ހަބަރު

ކުރީގެ މެމްބަރު ނާޒިމް މައްސަލައިގައި ގޯސްކޮށް ހިނގި ބައެއް ކަންކަން އެބަހުރި: ދައުލަތް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހުމަދު ނާޒިމްގެ މަކަރާއި ހީލަތުގެ މައްސަލައިގައި ގޯސްކޮށް ހިންގާފައިވާ ބައެއް ކަންކަން އެބަހުރި ކަމަށް ދައުލަތުން ސްޕްރީމްކޯޓުގައި ބުނެފި އެވެ.

ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ސްޕްރީމްކޯޓުން އިއްވި ހުކުމް ރިވިއު ކުރުމަށް ނާޒިމްގެ ފަރާތުން ހުށަހެޅުމުން މިއަދު ބޭއްވި އެ މައްސަލައިގެ އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ވާހަކަދެއްކި ވަކީލުން ވަނީ އެ މައްސަލައިގައި ސްޕްރީމް ކޯޓުން ނާޒިމަށް ހެކިން ހާޒިރު ކުރުމުގެ ފުރުސަތުދީފައިނުވާ ކަމަށާއި، އެ ފުރުސަތު ނުދިން ސަބަބުވެސް ސްޕްރީމްކޯޓުން ބަޔާންކޮށްފައިނުވާކަަން ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން އެމައްސަލަ އިލްތިމާސަށް ހުށަހެޅުމުގައިވެސް އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެދިޔަ ކަމަށާއި، އެކަން އެގޮތަށް މެދުވެރިވީ، ޕީޖީ އަކު ނެތި އޮފީހުގެ ޒިންމާތަށް ޑެޕިއުޓީ ޕީޖީއާއި ހަވާލުކޮށްފައިވަނިކޮށް އޭނާވެސް އިސްތިއުފާ ދެއްވުމުން ކަމަށް ދައުލަތުން ވަނީ ކޯޓުގައި ބުނެފައެވެ.

އެމައްސަލައިގައި ފުރަތަމަ އެދިފައިވަނީ އެމައްސަލަ އަލުން ދަށުކޯޓުން ބަލަން އަމުރެއް ކުރުމަށް ނަމަވެސް، އެ މައްސަލައިގެ 2 ވަނަ އަޑުއެހުމުގައި ދައުލަތުން އެމައްސަލައިގެ އެދޭގޮތް ބަދަލު ކުރުމަކީވެސް އެންމެ ރަނގަޅަށް ހިނގާފައިވާ ކަމެއް ބެލުމުގެ ފުރުސަތު ކުޑަ ކަމަށްވެސް ދައުލަތުން ވަނީ ބުނެފައެވެ. އަދި އެ މައްސަލައިގެ އެއްވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ފަރާތްތަކަކީ ދައުލަތުގެ ބާރު ހުރި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ވުމުން އެމައްސަލަ ނުފޫޒުގެ ތެރެއިން ނިމިފައިވާކަަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.

ނާޒިމްގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ އެއްވަނަ ނަންބަރުގައި ވަނީ ދައުލަތުގެ އިސްވެރިންތަކެއްގެ ވާހަކަ ފާޖަހަކޮށްފައެވެ. އެހެން ނަމެވެސް އެއީ ކޮން ފަރާތްތަކެއްކަމެއް ޝަރީއަތުގެ މަޖިލީހުގައި އެއްވެސް ފަރާތަކުން ފާހަގަކޮށްފައެއް ނުވެއެވެ. އެއީ ކޮން ފަރާތްތަކެއްކަން ހާމަނުކުރި ނަމަވެސް ނާޒިމްގެ ފަރާތުން އެނުކުތާގެ ތަފްސީލު ދެމުން ވަކީލާ ފަރީޝާ އަބުދުﷲ ވިދާޅުވެފައިވަނީ ނާޒިމް އަކީ އޭރު ސިޔާސީގޮތުން ނުފޫޒުގަދަ ބޭފުޅަކަށްވެފައި، ނުހައްގުން ސިޔާސީ މައިދާނުގައި ކުރިއަރަން އުޅުނު ބަޔަކަށް ނާޒިމް ހުރަހަކަށްވެދާނެ ކަމަށް ބަލައި ދުރާލާ ރާވައިގެން ނާޒިމްގެ މައްޗަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.

މީގެ އިތުރުން ކުރިމިނަލް ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ދައުވާގެ އަސްލު މައުޟޫއާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައިނުވާއިރު، ސްޕުރީމްކޯޓުން ދައުވާގެ އަސްލު މައުޟޫއަށް ގޮތެއް ނިންމުމަކީ ގާނޫނު އަސާސީން ނާޒިމަށް ލިބިދީފައިވާ އިސްތިއުނާފު ކުރުމުގެ ހައްގާއި، ހަމަހަމަ ކަމުގެ ހައްގުން މަހުރޫމްވެގެން ދިޔަކަމެއް ކަމަށް ނާޒިމްގެ ވަކީލުން ވަނީ ބުނެފަ އެވެ.

ނާޒިމްގެ ފަރާތުން އެދުނީ އެމައްސަލައިގައި ނާޒިމްގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކޮށްދިނުމަށެވެ. ދައުލަތުން އެދުނީ ނާޒިމް ހުށަހެޅި ކަންކަމާއި ދައުލަތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް އިންސާފުވެރި ހުކުމެއް އިއްވައިދިނުމަށެވެ. އެކަމާއި ގުޅިގެން މައްސަލަ ބައްލަވާ ސްޕްރީމްކޯޓުގެ ބެންޗުގެ 3 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަކު ވަނީ މައްސަލަތައް އަބަދުވެސް ކޯޓުތަކުން ނިންމަނީ އިންސާފުވެރިކޮށް ކަމަށާއި، ދައުލަތުން އަސްލު އެދޭ ގޮތަކީ ކޮބާތޯ ތަކުރާރުކޮށް އައްސަވާފަ އެވެ. އެހެން ނަމަވެސް އެ ސުވާލަށް ސީދާ ޖަވާބެއް ދައުލަތުން ދީފައެއް ނުވެ އެވެ.

ނާޒިމްގެ މައްސަލަ ސްޕްރީމްކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވަނީ އެ މައްސަލަ ނިމުނުތާ 207 ދުވަސް ފަހުންނެވެ. އެ ހުކުމާއި ގުޅިގެން އޭރު ނާޒިމް ފުރުއްވަމުން ގެންދެވި ދިއްގަރު ދާއިރާގެ މެމްބަރުކަމުގެ ގޮނޑިވެސް ހުސްވިއެވެ. ނާޒިމް ވަނީ ހުކުމާއި ގުޅިގެން ޖަލުގައިވެސް ގިނަ ދުވަސްތަކެއް ހޭދަކުރައްވާފަ އެވެ. އޭގެ ފަހުން ބޭހަށް ވަޑައިގެން އެބުރި ރާއްޖެ ވަޑައިގެންނެވީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ވުމުންނެވެ. ނާޒިމްއާއި ރައީސް ޔާމީނަކީ ކުރިން ވަރަށް ގާތް ދެ ބޭފުޅުންނެވެ.