މުހްތާޒު މުހުސިން

ހުކުމް ބަލައި ނުގަނެ މުހުތާޒު ހައިކޯޓަށް

ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ މައްޗަށް ރޭ އިއްވި 17 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކުރުމަށް ނިންމައިފި އެވެ. ސަތާރަ އަހަރުގެ ޖަލު ހުކުމެއް މުހުތާޒުގެ މައްޗަށް އިއްވާފައިވަނީ ސައްހަ ނޫން ކޯޓު އަމުރެއް ނެރެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ރަހީނުކުރަން އުޅުނު ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ މުހުތާޒުގެ މައްޗަށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓު ބޭރުގައި ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުހުތާޒުގެ ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ، ދައުލަތުން ދައުވާކުރި އެއް ކަމެއް ސާބިތުނުވާ ކަމަށެވެ. އެއީ، ކެނެރީގޭ ހުންނަ ގޯޅިން ފެނުނު މާފުށީ ކޯޓުގެ ކޯޓު އަމުރަކީ މުހުތާޒު ބައިވެރިވެގެން ނެރެފައިވާ ކޯޓު އަމުރެއް ކަމަށް ސާބިތުވެފައިއެއް ނުވެ އެވެ.

އެހެންކަމުން މި މައްސަލައަކީ ހައިކޯޓަށް ގެންދިޔުމަށް ޖާގަ އޮތް މައްސަލައެއް ކަމަށް ސުއޫދު ވިދާޅުވި އެވެ.

"ހުކުމް އިސްތިއުނާފުކުރާނަން، ސަބަބަކީ، މި ދައުވާގައި ހިމަނާފައިވަނީ ދެ ކަމެއް، އެއް ކަމަކީ މުހުތާޒު މުހުސިން ގަވައިދާ ހިލާފު އަމުރެއް ނެރެން މަސައްކަތްކުރުމާއި އަދި ސައްހަ ނޫން ކޯޓު އަމުރެއް މާލޭގެ މަގެއްގެ މަތީ ބާއްވާފައި ރައީސް ހައްޔަރުކުރަން އުޅުނު ކަމުގެ ދައުވާ ކުރެވުނީ، އެހެން ނަމަވެސް މާލޭ މަގެއް މަތިން ފެނުނު މުހުތާޒު މުހުސިން ބައިވެރިވެގެން ނެރެފައިވާ އެއްޗެއް ނޫން ކަމަށް ސާބިތުވީ، އެގޮތަށް ކޯޓުން ކަނޑައަޅާފައި އޮތީ،" ސުއޫދު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި އެކަމުގައި ބައިވެރިވިކަމުގެ ކުށް މުހުތާޒުގެ މައްޗަށް ސާބިތުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ގަދަކަމުން ހައްޔަރުކޮށް، ރަހީނުކޮށް، އާންމުންގެ މެދުގައި ބިރުވެރިން އުފެދޭ ފަދަ، އަމަލެއް ހިންގަން މުހުތާޒު މަސައްކަތްކުރެއްވި ކަމަށް އަމިއްލައަށް ވިދާޅުވުމުންނާއި ދައުލަތުން ހުށަހެޅި ހެކިން ސާބިތުވާތީ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.