ބޮލީވުޑް

ކައިވެނި ހަލާކޮށްލުމުގެ ޒިންމާ ޝިލްޕާ ޝެޓީގެ ބޮލަށް

ޝިލްޕާ ޝެޓީ އާއި އާއި މަޝްހޫރު ވިޔަފާރިވެރިޔާ ރާޖް ކުންދްރާގެ ކައިވެންޏަށް މިހާރު 11 އަހަރު ވަނީ ފުރިފަ އެވެ. އަދި މި ކައިވެންޏަށް ދެ ދަރިން ވެސް ލިބިފައި ވެއެވެ. ދޮށީ ދަރިފުޅު ވިއާން އަކީ ޝިލްޕާ ވިހޭ ކުއްޖެކެވެ. ހަގު އަންހެން ދަރިފުޅަކީ ސަރަގޭޓް މަދާއެއްގެ ޒަރިއްޔާއިން ހޯދި ކުއްޖެކެވެ.

ޝިލްޕާގެ ކުރިން ވެސް ރާޖް ކައިވެންޏެއް ކުރި އެވެ. ރާޖްގެ ފުރަތަމަ އަނބިމީހާއަކީ ކަވީތާ ކުންދްރާ އެވެ. ކަވީތާއަކީ އިނގިރޭސި ވިލާތުގައި ދިރިއުޅޭ އިންޑިޔާ ދަރިކޮޅުގެ ވިޔަފާރިވެރިއެއްގެ ދަރިއެކެވެ.

ކަވީތާ ބުނާ ގޮތުގައި އޭނާ އާއި ރާޖްގެ އުފާވެރި ކައިވެންޏަށް ޝިލްޕާ ވަދެ އެ ކައިވެނި ހަލާކު ކޮށްލީ އެވެ. އަދި ރާޖް އާއި އޭނާ ވަރި ކުރުވައިގެން ރާޖް އާ ކައިވެނި ކުރީ އެވެ. ޝިލްޕާ އާއި ރާޖްގެ ލޯބީގެ ކުޅިގަނޑު ފަށައި ޝިލްޕާ ކުރެން ރާޖް ކައިވެންޏަށް އެހިއިރު ކަވީތާ ފުރަތަމަ ދަރިފުޅަށް ބަނޑު ބޮޑުކަމަށް ވެސް އިންޑިޔާގެ ނޫހަކަށް ތަންކޮޅެއް ކުރިން ކަވީތާ އިން އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ރާޖް އާއި ކަވީތާ 2006 ގައި ވަރިވިއިރު އެމީހުންގެ ދަރިފުޅަށް އެންމެ ދެ މަސް ކަމަށް ވެސް ކަވީތާ ބުންޏެވެ. ކަވީތާ ބުނާ ގޮތުގައި ރާޖް އާއި ޝިލްޕާ އެކުގައި ޕާފިއުމް ބްރޭންޑެއް ލޯންޗު ކުރުމުގެ މަސައްކަތް 2000 ގެ އަހަރުތަކުގައި ކުރި އެވެ. އެ ދެމީހުންގެ ގުޅުން ގާތް ގުޅުމަކަށް ބަދަލުވީ އެ ދުވަސްވަރު ކަމަށް ކަވީތާ ބުންޏެވެ.

އޭނާގެ ކައިވެނި ރޫޅުމުގެ ޒިންމާ ކަވީތާ އަޅުވަނީ ޝިލްޕާގެ ބޮލުގަ އެވެ. ކަވީތާ ބުނަނީ ކައިވެނީގައި މައްސަލަތައް ޖެހެން ފެށީ އެމީހުންގެ ދިރިއުޅުމުގެ ތެރެއަށް ޝިލްޕާ ވަން ހިސާބުންނެވެ.

"މިހާރު އެމީހުން އެކުގައި ނަގާފައިވާ ފޮޓޯތައް ނޫސްތަކުން ފެނުނީމަ އަހަރެންގެ ހިތަށް އަރާ އަހަރެންގެ ފިރިމީހާ އަތުލައިގެންނޭ ޝިލްޕާ އެހެރީ. އަހަރެންގެ ދިރިއުޅުމޭ މިހާރު އޭނާ އެ އުޅެނީ. އަހަރެމެންގެ ކައިވެނި ސަލާމަތްކުރަން އަހަރެން ގަދައަޅާ މަސައްކަތް ކުރަމުން ދިޔައިރު ރާޖް އަބަދުވެސް ދައްކާނީ ޝިލްޕާގެ ވާހަކަ. އަހަންނަށް ވުރެ ޝިލްޕާ ކުޅަދާނަވެފައި މޮޅުވެފައި މަޝްހޫރުކަމަށް ރާޖް އޭރުވެސް ބުނި އޭނައަށް ހެޔޮ އަހަރެމެންގެ ޒަވާޖީ ހަޔާތަށް ކޮންމެ ގޮތެއް ވިޔަސް. އަހަރެން ބަނޑުބޮޑުއިރު ވަރިއަށް އެއްބަސްވޭތޯ ރާޖް މަސައްކަތް ކުރަން ފަށައިފި،" ކަވީތާ ބުންޏެވެ.

އެންމެ ފަހުން ކަވީތާ ވަރިކޮށްފައި ޝިލްޕާ އާއި ރާޖް ކައިވެނިކުރީ 2009 ގައެވެ. މިހާރު އެ ކައިވެންޏަށް 12 ވަރަކަށް އަހަރު ވަނީ ވެފަ އެވެ.

ދާދިފަހުން އިންޑިޔާގެ ނޫހަކުން ބުނެފައިވާ ގޮތުގައި ރާޖް ލޯބި ހުށަހެޅުމުން ފުރަތަމަ ކޮޅު ޝިލްޕާ އެކަމަށް ނޫނެކޭ ބުނެ ރާޖް އާ ނުގުޅެން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެންމެ ފަހުން ރާޖްގެ ޖާދޫގައި އޭނާއަށް ޖެހެވުނީ އެވެ.