ދިވެހި ޕްރެމިއާ ލީގް

އީގަލްސް ދެ ވަނަ އަށް، ވިކްޓަރީގެ ފުރަތަމަ ލަނޑު

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ ދެ ވަނަ މަގާމަށް ކުލަބު އީގަލްސް ޖެހި ލައިފި އެވެ.

މި މެޗުގައި ވިކްޓަރީން ޖެހި ލަނޑަކީ، މި އަހަރު އެ ޓީމުން ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. ވޭތުވެދިޔަ ހަތް މެޗުގައި ވިކްޓަރީ ކޮޅަށް ވަނީ 25 ލަނޑު ވަދެފަ އެވެ. ވިކްޓަރީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އަހްމަދު ރަސްލާން ހަމީދު އެވެ.

މެޗުގެ 91 ވަނަ މިނެޓްގައި ރަސްލާން އަށް ބޯޅަ ލިބުނުއިރު އޭނާ ހުރީ އީގަލްސް ހާފުގެ މެދެއްހާ ހިސާބުގަ އެވެ. އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ އަށް ހަމަޔަށް ދީ ހުސްކޮށެވެ. އީގަލްސްގެ ދެ ޑިފެންޑަރުން ފަހަތުގައި ތިބުމުން އެ ދެ ޑިފެންޑަރުންނަށް ފުރުސަތު ނުލިބޭނެ ގޮތަށް އޭނާ ބޯޅަ ފޮނުވާލީ އީގަލްސްގެ ޒުވާން ކީޕަރު މުހައްމަދު ސިނާހް ހުރި ފަޅި އަށެވެ.

މެޗުން ބަލިވާން ދިޔަ ނަމަވެސް ސީޒަންގައި ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑާއެކު، ވިކްޓަރީގެ ޒުވާން ކުޅުންތެރިން ވަނީ އެ ގޯލް ޖެހުމުން އުފާ ފާޅު ކޮށްފަ އެވެ.

މެޗުން، އީގަލްސް އިން ފުރުސަތު ދިން ކީޕަރު ސިނާހް އަކީ އެ ޓީމުގެ ބަދަލު ކީޕަރެވެ. މެޗަށް ނުކުތުމުގެ ކުރިން އެ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނީ ޒުވާން ކުޅުންތެރިޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ދެ ވަނަ ކީޕަރަށް މެޗުން ފުރުސަތު ދޭނެ ކަަމަށެވެ.

މެޗުގައި އީގަލްސްގެ ލަނޑުތައް ކާމިޔާބު ކުރީ، ހަސަން ރާއިފް އަހްމަދު (ހަންނަ) އާއި މުހައްމަދު ނާއިމްގެ އިތުރުން އަހްމަދު ރިޒްވާން (ރިޒޭ) އެވެ.

ފުރަތަމަ ލަނޑު ހަންނަ ކާމިޔާބު ކުރީ، މެޗުގެ 14 ވަނަ މިނެޓްގަ އެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިއާގެ އަރިމަތިން ބޭރުން، ހައިޝަމް ނަގައިދިން ބޯޅަ، ހިޝާމް ސަލީމް (ކޮކީ) ބޮލުން ފޮނުވާލުމުން އެ ބޯޅަ އަމާޒުވީ ދަނޑިއަށެވެ. ދަނޑީގައި ޖެހިފައި ރީބައުންސް ވެގެން ނުކުތް ބޯޅަ ވިކްޓަރީގެ ކުޅުންތެރިޔެއްގެ ބޮޅުގައި ޖެހިފައި ބޯޅަ ވެއްޓުނީ ގޯލް ލައިން މައްޗަށެވެ. ވިކްޓަރީގެ ކީޕަރު ބޯޅަ ހިފަހިފައި އޮއްވައި ހަންނަ ވަނީ އެ ބޯޅަ ވައްދާލާފަ އެވެ.

އީގަލްސްގެ ދެ ވަނަ ލަނޑު ނާއިމް ކާމިޔާބު ކުރީ 43 ވަނަ މިނެޓްގަ އެވެ. އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ވިކްޓަރީގެ ޑިފެންސް ބީޓް ކޮށްލީ ހީކުރި ވަރަށް ވުރެވެސް ފަސޭހަ ކޮށެވެ. ރިޒޭ ލަނޑު ކާމިޔާބު ކުރީ، 66 ވަނަ މިނެޓްގަ އެވެ. އޭރިއާގެ ބޭރުގައި ހުރެފައި އޭނާ ބޯޅަ ވައްދާލީ ގޯލްގެ ތިރީ ކަނަށް އަމާޒު ކޮށެވެ.

މި ނަތީޖާ އާއެކު 12 ޕޮއިންޓް ހޯދައިގެން އީގަލްސް ބުރޭކަށް ދާނީ ދެ ވަނައިގައި އޮވެގެންނެވެ. އެއީ ކުރިން ދެ ވަނަ އިގައި އޮތް ދަ ގުރޭންޑޭ އަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ.