ބައިވަރު މީހުންގެ ތެރެއިން އެކެއްގެ ވާހަކަ ހަސަން މޫސާ ކިޔައިދިނެވެ. އެ މީހާ އާއި އާއިލާ އުމުރު ދުވަހުން އެއްކުރި ފައިސާ ހޭދަކޮށްގެން ގުޅިފަޅުން ގަތް ފްލެޓްގެ ތަޅުދަނޑިއާ ހަވާލުވާން މާލެ ފުރަން ތައްޔާރުވީ ހެވިފައި ތިބެ އެވެ. އެކަމަކު މާލެ ފުރުމުގެ ކުރީން ބޮޑެތި ނިންމުންތަކެއް ނިންމަން ޖެހުނެވެ. ފުރަތަމަ ކަމަކަށް ތައުލީމާއި ވަަޒީފާގެ ފުރުސަތުތައް ވެސް ތަނަވަސް، މާލެ ސަރަހައްދަށް އާއިލާ ގޮވައިގެން ބަދަލުވުމަށްޓަކައި ރަށުގައި އަދާ ކުރަމުން އައި ވަޒީފާއިން އަނބިމީހާ ވަކި ކުރި އެވެ.
ދެވަނަ ކަމަކަށް ރަށު ސްކޫލަށް ކިޔަވާން ދިޔަ ކުދީން ސްކޫލުން ވަކިކޮށްލި އެވެ. އަލަށް ފަށާ ދަތުރުގައި މާލޭގެ މޮޅު ސްކޫލަކަށް އެ ކުދީން ވައްދާށެވެ. އެހެން ހުރި ހުރިހާ ކަމަކެއް ނިންމާލައި ލޭންދޭނުތަކާއި ހަރަދުތައް ހަމަޖައްސައި އަތްމަތި ތަނަވަސްކޮށްލަން ރަށުގައި ދިރިއުޅެމުން އައި ގެ ވެސް ގެސްޓްހައުސް އެއް ހަދަން ބޭނުންވެފައި ތިބި ބަޔަކަށް 30 އަހަރަށް ކުއްޔަށް ދިނީ އެވެ. ދެން އެ އާއިލާގެ އާ ދަތުރު ފެށުނީ އެވެ.
ފެންވަރު ރަނގަޅު އުފާވެރި ދިރިއުޅުމަކަށް ކުރަމުން އައި އުންމީދުތައް އޮޔާ ދިޔައީ ގުޅިފަޅު ފްލެޓުތައް އޮޅުން ބޮޑު މައްސަލަގަނޑަކަށް ވެ، ފައިސާ ދެއްކި މީހުންނަށް ވެސް ފްލެޓު ނުދޭން ނިންމުމުންނެވެ.
"އަހަރެމެން އެންމެން ގުޅީފަޅަށް ދިޔުމުން ވެސް އަނބުރާ މާލެއަށް ފައްސާލީ" ގުޅިފަޅުގެ އޮއިގަނޑުގައި ޖެހުނު އާއިލާއެއްގައި ހިމެނޭ ހުސައިން މޫސާ ބުންޏެވެ.
އެއިން މީހަކު އުޅޭނެ ތަނެއް ވަންނާނެ ޖިފުޓިއެއް ނެތުމުން އަނބުރާ ރަށަށް ދެވޭކަށް ވެސް ނެތެވެ. ފްލެޓަށް ދެއްކި ފައިސާއެއް ވެސް ލިބޭ ގޮތެއް ނުވި އެވެ. މާލެއިން ހިފި "ކޮތަރު ކޮއްޓެއް" ވަރު ކުޑަ ކުލީ ކޮޓަރިގަނޑެއްގައި ހުރީހާ ކުދީން ގޮވައިގެން ގަނައެއް ތެޅޭ ދިރިއުޅުމެއް އުޅެން ޖެހުނީ އެވެ. މިއީ ހުސައިން މޫސާ ކިޔައިދިން އެންމެ އާއިލާއެއްގެ ވާހަކައިން ތަންކޮޅެކެވެ.
"ހުރިހާ ދަރިންނާއި ދެމަފިރިން، އެއްކޮޓަރިއެއްގައި ކައި ބޮއެ ނިދާ ހަދަން ޖެހެނީ. އެންމެ ދެމަފިރިއެއް ނޫން. މީހުނާ އިނދެ ދެމަފިރީންނަށް ވެގެން އުޅޭ ކުދީން ވެސް އެބައުޅޭ... އެހެންވެ ގުޅީފަޅުން ފްލެޓު ގަނެގެން މިހާރު ހާލުގައި ގަނަތެޅޭ ގާތްގަނޑަކަށް ހުރިހާ ދެމަފިރިންނަކީ ބަރާބަރަށް މާލެއިން ރޭގަނޑު ގެސްޓްހައުސް ކޮޓަރި ހިފައިގެން ރޭކުރަން ދާން ޖެހޭ މީހުން," ގުޅީފަޅުން ފްލެޓު ގަތް ދެމަފިރިއަކު އެކުއެކީގައި ބުންޏެވެ.
އޭގެ ތެރެއިން އެކަކު ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ އޯލެވަލްއާ ހަމަޔަށް ވަރަށް މޮޅަށް ކިޔެވި ކުއްޖެކެވެ. ޑޮކްޓަރަކަށް ވާން ބޭނުންވާ ވާހަކަ އޭރު އަބަދު ދެއްކި އެވެ. ނަމަވެސް މިހާރު ބުނަނީ އިތުރަށް ނުކިޔަވާ އާދައިގެ ވަޒީފާއަކަށް ގޮސް ކޮއްކޮއަށް ކިޔަވައިދޭން ބޭނުންވާ ވާހަކަ އެވެ.
"ބައްޕަ އާއި މަންމަ ހުރިހާ ހަރަދެއްގައި ހިފައިގެން އުޅޭ ހާލު އެނގޭ ވާހަކަ ބުނަނީ... ވަރަށް ހިތްދަތި ގޮތަކަށް އަޅުގަނޑުމެންނަށް ދިމާވެފައި މިއޮތީ، މިހެން އުޅޭކަށް އަޅުގަނޑުމެ ލަދެއް ނުގަނޭ... އެކަމަކު އަޅުގަނޑުމެން މިހެން އުޅެންޖެހުމުން ދިވެހި ދައުލަތް ލަދުގަންނަން ޖެހޭނެ،" އެ ދެމަފިރީންގެ ތެރެއިން އަންހެން މީހާ ބުންޏެވެ.
އެއީވެސް ގުޅީފަޅު ފްލެޓަށް ފައިސާ ދެއްކި އާއިލާތަކުގެ ގާތްގަނޑަކަށް ހުރިހާ އެންމެންގެ ވެސް ވާހަކަ ހުރި ގޮތެވެ. އެންމެން ބުނާ ގޮތުގައި އެމީހުން ގަނައެއް ތެޅޭ އިރު އެ ހާލުގައި އެމީހުން ޖެއްސި "ސަރުކާރުތަކާއި ވެރިންގެ ލަދެއް ހަޔާތެއް" ނެތެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޖީޑީޕީ ކުންފުންޏާ ހަވާލު ކޮށްގެން ގުޅީފަޅުގައި ހެދި 184 ފްލެޓު ގަތުމަށް 158 އާއިލާއަކުން ފައިސާ ދެއްކި އެވެ. ދިރިއުޅެވޭނެ ކަމުގެ އުންމީދުގައި ބައެއް މީހުން ވަނީ ދެ ފްލެޓަށްވާ ވަރަށް ވެސް ފައިސާ ދައްކާ ހަލާސް ކޮށްފަ އެވެ.
ބައެއް އާއިލާތަކުން 200،000 ރުފިޔާ އާއި 300،000 ރުފިޔާއަށް ވުރެ ވެސް ގިނައިން ފައިސާ ދެއްކި އެވެ. ނަމަވެސް ފަހު ވަގުތު އެއިން މީހަކުޔ އެއްކޮޅެއްގައި ވެސް ލައްވައެއް ނުލި އެވެ. ފްލެޓަށް ފައިސާ ދެއްކިތާ 10 އަހަރުވެފައިވާ އިރު އަދިވެސް ބޯހިޔާވެހިކަމެއް ނުލިބެ އެވެ. ދެއްކި ފައިސާ ދިޔައީ ކަނޑަށް ކަމެއް އުޑަށް ކަމެއް އެމީހުނަކަށް ނޭނގެ އެވެ.
ސަރުކާރުތައް ބަދަލުވެ، އާ ރައީސުން އާ އުންމީދުތަކާއި ހުވަފެން ދައްކާ ނިމިގެން ދާއިރު، މި 158 އާއިލާ އެ ހައްގު ލިބޭތޯ އާދޭސްކޮށްލަ ކޮށްލާ އުޅޭތާ 10 އަހަރުވީ އެވެ. އެ އަޑު އަހާނެ މީހެއްނެތެވެ. ހައްލެއް ލިބޭނެ ގޮތެއް ނެތެވެ. އެކަމާ ލަދު ގަންނަ ލީޑަރަކުވެސް މެންބަރަކުވެސް ނެތެވެ.
ބުރަ މަސައްކަތުން އަތްމަތި ތަނަވަސްކޮށްލައިގެން ފްލެޓަށް ބައި މިލިއަނެއްހާ ރުފިޔާ ދެއްކި ނަމަވެސް އެ "ފްލެޓުގެ ވެރިން" ތައް މާލޭގައި އުޅެނީ ފަގީރު ހާލުގަ އެވެ. ތެޅެނީ ގަނައެކެވެ. ދިރިއުޅެން ޖެހިފައި އޮތީ ކުދިކުދި ކުލީ ކޮޓަރިތަކުގަ އެވެ.
އޭގެ ތެރެއިން އެއް އާއިލާއިން މާލެ އައީ ރަށުގައި ހުރި ގެދޮރުގެ އެއް ހިޔާވަހި ވިއްކާލާފަ އެވެ. އަދި އަނެއް ހިޔާވަހި ރަށު ޓޫރިޒަމަށް ދިގު މުއްދަތަށް ކުއްޔަށްދީފަ އެވެ. އެ މީހުންގައި އޮތީ ވަރަށް ރީޗަށް އޮމާންކޮށް ހަދާފައި އޮތް ރަމްޒީ ތަޅުދަނޑިއަކާއި ސިޓީއުރައެއް އެކަންޏެވެ.
މި އާއިލާ މާލޭގައި ދިރިއުޅެމުންދާ ގޭގެ ސިޑީގެ ފުޅަލަށް ހުންނަނީ ހިކި އަނަރޫފަވެފައިވާ އެންމެ މީހެއްގެ ވަށަ މިނެވެ. އާދައިގެ މީހަކު ނުވަތަ ހިއްކަސް ބަލި މީހަކު އެ ސިޑީން މައްޗަށް އެރުމަކީ ހާލެއްގައި ކުރަންޖެހޭނެ ކަމެކެވެ. އަދި އެ ސިޑީން ފޭބުމަކީ ނުރައްކަލެއްގެ ތެރެއަށް ވެއްޓުން ފަދަ ކަމެކެވެ.
މި ހާލުގައި ވަދެވޭ އެ ގޭގެ ދޮރުމަތީ އޮންނަނީ މީހުން ނިދާ ގޮދަޑިތަކެވެ. ހަތް ފޫޓު ހުންނަ އެ ކޮޓަރި ވަށައިގެން ރޯނު ދަމާ އެއްޗެހި ހިއްކަން އަޅުވާފައި ހުރެ އެވެ. ކާ މޭޒާއި ޓީވީ އާއި ނިދާ ތަނާކީ ވެސް އެއީ އެވެ. ބަދިގެ ވެސް އެތަނާ އިންވެ ހުންނަ އިރު އެތަނުގެ ބިންމަތީ އަޅާފައި އޮންނަ ފައިފޮހީގެ ސައިޒް އެއީ ބަދިގޭގެ ސައިޒެވެ. މާނައަކީ ފައިފުހިން ސައިޒުގެ ގޮޅިއެކެވެ. އެ ފައިފޮހި އޮންނާނީ ބަދީގޭގެ ތަޅުމަށް ފިޓްވެފައެވެ. ފައިފޮހިވާނީ ބަދިގޭގެ ދޫލައަށެވެ. ބަދިގެއަށް ވަދެވެނީ އެންމެ މީހަކަށެވެ.
ގުޅިފަޅު ފްލެޓް ގަނެގެފައިވާ އެހެން މީހެއްގެ ގެއަކަށް ދިޔަ އިރު ކުރީގެ ގެއަށް ވުރެ ވެސް ހާލު ދެރަ އެވެ. މި ގޭގެ ސިޑިން އަރާ ފައިބާ އިރު ވަނީ މިފްކޯގެ މަސްބޯޓެއްގެ އިންޖީނު ރޫމަށް ފޭބޭ ހެނެވެ. ދެމަފިރިންނާއި ކުޑަ ދެ ކުދިން ދިރިއުޅެނީ އެއް ކޮޓަރިއެއްގަ އެވެ.
އޭގެ ތެރެއިން އެއް ކުއްޖަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ. ނަމަވެސް ނުކުޅެދޭ ކުދިންނަށް ދޭ ފްލެޓެއް އެ ކުއްޖާއަކަށް "ހައްގެއް ނުވެ" އެވެ.
ލިޔެ ކިޔުމުން ތަނަވަސް ރީތި އަމިއްލަ ފްލެޓެއް ލިބިފައިވާ މި އާއިލާ ދިރިއުޅޭ މި ކޮޓަރިއަށް ވަންނަ އިރު މޫނު ޖެހި ވަދެން ދަނީ ކޮޅަށް ބަހައްޓާފައި ހުންނަ ގޮދަޑިގަނޑެއްގަ އެވެ. އެ ގޮދަޑީގެ ފުރަގަހުގައި ވަނީ އިސްކޮޅަށް ވުރެ ތިރި ފާހަނާ ގޮޅިއެކެވެ. ފާރު ރާނާއި ބައްދާފައި ނެތުމުން މި ފާހާނާ ވައްތަރީ ނާލު ބޯޓު ފަހަރުގެ ފަހަތުގައި ހުންނަ ފާހާނާ ގިފިލިގަނޑާ އެވެ. މި ގޭގެ މި ފާހާނާ ގޮޅީގައި މަތި ބައްދާފައެއް ވެސް ނުހުރެއެވެ. އަދި މި ފާހާނާ ހުންނަނީ ވެސް ކޮޓަރިއާ ވަކިންނެއް ވެސް ނޫނެވެ.
ކޮޓަރީގައި ބަންކު ބެޑެއް ބަހައްޓާފައި މީހަކު ފައި އަޅާލާނެ ޖާގައެއް ނެތެވެ. އެ އެނދުގެ މަތީގައި ހުންނަނީ ކައްކާ ސާމާނާއި ގެއަށް ބޭނުންވާނެ ކިރުޕެކެޓާއި ލޮނާއި ހަވާދާއި މިފާޑުގެ ސާމާނާއި ތަކެއްޗެވެ. ކޮޓަރީގެ އެއް ފަރާތެއްގައި ކަބަޑަކާއި ދޮންނަ މެޝިނެއް ހުރެ އެވެ. ކަބަޑު މަތީގައި ކުކަރު ބަހައްޓައިގެން ކައްކަ އެވެ. އަދި ދޮންނަމެޝިނު މަތީގައި ރަޖާގަނޑެއް އަޅައިގެން އިސްތިރި ކުރެ އެވެ. މި ކިޔައިދިން ހުރިހާ ކަމެއް މި ގޭގައި މި ހިނގަނީ މާލޭ އާދައިގެ ގެއެއްގެ ކުޑަ ފާހާނައެއް ވަރުވާ ތަންކޮޅެއްގަ އެވެ. މި ގޮޅީގައި ހަތަރު މީހުން ދިރިއުޅެމުން އެބަދެ އެވެ. އެމީހުންގެ މިލްގައި ފްލެޓެއް އޮވެ އެވެ.
އެއްކޮޅަކުން ވެސް ފްލެޓެއް ލައްވާ ނުލާ
ފްލެޓް ނުލިބި، ފައިސާ ކޮޅުވެސް ނުލިބި، އިންސާފު ވެސް ނުލިބި 10 އަހަރު މާލޭގައި ބިކަވެފައިވާ އާއިލާތަކުގެ ހާލަތު އޭރު ހުރި ވަރަށް ވުރެ މިހާރު މާ ގޯހެވެ.
ސްކީމްތަކުގައި ފްލެޓަށް ލީ އާއިލާތަކުގައި އޭރު އުމުރުން 15 އަހަރާއި 16 އަހަރުގެ ކުދީން މިހާރު ބޮޑުވެ، 25 އަހަރާއި 26 އަހަރަށް އަޅައިފި އެވެ. އޭގެ ބައެއް ކުދީން ބޮޑެތި ވެގެން މީހުނާ އިނދެ ދަރިން ހޯދައިފި އެވެ. އެއިން ކޮންމެ އާއިލާއެއް ވަރަށް ބޮޑުވެއްޖެ އެވެ.
ގުޅިފަޅުން ފްލެޓް ލިބި، މާލޭ ތެރޭގައި ގަނަތެޅެމުންދާ އާއިލާތަކުން ސިފަ ކުރާ ގޮތުގައި ރާއްޖޭގެ އާދައިގެ ކުޑަ ރަށެއްގެ އާބާދީ އާއި އެ އާއިލާތަކުގެ އާބާދީ މިހާރު އަރާ ހަމަކޮށްފި އެވެ. ނޫނީ ގިނަވާނެ އެވެ.
"ނުވަ ކުދިން ތިބި އާއިލާއެއް އެބަ ހުރި. ފްލެޓު ގަތް އިރު އޭގެ ތެރެއިން މީހަކާ އިނދެގެން އުޅުނީ އެންމެ ކުއްޖަކު. އެކަމަކު މިހާރު ހުރިހާ ކުދިން މީހުންނާ އިނދެގެން އެންމެ ހަގު ކުއްޖާގެ ވެސް އެބަތިބި ތިން ދަރިން، އެކަމަކު އެ މީހުން ދިރިއުޅެން ޖެހިފައި އޮތީ ކުޑަ ކުޑަ ތަންކޮޅުގައި. ކުޑަ ގޮޅިއެއްގެ ތެރޭގައި ޑެގު އަޅައިގެން އުޅެން ޖެހިފައި އޮތީ، އިންސާނުން ދިރިއުޅެން ހެޔޮވާ ވަރު ގޮތަކަށް ނޫން އެއުޅެވެނީއަކީ. އެކަމަކު އޮތީ ވެސް އެނޫން ކޮން ގޮތެއްތޯ؟" ގުޅީފަޅު ބިންވެރިއަކު އޭނާގެ ކަންބޮޑުވުންތައް ހިއްސާ ކުރި އެވެ.
އެވަރުން ނިމުނީއަކީ ނޫނެވެ. ގުޅިފަޅު ފްލެޓް ގަތް ފަރާތްތަކަށް އެހެން ބޯހިޔާވެހިކަމެއް ހޯދަން ވެސް އެތައް ގޮންޖެހުމަކާ ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާ "ހިޔާ" ފްލެޓުތަކަށް ކުރިމަތިލައި ފޯމް ހުށަހެޅުމުން "ގުޅިފަޅުން ފްލެޓު ޔަގީންވެފައިވާ ބަޔަކަށް ވާތީ" އެތާކުން ހިޔާވައްސެއް ނުލިބުނެވެ.
"ހިޔާ ފްލެޓުތަކަށް ލާން ފޯމް ހުށަހަޅަން ދިޔައީމަ އައިޑީކާޑު ނަމްބަރު ޖަހާލާފައި އަޅުގަނޑު ގާތު އަހަނީ ގުޅިފަޅުން ފްލެޓު ޔަގީންވެފައި އެބައޮތް ދޯއޭ. އަޅުގަނޑު ބުނިން އާނއެކޭ. އެހާ ހިސާބުން އެ ކެޓަގަރީއިން ފްލެޓު ނުލިބޭނެ ކަމަށް ބުނީ. އެއީ ގުޅީފަޅު ހުރިހާ އެންމެނަށް ފްލެޓު ދޭން ނިންމާފަ އޮތީމުން، އަޅުގަނޑުމެނަށް ނޭނގެނީ އެއީ ކޮން އިރަކުވާ ކަމެއްކަން،" އެކަކު ބުންޏެވެ.
ހިޔާ ފްލެޓަށް ކުރިމަތިލި އަންހެނަކު ބުނި ގޮތުގައި އޭނާއަށް ވެސް ދިމާވީ މައްސަލަ އެވެ. ފްލެޓަށް ކުރިމަތިލުމުން ފިރިމީހާއަށް ގުޅީފަޅުން ފްލެޓް "ކަށަވަރު" ވެފައި ވާތީ، އިތުރު ފްލެޓެއް ނުލިބުނެވެ.
"އެއްވެސް ކޮޅެއްގައި ނުޖެހުން އެކަންޏެއް ނޫން. އަޅުގަނޑުމެންނަކީ ދިވެހި ރައްޔިތުން، ގެދޮރު ވިއްކާލާފައި މާލެ އައީ ގުޅީފަޅުން ފްލެޓު ދޭނެ ކަމަށް ބުނުމުން. އެކަން ސަރުކާރަށް ނުކުރެވުމަކީ އަޅުގަނޑުމެންގެ ކުށެއް ނޫން. ވަރަށް ބޮޑު ގެއްލުމެއް މި ލިބުނީ. އެވަރު ނުވެގެން މިހާރު ފްލެޓް ދޭ އިރު އަޅުގަނޑުމެންނަށް ފުރުސަތެއް ނެތް. ވަރަށް ބޮޑު ތަފާތު ކުރުމެއް މިވަނީ،" އޭނާ ބުންޏެވެ.
ގުޅީފަޅު ފްލެޓަށް ފައިސާ ދެއްކި 158 މީހުންގެ ތެރެއިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގައި އިމާރާތް ކުރި 704 ފްލެޓުން ވަކި ކުރި ގުޅީފަޅު ހާއްސަ ކެޓަގަރީން 18 މީހަކަށް ފްލެޓު ދިނެވެ. އެ ދިނީ ވެސް އެންމެ އިންސާފުވެރި ގޮތަށް ނޫން ކަމުގެ އޮތް ތުހުމަތުތައް އަދިވެސް އެބައޮތެވެ.
ލަދު ނެތް ސަރުކާރުތަކަށް ބޮލުގަ ރިހުމެއް!
ގުޅީފަޅު ފްލެޓުތައް ގަތް ކޮންމެ އާއިލާއަކުން އެތައް ލައްކަ ރުފިޔާއެއް ދައްކާފައިވާ އިރު ސަރުކާރުތަކަށް ވަނީ އެ މައްސަލަ ހައްލުކޮށް އެ މީހުންނަށް ބޯހިޔާވެހިކަން ހޯދައި ނުދެވިފަ އެވެ. ކުޑަ މިނުން އެ މީހުން ދެއްކި ފައިސާ އަނބުރާ ހޯދައި ދޭން ވެސް ނުކުޅެދިފައިވާ އިރު އެތައް އަހަރަކަށް އެކަން ދިގުލައިގެން ދިއުމާ ގުޅިގެން އެ މީހުންނަށް ގެއްލުމުގެ ބަދަލު ދޭން ވެސް ދައުލަތަށް އޮތީ ޖެހިފަ އެވެ.
ބޯހިޔާވެހިކަން ހޯދުމަށާއި ގުޅީފަޅު މައްސަލަ ހައްލު ކޮށްދިނުމަށް އެދި މިދިޔަ 10 އަހަރު އެ ފަރާތްތައް ދިޔައީ ކޮންމެ ސަރުކާރެއްގައި ވެސް އެޕޮއިންޓްމަންޓަށް އެދެމުންނެވެ. އެކަމުގައި އިސްކޮށް އުޅުއްވަނީ ހަސަން މޫސާ އެވެ.
އޭނާ ބުނާ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުގައި އެއްވެސް މިންވަރަކަށް އެކަމަކަށް އެއްބާރުލުމެއް ނުލިބުނެވެ. އަދި އިންތިހާބު ދުވަސްވަރު ކޮންމެ ބަޔަކާ ބައްދަލު ކުރި ނަމަވެސް މި މައްސަލާގައު ސަރުކާރުގެ އިސް ވެރިންނާ ވެސް ބައްދަލު ނުވެ އެވެ.
"އިންތިހާބުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލު ކުރިން، ފްލެޓު މައްސަލާގައި ރައީސް އެކުލަވާލި ކޮމިޓީއާ ވެސް ބައްދަލުވި. ރައީސް ވިދާޅުވީ ގުޅީފަޅު މީހުންގެ މައްސަލަތައް ހައްލު ކޮށްދެއްވާ ނަމޭ އަދި ގެއްލުމުގެ ހައްގު ބަދަލު ވެސް ހޯއްދަވައި ދެއްވާނަމޭ ވެސް ވިދާޅުވި،" ހަސަން ބުންޏެވެ. "އެކަމަކު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުގެ އިސްވެރިންގެ އެޕޮއިންޓްމަންޓެރއް ހަމައެއް ނުޖެހޭ. އަޅުގަނޑުމެންނަށް އަދިވެސް ހައްލެއް ނުލިބޭ،"
މިހާރު މާލެ ސަރަހައްދުގައި އިމާރާތް ކުރަމުން ދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓުތަކެވެ. އެ ފްލެޓުތަކުގެ މައްސަލަ ބޮޑުވެ، އެ ތަންތަން ހުރީ އެއްވެސް ބަޔަކަށް ވަދެވޭ ހާލަތެއްގައެއް ނޫން ކަމަށް ވެއެވެ. ސަރުކާރުން ބުނެފައި ވަނީ ހުރިހާ ފްލެޓެއް ހަދާ ނިމޭނީ 2021 ވަނަ އަހަރުގަ އެވެ. އެހެންވެއްޖެ ނަމަ ގުޅިފަޅު ފްލެޓުތަކުގެ މީހުންނަށް އިތުރު ތިން އަހަރު އަދި ވޭނުގައި އުޅެން ޖެހޭނެ އެވެ. އެ މީހުންނަށް ދޭން ޖެހޭ ގެއްލުމުގެ ބަދަލު އެތައް ގުނައެއް އިތުރުވާނެ އެވެ.
"ގުޅީފަޅުގެ ވާހަކަ ދައްކައިފިއްޔާ ހައްގު ގެއްލޭ... ކޮންމެ ސަރުކަަރަކުން ވެސް ރުޅި އާދޭ. ރައީސް ޔާމީންގެ ސަރުކާރުން އަޅުގަނޑުމެން ދެކުނީ ރައީސް ނަޝީދުގެ ކުދިންކޮޅެއް ކަމަށް. ދެން އެހެން ސަރުކާާރުތަކުން އާޅުގަނޑުމެން ފެންނަނީ ސަރުކާރަށް ކުރެވުނު ބޭކާރު ބޮޑު ހަރަދެއްކަން. އަޅުގަނޑު މި ބުނަނީ މިއީ އިންސާނުންނޭ. ވަރަށް ހާލުގައި އޭ ދިރިމި އުޅެނީ. ކޮބައިހޭ ކުށަކީ. ސަލާން ޖަހާ އާދޭސް މި ކުރަނީ ސަރުކާރުތަކަށް ކުރަން މަޖުބޫރު ކަމެއް ކަން،"