މުހްތާޒު މުހުސިން

މުހުތާޒު 17 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ސައްހަ ނޫން ކޯޓު އަމުރެއް ނެރެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ރަހީނުކުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލި ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ މައްޗަށް ކުށް ސާބިތުވެއްޖެ އެވެ. އޭނާގެ މައްޗަށް މިރޭ ކްރިމިނަލް ކޯޓުން އިއްވާފައިވަނީ 17 އަހަރުގެ ޖަލު ހުކުމެކެވެ.

މި މައްސަލާގައި މުހުތާޒުގެ މައްޗަށް ތިން ދައުވާއެއް އުފުލި އެވެ. އެއީ، ޓެރަރިޒަމްގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތަކަށް ދެއްކުމުގެ ދައުވާ އާއި ވަކި އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ. ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އާ ޓެރަރިޒަމް ގާނޫނުގެ ދަށުންނެވެ.

މިރޭ މުހުތާޒުގެ މައްޗަށް އިއްވި ހުކުމުގައި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅި އެކަމުގައި ބައިވެރިވިކަމުގެ ކުށް މުހުތާޒުގެ މައްޗަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް ކެނެރީގޭ ހުންނަ ގޯޅިން ފެނުނު މާފުށީ ކޯޓުގެ ކޯޓު އަމުރަކީ މުހުތާޒު ބައިވެރިވެގެން ނެރެފައިވާ ކޯޓު އަމުރެއް ކަމަށް ސާބިތުނުވާ ކަމަށް ހުކުމުގައިވެ އެވެ.

ޓެރަރިޒަމްގެ ކުށް މުހުތާޒުގެ މައްޗަށް ސާބިތުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ގަދަކަމުން ހައްޔަރުކޮށް، ރަހީނުކޮށް، އާންމުންގެ މެދުގައި ބިރުވެރިން އުފެދޭ ފަދަ، އަމަލެއް ހިންގަން މުހުތާޒު މަސައްކަތްކުރެއްވި ކަމަށް އަމިއްލައަށް ވިދާޅުވުމުންނާއި ދައުލަތުން ހުށަހެޅި ހެކިން ސާބިތުވާތީ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.