ހަބަރު

ސްކޫލްތަކުގެ ކުދިންނަށް ޓެބްލެޓް ބަހަން ފަށައިފި

ސްކޫލްތަކުގެ ކިޔެވުން ޑިޖިޓަލައިޒް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ "ޓެބްލެޓް" މަޝްރޫއުގެ ދަށުން ސްކޫލް ކުދިންނަށް ޓެބްލެޓް ހަވާލުކުރަން ފަށައިފި އެވެ.

ޓެބްލެޓް މަޝްރޫއުގެ ދަށުން މުދައްރިސުންނަށް ވީ ޓެބްލެޓްތައް މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން ސަރުކާު ސްކޫލްތަކުގައި ކިޔަވައިދޭ 8000 އަށްވުރެ ގިނަ މުދައްރިސުންނަށް މި ރޯދަމަސް ތެރޭގައި ެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓެބްލެޓް ހަވާލުކޮށްފަ އެވެ.

ސްކޫލްކުދިންނަށް ޓެބްލެޓް ހަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީން މިއަދު ފަށާފައިވާއިރު، ޓެބްލެޓް ދޫކުރާ ވަރަކުން އެއަށް ކުދިންނާ ބެލެނިވެރިން ވެސް އަހުލުވެރިކުރަން މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން މިއަދު ބުންޏެވެ. އަދި ޓެބްލެޓުން ކިޔަވައިދޭން ސްކޫލްތަކުގައި ގާއިމްކޮށްފައިވާ ވައިފައި ނެޓްވޯކްވެސް އަޕްގްރޭޑްކުރަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.

ސަރުކާރު ސްކޫލްތަކުގެ ގޮތު ހިންގާ 212 ސްކޫލް ރާއްޖޭގައި ހުރި އިރު އެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރުމަށް 70،000 އަށްވުރެ ގިނަ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގަނެފަ އެވެ. ގަތީ ވޭވޭ ބްރޭންޑްގެ މީޑިއާ ޕެޑް ޓީ 3 ޓެބްލެޓެވެ. 8 އިންޗީގެ އެޗްޑީ ސްކްރީނެއް ހިމެނޭ އެ ޓެބްލެޓުގެ ސްޓޯރޭޖް ކެޕޭސިޓީގައި 16 ޖީބީ ހުރެ އެވެ.