުޅާއަކަށް ނުކުރަން،" މުހުތާޒު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ގާޒީ ބާރީ ހަރުއަޑުން ވިދާޅުވީ، އިހުތިރާމް ކުރައްވަން ޖެހޭނެ ކަމަށެވެ. އެއާ އެކު މުހުތާޒު ވިދާޅުވީ ނުޖެހޭނެ ކަމަށެވެ. ކޯފާއިސްކުރައްވަިއ އިންނަވައި، އެ ވާހަކަޔަށް ރައްދު ދެއްވައި ގާޒީ ބާރީ ވިދާޅުވީ ޖެހުނަސް ނުޖެހުނަށް އިހުތިރާމް ކުރަން މަޖުބޫރު ވާނެ ކަމަށެވެ. އެހެންނަމަވެސް މުހުތާޒު ވެސް ގޮތް ދޫނުކުރައްވާ ވިދާޅުވީ، އިހުތިރާމް ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ނުޖެހޭނެ މަނިކުފާނަށް އެއްޗެއް ބުނެދޭކަށް، އަޅުގަނޑުގެ މެންޓޯއަކީ ތިއީ، ވަރަށް މޮޅަށް ޝަރީއަތް އުނގަންނަވައިގެން ވަރަށް ރަނގަޅަށް ޝަރީއަތް ކުރެއްވި ބޭފުޅެއް ތިއީ،" ދެ ބޭފުޅުން ރަހުމަތްތެރިންގެ ގޮތުގައި އުޅުނު ދުވަސްތަކުގެ މަތިން ހަނދާން އާ ކުރައްވަމުން މުހުތާޒު ވިދާޅުވި އެވެ.

މުހުތާޒު ވިދާޅުވީ، އޭނާ ކަންކަން ދަސްކުރީ ގާޒީ ބާރީ އަރިހުން ކަމަށާއި، އޭނާގެ މެންޓޯއަކީ ވެސް ގާޒީ ބާރީ ކަމަށެވެ. ނަމަވެސް މިހާރު އަމަލުތައް ހުންނަ ގޮތުން އިހުތިރާމް ކުރެވެން ނެތް ކަމަށް މުހުތާޒު ވިދާޅުވި އެވެ. މުހުތާޒު ވިދާޅުވީ، ގާޒީ ބާރީއަކީ ވަރަށް މޮޅަށް ޝަރީއަތް އެނގިލައްވައިގެން ހުންނެވި މޮޅު ގާޒީއެއް ކަމަށާއި، ކުރިން ޝަރީއަތްތައް ވެސް ގެންދެވީ ވަރަށް ރަނގަޅަށް ކަމަށެވެ. ނަމަވެސް ގާޒީ ބާރީއަށް ދެން ކުރައްވާނެ އިހުތިރާމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.