ދިރާގު

ދިރާގުގެ ހިއްސާއަކަށް 7.50ރ ބަހަން ނިންމައިފި

ދިރާގުގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 7.50ރ. ބަހަން ފާސްކޮށްފި އެވެ.

ހިއްސާއަކަށް 7.50 ރުފިޔާ ބަހަން ފާސްކުރީ ރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ދިރާގުގެ 35 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ. މި ގޮތަށް ފާސްވީ ޖަލްސާގައި ބައިވެރިވި 96 ޕަސެންޓް ހިއްސާދާރުންގެ ވޯޓުންނެވެ.

ދިރާގުގެ ހިއްސާގެ ފައިދާ ބިނާވަނީ ބޯޑުން ހުށަހަޅާފައިވާ 5.84ރ. ގެ ފައިނަލް ޑިވިޑެންޑާއި މިދިޔަ އަހަރުގެ ކުރީކޮޅު އިއުލާނުކޮށްފައިވާ ހިއްސާއަކަށް 1.66ރ. ގެ އިންޓެރިމް ޑިވިޑެންޑް ހިމެނޭ ގޮތަށެވެ.

މިއާއެކު ހިއްސާގެ ފައިދާގެ ގޮތުގައި ދިރާގުން ޖުމްލަ 570 މިލިއަން ރުފިޔާ ބަހާނެ އެވެ.

ދިރާގަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ޖުމްލަ 2.6 ބިލިއަން ރުފިޔާ ލިބުނުއިރު ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 896 މިލިއަން ރުފިޔާ ލިބުނެވެ.