ދިރާގު

ދިރާގުގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީ 698 މިލިއަން ރުފިޔާއަށް

ދިރާގަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 698.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މުވާސަލާތީ ކުންފުނި -- ދިރާގުން އާންމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ އޭގެ ކުރީގެ ކުއާޓަރަށްވުރެ އިތުރުވެފަ އެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށްވުރެވެސް އިތުރުވެފަ އެވެ.

ދިރާގަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 684.3 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 653.8 މިލިއަން ރުފިޔާ އެވެ.

އެންމެ ބޮޑު އާމްދަނީއެއް ދިރާގަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނީ މޯބައިލް ހިދުމަތްތަކުންނެވެ. މޯބައިލް ހިދުމަތްތަކުން 376.8 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް އިން 300 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން ފުރަތަމަ ކުއާޓަރުގެ ފައިދާއަކީ 254.9 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމަށްފަހު ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 218.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.