ހަބަރު

އާ ޕާޓީއެއް ހަދާފާނެ ކަމުގެ އިޝާރާތެއް ޔާމީން ދެއްވައިފި

އާ ސިޔާސީ ޕާޓީއެއް އުފައްދަން ޖެހޭ ހާލަތެއް އައިސްފިނަމަ އެކަންވެސް ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޕީޖީ މެންބަރުންނަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ޓިކެޓް ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވިދާޅުވީ، ޕާޓީއެއް އުފައްދަންޖެހޭނަމަ ޕާޓިއެއް އުފައްދަން ޖެހުމަކީ ވެސް އެމަނިކުފާނު ކުރައްވާނެ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އަދި މިއީ އެކަމުގެ ވަގުތު ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މެންބަރުންނަށް މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ޓިކެޓް ޕީޕީއެމްއިން މިރޭ ދީފައިވަނީ ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ މިވަގުތު ރައީސަކަށް ހުންނެވި ރައީސް ޔާމީންގެ ފަރާތްޕުޅުން އެވެ. އަދި ވިދާޅުވީ އެކަން ހުރިހާ މެންބަރުންވެސް ހަނދާން ބަހައްޓަންޖެހޭ ކަމަށާއި ޕާޓީއަށް ވަފާތެރިވުމަށް ވެސް ވަނީ މެންބަރުންގެ ކިބައިން އެދިލައްވާފަ އެވެ.

"ދެން މިހާރުވެސް ޕާޓީގެ މިލްކުވެރިކަމާ ދޭތެރޭގައި އަނެއްކާވެސް ސުވާލު އުފެދެންޏާ ހަމަގައިމުވެސް އަޅުގަނޑަށް ތާއީދުކުރައްވާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ އެ ސުވާލު ނުއުފައްދަވާށޭ. މި ޕާޓީ އަކީ އަޅުގަނޑުމެން އުފެއްދި ޕާޓީއެކޭ. މި ޕާޓީގައި މި މަސައްކަތް ކުރަނީ އަޅުގަނޑުމެން. އަދި މިރޭ، މި ޓިކެޓް އެރުވުނީ ވެސް ރައީސް ޔާމީންގެ ފަރާތުން އަރުވާ ޓިކެޓެއް.. އެހެން ނަމަވެސް ރާއްޖޭގެ ކަންތައްތައް ދާ ގޮތުން ކޮންމެ ފަދަ ގޮތެއްވެސް ވެދާނެ. އާ ޕާޓީއެއް ވެސް އުފައްދަން ޖެހިދާނެ. އެއީ މި ޓިކެޓަށް ބަދަލު އަންނާނެ ހާލަތަކީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމް އަކީ އަބަދު އެއްބައެއްގެ ޕާޓީއެއްގެ ގޮތުގައި އޮންނަންޖެހޭ ޕާޓީއެއް ނޫން ކަމަށެވެ. އެ ޕާޓީއަކީ އެޕާޓީގެ މެންބަރުން ނިންމާ ގޮތަކަށް އެ އިރެއްގައި ހޮވާ ވެރިއަކު ހިންގާ މެންބަރުންގެ ޕާޓީއެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތުން މިހާރު އެޕާޓީގެ ހިންގުމުގައި ތިބީވެސް ޕާޓީގެ މެންބަރުން އިއްތިފާގުވެ ވޯޓު ދީގެން ހޮވާފައިވާ ބައެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ހައިކޯޓުންވެސް ނިންމާފައި އެއޮތީ އަޅުގަނޑުމެން ބޭއްވި ކޮންގްރެސް އަކީ ސައްހަ ކޮންގްރެސް އެއް ކަމަށް. އެ ކޮންގްރެސް ސައްހަ ނުވާންވީ އެއްވެސް ގޮތެއް ނުވިސްނޭ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ކަނޑައަޅާ ގޮތުން، ޕާޓީއަކުން ކޮންގްރެސް އެއް ބާއްވާނަމަ އީސީގެ އޮބްޒާވަރެއް އިންނަން ވާނެ. އޭނަ ބަލާނެ ގާނޫނުގައި ކަނޑައަޅާ ގޮތަށްތޯ އަދި އިލެކްޝަންގެ ގަވާއިދާ އެއްގޮތަށްތޯ ކަންތައްތައް ދަނީ... އެހެންވީމަ އޭގަ ސުވާލު އުފައްދަން ޖާގަ އޮތްކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ، ޕާޓީގެ "ނަމުގެ" މިލްކުވެރިކަން ކޮންމެ ގޮތަކަށް އޮތްކަމަށް ނިމުނަސް، އެމަނިކުފާނަށް ކުރާ ތާއީދާއި ލޯބި ހިތުގެ ތެރޭގައި ސާފުކޮށް ބާއްވައިދިނުމަށް ސަޕޯޓަރުންގެ ކިބައިން އެދިލައްވާފަ އެވެ. އެމަނިކުފާނު މިހާތަނަށް ވެސް މަސައްކަތް ކުރެއްވީ ރައްޔިތުންގެ ހައްގުގައި ކަމަށާއި، ގޯސްކޮށް ދިޔަ އިންތިހާބެއްގައި ވެސް، 94،000 އަށްވުރެ ގިނަ ވޯޓު ލިބުމުން އެކަން އެނގިގެންދާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.