ބޯހިޔާވަހިކަން

ބޯހިޔާވަހިިކަން ހޯދައިދޭން ބޭއިންސާފު ސިޔާސަތު

3

ދި ވެހިންގެ އިޖުތިމާއީ ވެށީގައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މަސްއަލަ އެވެ. މިދުވަސްވަރަކީ ބޯހިޔާވަހިކަމާއި ގުޅިގެން، ރާއްޖެތެރެ އާއި މާލޭގެ ހޫނުބަހުސް ސޯޝަލްމީޑިއާގައި ވަރަށް އާއްމު ދުވަސް ކޮޅެކެވެ.

ރައިޒް އާރްޓީ މޫވްމެންޓްގެ ނަމުގައި މިޒުވާބު ފެށެން ދިމާވީ، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ "ބިންވެރިޔާ ސްކީމް"ގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި އަދި "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ފުލެޓް ދޫކުރުމުގެ އުސޫލު ކަނޑައެޅުމުގައި ރައްޔިތުން ތަފާތުކުރުމުން ކަމަށް ބެލެވެ އެވެ.

މާލެ ރައްޔިތުންނަށް ހާއްސަ ކޮށްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭއިން ހިލޭ ދިނުމަށް ނިންމާފައިވާ 1،250 އަކަފޫޓުގެ 1،000 ބަންޑާރަ ބިމުގެ ތެރެއިން މާލެ ރައްޔިތުން ކަމުގައި މިދެންނެވި އުސޫލުން ކަނޑައަޅާފައިވާ މީހުން ފިޔަވައި އިތުރު ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ނޯވެ އެވެ.

ޕްލޭނިން މިނިސްޓްރީން އެކުލަވާލި އުސޫލުގައިވާ ގޮތުން މާލޭގެ ރައްޔިތެއް ކަމުގައި ބަލާނީ، އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައި ނުވާ ފަރާތްތައް އެކަންޏެވެ. ހަމަ މިއާ އެކު މާލެ ސަރަހައްދުން ފްލެޓް ދިނުމަށް ހިންގާ ގެދޮރުވެރިޔާ ސްކީމްގައިވެސް ހުރީ ތަފާތު ކުރުން ތަކެވެ.

މާލެ ސަރަހައްދުން ފްލެޓަކަށް ކުރިމަތި ލުމުގެ ޝަރުތަކީ ފަނަރަ އަހަރު މާލޭގައި ދިރިއުޅެފައިވުން ކަމަށް ވާން ޖެހެ އެވެ. ދެފަރާތުގެ ބަހުސް ހޫނުވެ ޕްރެޝަރު ބޮޑުވުމުން އުސޫލުތަކަށް، މިނިސްޓްރީން ވަނީ ކޮންމެވެސް ވަރެއްގެ ލުޔެއް ފަހުން ދީފަ އެވެ. އެހެންނަމަވެސް ހަރަކާތުގެ ބައިވެރިން ބުނަމުންދަނީ ކަމުގެ އަސްލު ބަދަލު ނުވާ ކަމަށާއި މިއީ ރާއްޖޭގެ ގާނޫނުއަސާސީއާއި ބައެއް ގާނޫނުތަކާވެސް ކަނޑައެޅިގެން ހިލާފަށް ހަދާފައިވާ އުސޫލު ތަކެއް ކަމަށެވެ. އަދި އެއްވެސް ކަމެއްގައި ތަފާތު ކުރުމަކީ ގާނޫނީ ކުށެއް ކަމުގަ އެވެ. މިކަމާ ގުޅިގެން އަމިއްލަ ފަރާތަކުން، ދައުލަތާއި ދެކޮޅަށް ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ހައިކޯޓުން ބަލައިގަނެ މިހާރު ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ.

ކަމުގެ ފަންނީ ބޭފުޅުން ވިދާޅުވާ ގޮތުގައި މާލެ މީހާ ރާއްޖެތެރެ މީހާގެ ޒުވާބެއް އުފަންވެ ދިގުލައިގެން ދިއުމަކީ މިކަމުގެ ސަބަބުން ޒަމާންތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. ތަނެއްގެ ހަމަޖެހުމާއި ކުރިއަރައި ދިއުމުގެ މަގުގައި ދެމި ތިބުމަށް އެއްބައިވަންތަ ކަމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެއްބައި ވަންތަކަން ނަގަހައްޓާ ދެމެހެއްޓުން ބިނާވަނީ އެތަނެއްގައި އޮންނަ އިޖުތިމާއީ އިންސާފުގެ މައްޗަށެވެ.

ހައްލު ހޯދަން އުޅޭ ގޮތް ކަމަކު ނުދޭ

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއް ރަށަށް ހިޖުރަ ކުރުމަކީ ގާނޫނުއަސާސީގެ 41 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ހައްގަކަށް ވާތީ އެއްވެސް މީހަކަށް އެކަމަށް ހުރަސްއެޅިގެން ނުވާނެ އެވެ.

"ރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބޭ އެންމެހައި ހިދުމަތް ތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބުމުގެ ހައްގު އެ ރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވޭ. އެހެންކަމުން މިއީ ވަރަށް ސާފު މައްސަލައެއް. އުސޫލެއް މެދުވެރިކޮށް، ގާނޫނުން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ނިގުޅައި ނުގަނެވޭނެ. އަދި ހަންޏެއްވެސް ނުކުރެވޭނެނެ،" އަލީ ހުސައިން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ރަށް ރަށުގެ ބިން ހިއްކައިގެން ރަށްތަކަށް އިތުރު ކުރާ ބިންތަކާއި، ކަނޑު މެދުގައި އޮތް ފަޅެއް، ވަކި ޕްލޭނެއްގެ ދަށުން ހިއްކައިގެން ހުޅުމާލޭގެ ނަމުގައި ތަރައްގީކުރި ކުރުމާ އަޅާ ނުކިޔޭނެ އެވެ. ރައްޔިތުންގެ ފައިސާ ހަރަދު ކޮށްގެން ރައްޔިތުންގެ ހެވާ ލާބަޔަށް ކޮށްފަ ހުންނަ ކަންތަށް ތަރުތީބުވާން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެނޫން އެހެން ގޮތަކަށް އެކަން ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. ޕްލޭނިން މިނިސްޓްރީން ހަދާ އުސޫލު ތަކުން ދައުލަތުގެ ބިން ވަކި ބަޔަކަށް ދިނުމެކޭ، އެސްޓީއޯގެ މުދާ ނުވަތަ ބީއެމްއެލްގައި ހުރި ފައިސާ ވަކިބަޔަކަށް ބަހާލުމެކޭ ވަކި ތަފާތެއް އެބައޮތްތޯ އޭ ވިދާޅުވެ އަލީ ސުވާލު އުފެއްދެވި އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމު ވިދާޅުވީ މާލެ ސަރަހައްދުގައި ބޯހިޔާވަހި ކަމަށް ގެނެވޭ ހައްލަކީ ހަމައެކަނި މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ގެނެވޭ ހައްލަކަށް ވެގެން ނުވާނެ ކަމަށެވެ.

"ބޯހިޔާވަހިކަން ދިނުމުގައި ތަފާތުކުުރުން އެއީ އިސްލާހުކުރަން ޖެހޭ ވިސްނުމެއް. އަދި މާލޭގެ ރައްޔިތުންނަކީ ކޮބައިކަން ސަރުކާރުގެ ވަކި މިނިސްޓަރަކު ކަނޑައަޅަމުން ދާތަން މިއަދު އަޅުގަޑުމެންނަށް އެބަފެނޭ. މިއީ އަޅުގަޑުމެން އެއްގޮތަކަށްވެސް ގަބޫލުކުރާ އުސޫލެއް ނޫން
މުހައްމަދު ނާޒިމު | މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް

ސޯޝަލްމީޑިއާގައި ރައިޒް އާރްޓީގެ ނަމުގައި ހިންގާ ހަރަކާތުގައި އިސްކޮށް ފެނިގެންދާ ޖެނިފާ ލަތީފް ބުނީ ރާއްޖޭގެ ބޯހިޔާވަހި ކަމަށް ހައްލު ހޯދުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ނެޝަނަލް އައިޑެންޓިޓީ ކާޑުން ދާއިމީ އެޑްރެސް އުނިކޮށްލަން ޖެހޭ ކަމަށެވެ. އެއިރުން މާލެ، ރާއްޖެތެރެ ކިޔައިގެން ކުރާނެ ޒުވާބެއް ނޯންނާނެ ކަމަށެވެ. އައިޑީ ކާޑުގައި އޮންނަ ދާއިމީ އެޑްރެހަކީ ދުނިޔޭގެ ގައުމު ތަކުންވެސް ދޫކޮށްލާފައިވާ ބޯދާ ވިސްނުމެއް ކަމުގައި ބުންޏެވެ.

"ހިލޭ ބިން ދިނުމަކީ ރާއްޖޭގައި ދެން ކުރެވެން ނެތް ކަމެއްކަން ގަބޫލު ކުރަންޖެހޭ. ރާއްޖޭގެ އެންމެންނަށް ދެވޭވަރަށް ބިން ރާއްޖޭގައި ނެތުމުން، ނެތް އެއްޗެއް ދެވޭނެ ގޮތެއްވެސް ނޯންނާނެ. އެހެންވީމާ ހިލޭ ދިނުމަށް ހައްލު ހޯދަންވީ،" ޖެނިފާ ބުނެފައިވެ އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭން ގޯތި ދޫކުރުން ހުއްޓާލުމުގެ ވާހަކަ ދައްކަން ޖެހޭ ކަމަށާއި އޭރުން ރާއްޖެތެރޭމީހާ މާލޭ މީހާގެ ޒުވާބަށް ހައްލެއް އަންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު ވެރިންގެ ސިކުނޑީގައި

ރާއްޖޭގައި ގައުމީ ބޯހިޔާވަހިކަމުގެ ހާއްސަ ސިޔާސަތެއް ކަނޑައަޅާފައެއް ނޯވެ އެވެ. ބޯހިޔާވަހިކަން ރާއްޖޭގައި ހިންގަމުން އަންނަ ގޮތަކީ، އޭރަކު ވެރިޔަކަށް ހުންނަވާ ބޭފުޅަކު ހިތްޕުޅާވާ ގޮތަކަށް ކުރިއަށް ގެންދިއުމެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ވަރަށް އަމިއްލަވަންތަ ގޮތަކަށް، ބައެއްފަހަރު ހިލޭ، ބައެއް ފަހަރު އަގަކަށެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި މިކަމަށް އޮތް ދާއިމީ ހައްލަކީ ދުރު ރާސްތާއަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތެއް އެކުލަވާލުމެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޒައާމަތުގައި އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ކުދި އާބާދީގެ ރަށްވެހިން ބޮޑެތި ރަށް ތަކުގައި ވަޒަންވެރިކުރުވުމާއި އަދި ތަފާތު ސަރަހައްދު ތަކަށް ބަހާލައިގެން ރާއްޖެ ތަރައްގީކުރުމުގެ ސިޔާސަތު ކަނޑައަޅައި އެތައް ފަހަރަކު އިއުލާން ކުރެއްވި އެވެ. ނަމަވެސް އެއީ ނަމަކަށް ކުރި ކަމަކަށް ވުމުން ވެރިކަމުގެ 30 އަހަރު ނިންމަވާލެއްވީ މައްސަލައަށް ހައްލު ނުހޯއްދަވަ އެވެ.

ރައީސް މުހައްމަދު ނަޝީދަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީކޮށް ހިންގުމަށް ނުހަނު ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި އަތޮޅުތައް، ޕްރޮވިންސް ތަކަކަށް ބަހާލައިގެން ތަރައްގީކުރުމުގެ ސިޔާސަތު އެކަށައަޅައި ކުރިއަށް ގެންދެވި އެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަތޮޅުތަކުގައި ފެއްޓެވި އެވެ. އެހެންނަމަވެސް ބޮޑަށް އިސްކަންދެއްވީ އިދާރީ ކަންތައް ތަކަށެވެ.

އޭގެ ފަހުން ވެރިކަމަށް އިންތިހާބު ކުރީ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނަކީ ލާމަރުކަޒީ ސިޔާސަތާއި ބީރަށްޓެހި ބޭފުޅެކެވެ. އަތޮޅު ތެރޭގައި އެޅުމަށް ނިންމާފައި ހުރި ފްލެޓްތަކުގެ ބޮޑުބައެއް ހުޅުމާލެއަށް ބަދަލުކޮށް އެތަނުގައި 7،000 ހައުސިން ޔުނިޓް އަޅައި، ކައުންސިލް ތަކުގެ ބާރު ހަނިވެސް ކުރެއްވި އެވެ. ރާއްޖޭގެ ހިންގުން އިތުރަށް މަރުކަޒީކޮށް ރާއްޖޭގެ އެންމެންނަށް މާލޭގައި ދިރިއުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވެ އެންމެން މާލެ އައުމަށް އެދިލެއްވި އެވެ. އެ ނިންމުމާ ގުޅިގެން މާލެ ސަރަހައްދަށް ހިޖުރަކުރި މީހުންގެ އަދަދުވެސް ވަރަށް ބޮޑު އިތުރުވި އެވެ. އަދި މިހާރުވެސް ފަޅުވެފައިވާ އަތޮޅު ތެރޭގެ ރަށްތައް އިތުރަށް ފަޅުވި އެވެ.

އެމްޑީޕީ އަކީ ލާމަރުކަޒީ ނިޒާމަށް ތާއިދުކުރާ ޕާޓީއެއް ކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސަތަކީވެސް ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގާ ތަރައްގީ ކުރުމުވެ. މިސިޔާސަތުގެ ދަށުން އަތޮޅު ތެރޭގެ 13 ރަށެއްގައި ހައުސިން ޔުނިޓްތަކެއް އަޅަން ނިންމެވި އެވެ. އޭގެތެރެއިން އަށް ރަށުގެ މަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުވެސް ކޮށްފަ އެވެ. އަދި އަތޮޅު ތެރޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ. އެހެންނަމަވެސް އަތޮޅުތެރެއިން އަދިވެސް ފެންނަނީ ނާއުއްމީދާއި މާޔޫސް ކަމެވެ. ރާއްޖެތެރޭ މީހާގެ މުސްތަގުބަލް އަމާޒު ކުރަންޖެހޭ މިސްރާބު އަދިވެސް އޮތީ ނޭގުމެއްގެ ތެރޭގަ އެވެ.

ލިޔުނީ: އިބްރާހީމް ޒާދީ