ހަބަރު

އާޓިފިޝަލް ބީޗް އިތުރަށް ތަރައްގީ ކުރަން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފި

Aug 31, 2015

ހެންވޭރުގައި މިހާރު ހަދާފައި ހުރި އާޓިފިޝަން ބީޗް އިތުރަށް ތަރައްގީ ކުރުމަށް އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެމްޑަބްލިއުއެސްސީއާ އެކު ސޮއި ކުރުމަށް މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން އާޓިފިޝަލް ބީޗްގެ ބެންޗްތައް ރަނގަޅު ކުރުމާއި އެ ސަރަހައްދު އަލިކުރުން އަދި ފާހާނާތަކުގެ ފެންވަރު ރަނގަޅު ކުރުން އަދި ލައިފް ގާޑުންގެ ހިދުމަތް މި ތަރައްގީގެ ތެރެއިން އަންނާނެ ކަމަށެވެ. އަދި މީގެ އިތުރުން މަދަ ކެއާ ރޫމް އަކާއި އައުޑްޓޯ އަދި އިންޑޯ ޝަވަރޫމް ގާއިމް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އިރުމަތީ ފަރާތު އާޓިފިޝަލް ބީޗަށް މިގެންނަ ބަދަލާ އެކު އަންހެން ފިރިހެން ވަކިން ޗޭންޖިން ރޫމް އެއް އަދި ހާއްސަ އެހީ އަށް ބޭނުންވާ މީހުނަށް ވެސް ހާއްސަ ވޮޝްރޫމް އެއް ހަދާނެ. އެތާ ހުރި ގޮންޑިތަށް ފެންވަރު ރަނގަޅުކޮށް ބީޗު ލައިޓު ޖަހާ އާޓިފިޝަލް ބީޗު އިތުރަށް ތަރައްގީ ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހީމް ފަޒުލް ރަޝީދު މިއަދު ވިދާޅުވި ގޮތުގައި އެ މަޝްރޫއު ނިންމާ އަންނަ މަހުގެ ތެރޭގައި ހަވާލު ކުރާނެ އެވެ. އެ މަޝްރޫއަކީ އެ ކުންފުނީގެ ސީއެސްއާރު މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ފަޒުލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ސަބަބުން އެ ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށް ބޮޑު ލުއިފަސޭހައެއް ވާނެ އެވެ.

މިމަޝްރޫއުގެ މަސައްކަތް މިހާރު ފެށިފައި ވާއިރު ހުޅަނގު ފަރާތުގައި ހައުސިން މިނިސްޓްރީ އިން ހަދަމުންދާ އާޓިފިޝަލް ބީޗުވެސް ހަދަން ފަށާއި އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމަން ހަމަޖެހިފައި ވެއެވެ.