އޮފްބީޓް

ރައީސް ނަޝީދު ލަންޑަނުގައި "ހެސްކިޔާފަ" މަޖާކުރައްވާ ވީޑިއޯއެއް

މިހާރު ބޭސްފަރުވާއަށް ލަންޑަނަށް ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު "ހޭ ފެސްޓިވަލްގައި" މަޖާކުރައްވާ ވީޑިއޯ އެއް އާންމުވެ، އެތައްބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ. މި ވީޑިއޯގައި ފެންނަނީ ރައީސް ނަޝީދު ގޮނޑި ދުއްވާ ރޭހެއްގައި ބައިވެރިވެ ވަޑައިގެން މަޖާ ކުރައްވައި މަންޒަރެވެ.

މިއީ ލަންޑަނުގެ ވޭލްސްގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ އޮތް ހޭ ފެސްޓިވަލްއަށް ފަހު ބޭއްވި، ސްޓާފް ޕާޓީއެއްގައި މަޖާކުރައްވާ މަންޒަރުތަކެކެވެ. އެ ވީޑިއޯގައި އުމުރުން 49 އަހަރުފުޅުގެ ރައީސް އިންނެވި ގޮނޑިކޮޅު ދުއްވަމުން ދިޔައިރު "ބާރަށް ދުއްވާށޭ" ކިޔާ ހަޅޭއްލަވަމުން ދިޔަ އެވެ. އަދި ރޭސް ނިންމާލާފައި މަޑުކޮށްލި އިރަށް ފަހަތުން އައި ބައިވެރިޔާވެސް ނަޝީދުގެ ގައިގައި ޖެހި ކުޑަ އެކްސިޑެންޓެއް ހިނގާ މަންޒަރުވެސް ފެނެ އެވެ. މި ރޭސް ކުރިއަށް ގެންގޮސްފައިވަނީ ފެހި ކުލައިގެ ކާޕެޓެއް އަޅާފައިވާ ހޯލް ވޭ އެއްގަ އެވެ.

ވީޑިއޯގައި ނަޝީދު ވަރަށް ގަދަޔަށް ހިނިފުޅުވަޑުވާ މަންޒަރު ފެނެ އެވެ. އަދި ގޮނޑި ދުއްވާފައި ދާއިރު ނަޝީދު އިންނަވަނީ ވަރަށް ބާރަށް ގޮނޑީގެ ދެ ފަރާތުގައި ހިފަހައްޓަވައިގެންނެވެ. މި ރޭހުގައި ނަޝީދުގެ ސްޕީޑު ދަށް ވެފައިވަނީ ރޭހުގެ ލީޑު ލިބުމުންނެވެ. މި ރޭސް ކާމިޔާބު ކުރެއްވީ ނަޝީދެވެ.

ނަޝީދު ހޭ ފެސްޓިވަލްގައި ބައިވެރިވެވަޑައިގެންނެވީ އަރަބް ސްޕްރިންގް އާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށެވެ.

ހޭ ފެސްޓިވަލަކީ ލިޔުންތެރިންގެ މެދުގައި އަހަރަކު އެއްފަހަރު ބާއްވާ ފެސްޓިވަލެކެވެ. މި ފެސްޓިވަލް ކުރިއަށް ގެންދަނީ މެއި މަހާއި ޖޫން މަހާ ދެމެދު 10 ދުވަހުގެ މުއްދަތަކަށެވެ. އަދި މިއީ ވޭލްސްގައި ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.