ކުއްލި ޚަބަރު

މައުމޫން ގެންދަން ހަމަޖެހިފައިވަނީ ދޫނިދޫއަށް

ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅު، އެންދެރިމާގޭގެ ދޮރު ފުލުހުން ވައްޓާލައިފި އެވެ. އެންދެރިމާގޭގެ މައި ދޮރު ފުލުހުން ވައްޓާލައި އެ ގެއަށް ވަނީ ކޮން ސަބަބަކާހުރެ ކަމެއް ނޭނގެ އެވެ. ނަމަވެސް ރައީސް މައުމޫން ގެކޮޅުގައި އުޅުއްވާ ވަކީލް މޫސާ ސިރާޖު ވިދާޅުވީ މައުމޫން ހައްޔަރުކުރާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ރައީސް މައުމޫން ދިރިއުޅުއްވާ އެޕާޓްމެންޓްގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާއިރު، އެމަނިކުފާނު ހައްޔަރުކުރުމުގެ ތައްޔާރީތައްވަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ރައީސް މައުމޫންގެ އިތުރުން، އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެކަން އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން އާއި ވަކީލް މައުމޫން ހަމީދު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

މައުމޫން ހަމީދު ވިދާޅުވީ، ހައްޔަރުކުރުގައި ގެންދިޔުމުގެ ކުރިން ކުޑަ ވަގުތު ކޮޅެއް މައުމޫންއަށާއި ނަދީމަށް ދީފައިވާ ކަމަށެވެ. އެ ދެ ބޭފުޅުންނަށް ކުރާ ތުހުމަތެއް ސާފެއް ނުވެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ކުރާ ތުހުމަތު އެ ދެ ބޭފުޅުންނަށް ވެސް ފުލުހުން ނާންގަ އެވެ.

މިވަގުތު އެންދެރިމާގޭގައި ހުންނެވި ވަކީލް ހުސެއިން ޝަމީމް ވިދާޅުވީ، ރައީސް މައުމޫން ދިރިއުޅުއްވާ ކޮޓަރިކޮޅު ބަލާ ފާސްކުރަން ވެސް ފުލުހުން ބޭނުންވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ އަތުގައި އެއްވެސް އަމުރެއް ނެތް ކަމަށެވެ. މިހާރު ރައީސް މައުމޫން އާއި ޔުމްނާ ދިރިއުޅުއްވާ އެޕާޓްމެންޓް ފުލުހުން ދަނީ ބަލާ ފާސްކުރަމުންނެވެ. ރައީސް މައުމޫންގެ ފޯނު ވެސް ވަނީ ހިފަހައްޓާފަ އެވެ. ވަކީލުން ވިދާޅުވި ގޮތުގައި ރައީސް މައުމޫން ގެންދަން ހަމަޖެހިފައިވަނީ ދޫނިދޫއަށެވެ.

ޓްވިޓާ މެދުވެރިކޮށް ރައީސް މައުމޫން ދެއްވި މެސެޖްގައި ވިދާޅުވީ، އެމަނިކުފާނު ބަލާ ފުލުހުން އައުމުން އެމަނިކުފާނު ވަޑައިގަންނަވަނީ ކަމަށާއި ނަމަވެސް އެމަނިކުފާނު ހުންނެވީ ސާބިތުކަމާއެކު ކަމަށެވެ. އެމަނިކުފާނުގެ ހައްޔަރަކީ ގާނޫނާ ހިލާފު ހައްޔަރެއް ކަމަށާއި ހައްޔަރުކުރާފަދަ ކަމެއް އެމަނިކުފާނު ކުރައްވާފައިނުވާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުމާއި ހައްޔަރުކުރުމުގެ މާއްދާ ވަނީ ހިފަހައްޓާފަ އެވެކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުމުގެ މާއްދާ ވެސް ހިފަހައްޓާފައިވާއިރު، އިސްތިއުނާފުކުރުމުގެ ހައްގު ވެސް ނުދޭން ސަރުކާރުން އޮތީ ނިންމާފަ އެވެ.

އޭގެއިތުރުން، ހައްލުހޯދުމަށްޓަކައި ދައުވާކުރުމުގެ ހައްގާއި ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުން ނޫން ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތެއްގައި ވެސް ގާނޫނުއަސާސީގެ ބައެއް މާއްދާތަކުގައިވާ ހައްގުތަކާއި މިނިވަންކަން ހިފަހައްޓައިގެނެއް ނުވާނެ ކަމަށް އަންގާފައިވެ އެވެ. އެގޮތުން އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތްކުރުމާއި ހައްޔަރުކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތަކަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ގާނޫނު އަސާސީގައިވާ ގޮތުން އެއްވެސް މިންވަރަކަށް ހަނިކުރެވޭނެ ހައްގުތަކެއް ނޫނެވެ.