މުހްތާޒު މުހުސިން

މުހުތާޒާއި ނިހާންގެ މައްސަލާގެ އަޑުއެހުންތައް ނިންމާލައިފި

ސައްހަ ނޫން ލިޔުމެއް ތައްޔާރުކޮށް، ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން އުޅުނު ތުހުމަތުގައި ހައްޔަރުކޮށް ދައުވާތަކެއް ކޮށްފައިވާ ކުރީގެ ޕީޖީ މުހުތާޒު މުހުސިނާއި މާމިނގިލީ ކޯޓުގެ ގާޒީ އަހުމަދު ނިހާންގެ މައްސަލާގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

މި މައްސަލާގެ ހުލާސާ ބަޔާން މިރޭ ވަނީ ހުށަހަޅާފަ އެވެ. ހުލާސާ ބަޔާން ހުށަހަޅާފައިވަނީ ނިހާން އަދި މުހުތާޒުގެ ވަކިވަކިންނެވެ.

މުހުތާޒާ ދެކޮޅަށް ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ބުނީ، ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުން ދައުވާތައް މުހުތާޒުގެ މައްޗަށް ސާބިތުވާ ކަމަށް ދެކޭ ކަމަށެވެ. މުހުތާޒުގެ މައްޗަށް އުފުލާފައިވަނީ، ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތަކަށް ދެއްކުމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދައްކަން ލިޔުމެއް އުފެއްދުމުގެ ދައުވާ އަދި ޓެރަރިޒަމްގެ ދައުވާ އެވެ.

މުހުތާޒުގެ ވަކީލް ހުސްނުއް ސުއޫދު ހުލާސާ ބަޔާން އިއްވަމުން ވިދާޅުވީ، ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުން ޓެރަރިޒަމް އަމަލެއް ހިންގުމަށް ރައީސް ޔާމީން ރަހީނުކުރުމަށް މުހުތާޒު މަސައްކަތްކުރި ކަމެއް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އަދި ސައްހަ ނޫން ކޯޓު އަމުރެއް މުހުތާޒު ނެރުއްވި ކަމާއި މާލެއިން ފެނުނު ކޯޓު އަމުރަކީ މުހުތާޒު ބައިވެރިވެގެން ނެރުނު އަމުރެއް ކަމެއް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

ނިހާންއާ ދެކޮޅަށް ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ ހަތަރު ދައުވާ ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. ނިހާންގެ މައްޗަށް އުފުލާފައިވަނީ، އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށިގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އާއި ޓެރަރިޒަމް އަމަލެއް ހިންގުމުގައި ބައިވެރި އެފަދަ އަމަލެއް ހިންގުމުގެ ދައުވާ އެވެ.

ނިހާންގެ ވަކީލް ސުއޫދު ހުލާސާ ބަޔާން އިއްވަމުން ވިދާޅުވީ، ސައްހަ ނޫން ކޯޓު އަމުރެއް ނިހާން ނެރުނުކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. މާލޭގެ މަގުމަތިން ފެނުނު މާފުށީ ކޯޓުގެ ނަމުގައި ނެރެފައިވާ ކޯޓު އަމުރު ނެރުނީ ނިހާން ކަން ވެސް ދައުލަތަށް ސާބިތުކޮށްދެވިފައިވާ ކަމަށެވެ. އަދި އެ ކޯޓު އަމުރާ ނިހާންއާ ގުޅުވެން ނެތް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

އަޑުއެހުންތައް ނިންމާލާފައިވާއިރު މި މައްސަލާގެ ހުކުމް އިއްވާނެ ދުވަހެއް ފަހުން އިއުލާނު ކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަބްދުލް ބާރީ ޔޫސުފް މިރޭ ވިދާޅުވި އެވެ.