ހައްޖުގެ އަޅުކަން

ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް ފުރައިފި

މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާ ކުރަން ދާ ހައްޖުވެރިންގެ ތެރެއިން މައްކާއަށް ފުރާ ފުރަތަމަ ގްރޫޕްގެ ފްލައިޓް މިއަދު ފުރައިފި އެވެ. މިއަދު ފުރީ، "ޒައީ ގްރޫޕް" ގެ ހަވާލުގައި ހައްޖުގެ އަޅުކަން އަދާ ކުރަންދާ މީހުންނެވެ.

މި އަހަރު ރާއްޖެއިން 2000 މީހުން ހައްޖުގެ އަޅުކަން އަދާ ކުރަން ދެ އެވެ.

މިއަދު ހެނދުނު 9:20 ގައި ޒައީ ގްރޫޕުގެ 84 މީހަކު ވަނީ މައްކާއަށް ފުރާފަ އެވެ. މިއަހަރުގެ ހައްޖަށްދާ ހުރިހާ މީހުން އެއަޕޯޓަށް ދާން އިސްލާމިކް މިނިސްޓްރީ އާއި އެމްޓީސީސީ އަދި އެމްއެންޑީއެފް ގުޅިގެން ހާއްސަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފަ އެވެ.

އެގޮތުން، ހުޅުމާލެ އިން ފުރާ މީހުނާއި އާއިލާތައް އެއާޕޯޓަށް ދާ ބަހުގައި ހިލޭ ދަތުރު ކުރެވެ އެވެ. އަދި ވިލިމާލެ އިން ފުރާ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ފެރީތަކުގައި ވެސް ހިލޭ ދަތުރު ކުރެވެ އެވެ. ވިލިމާލެ އިން އެއާޕޯޓަށް ދާ ފަރާތްތައް، ވިލިމާލޭ ފެރީ ޓާމިނަލުން އެމްޕީއެލް ބަސް ޓާމިނަލަށް ގެންދިއުމުގެ ހިދުމަތް ދޭނީ އެމްއެންޑީއެފް އިންނެވެ.

ހައްޖަށް ފުރާ ފަރާތްތަކަށް ލުއި ފަސޭހަ ހިދުމަތްތަކެއް ދިނުމަށް ނިންމާފައިވާއިރު، ހައްޖަށްދާން ހުޅުމާލެއިން އެއާޕޯޓަށް ދާ ފަރާތްތަކުން ހުޅުމާލޭ ޓާމިނަލަށް ފްލައިޓް ފުރުމުގެ ހަތަރު ގަޑިއިރުކުރިން ދާން ވަނީ އެދިފަ އެވެ. އަދި ހައްޖަށްދާން ވިލިމާލެއިން އެއާޕޯޓަށްދާ ފަރާތްތައް ފްލައިޓް ފުރުމުގެ ހަތަރު ގަޑިއިރާ 15 މިނެޓް ކުރިން ދާން ޖެހެ އެވެ.