ހަބަރު

ކާނަލް ނާޒިމް، ކުރީގެ މެމްބަރު ނާޒިމް އަދި ތޮލްހަތު ތިއްބަވަނީ ނަޝީދާ އެކު އެއް ގޮޅިއެއްގައި: ވަކީލުން

Apr 22, 2015

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ތިއްބަވަނީ އައްސޭރި ޖަލުގެ އެއް ގޮޅިއެއްގައި ކަމަށް ނަޝީދުގެ ވަކީލުން މިރޭ ބުނެފި އެވެ.

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް ރޭ ނަޝީދު ބަދަލުކޮށްފައި ވަނިކޮށް ނަޝީދުގެ ވަކީލުން މިއަދު ވަނީ އެމަނިކުފާނާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމަށް ފަހު ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އެ ޓީމުގައި ހިމެނޭ ވަކީލް ހަސަން ލަތީފް ވިދާޅުވީ ނަޝީދުގެ އިތުރުން ކާނަލް ނާޒިމާއި ކުރީގެ މެމްބަރު ނާޒިމްގެ އިތުރުން ތޮހްލަތު ތިއްބަވަން ހަމަޖައްސާފައިވަނީ އެއް ތަނެއްގައި ކަމަށެވެ. ނަމަވެސް ކާނަލް ނާޒިމް މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވުމުން މިވަގުތު އެތަނުގައި ތިއްބެވީ ނަޝީދާއި ކުރީގެ މެމްބަރު ނާޒިމްގެ އިތުރުން ތޮލްހަތު ކަމަށް ހަސަން ވިދާޅުވި އެވެ.

"އެ ހަތަރު ބޭފުޅުން ވެސް އެއް ތަނެއްގައި އަވަހާރުފުޅު ލެއްވުމާއި މިފަދަ ކަންކަން ވެސް ކުރާ ގޮތަށް ހަމަޖައްސާފައި އޮތީ،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ އައްސޭރި ޖަލުގައި ނަޝީދަށް ދަތިތައް ކުރިމަތިވާ ކަމަށާއި އެގޮތުން އާއިލީ ބައްދަލުވުންތައް ފަދަ ކަންކަމުގައި ކުރިއަށް ވުރެ ދަތިތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.

ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ ހުރިހާ ޖަލެއްގައި ވެސް އާއިލީ ބައްދަލުވުންތަކުގައި އަމަލުކުރާނީ އެއް އުސޫލަކުން ކަމަށާއި އެހެންވެ ނަޝީދަށް ދަތިތަކެއް އެކަމުގައި ދިމާވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ނަޝީދު އައްސޭރި ޖަލަށް ބަދަލުކޮށްފައިވަނީ ވަގުތީ ގޮތުން ކަމަށެވެ. އޭގެކުރިން ނަޝީދު ހުންނެވީ ފުލުހުންގެ ކަސްޓޯޑިއަލެއް ކަމަށްވާ ކ. ދޫނިދޫގަ އެވެ.

ނަޝީދަށް ޚާއްސަކޮށްގެން މާފުށީ ޖަލުގައި ވަކި ޚާއްސަ އެއް ކޮޓަރީގެ އެޕާޓްމެންޓެއް ހަދަމުންދާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ކުރިން ވިދާޅުވެފަ އެވެ.

ކާނަލް ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލައިގައި އޭނާއަށް 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ތޮލްހަތަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް މަކަރާއި ހީލަތުން ސަރުކާރުގެ ޕްރޮޖެކްޓެއް ކާމިޔާބުކުރި މައްސަލައިގައި އޭނާ ވަނީ 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ.