ބޯހިޔާވަހިކަން

ކޯލިވިން: އެނދުގެ ފައިލާކޮޅު ނޫން ގޮތެއް ނެތީ؟

ބޯ ހިޔާވަހި ކަމަކީ ރާއްޖޭގައި ފުނި ޖެހިފައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެ މުސްކުޅި އަދި އެންމެ ބޮޑު މައްސަލަ އެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް، ސިޔާސީ މީހުންގެ ހަތިޔާރަކަށް ހަދައިގެން، ކުލަ ކުލައިގެ ފޮތިތަކުގައި މޮޅު ވައުދުތަކުން ބެޓިކު ޖަހައިގެން ނުކުމެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަ އެވެ. ބިން ވެރިންނާއި ފްލެޓު ވެރިންގެ ފޮނި ވައުދުތައް އޮއްސަމުންނެވެ. އެކަމަކު ކޮންމެ ސަރުކާރަކާއެކު ވެސް ޒަމާންވީ އެ މައްސަލަ އިތުރަށް ބޮޑުވެ މުސްކުޅިވުން ނޫން ކަމެއް ނުވެއެވެ.

"ގަދަރުވެރި" އާއި "ފަހުރުވެރި" ކުރިއަށް ލައިގެން ނުކުތުމުން މި ސަރުކާރަށް ވެސް ރައްޔިތުން ނުކުމެ ވޯޓު ދިނީ އެ ވައުދުތަކުގެ މަތީގައި އެވެ. ނަމަވެސް، މި ދައުރު ދެ ބައިވާން ދާއިރު އެ އުއްމީދުތައް އަދިވެސް އޮތީ މެނިފެސްޓޯގަ އާއި މަގު ހުރަކަށް ދެމި ބެޓިކް ފޮތިގަނޑުގަ އެވެ. އަގު ބޮޑުކޮށް އޮފްސެޓް ޕްރިންޓުގައި ބެހި ކެމްޕޭނު ކަރުދާހާއި ލިޔުމުގަ އެވެ. ބޯހިޔާވަހިކަމާ ގުޅޭ ބުރަދަނެއް ހުރި މަޝްރޫއުއެއްގެ ވަހެއްވެސް އަދި ނުދުވަ އެވެ. އެފަދަ ކަމެއް ހިނގާހެން ހީވެސް ނުވެއެވެ.

ބަލިމަޑުކަމެއްގެ ތެރޭގައި ވިޔަސް، އެކަމުގެ ޝަކުވާއާއި ކަންބޮޑުވުންތައް މަޑުމަޑުން ބޮނޑިވަމުން އަންނަނިކޮށް، މިދިއަ މަހު ސަރުކާރުން ވަނީ މުޅިން އާ ލަވައެއް ރައްޔިތުންނަށް އިއްވާފަ އެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބަހުރުވައިންނަމަ، ހުޅުމާލޭގެ ދެވަނަ ފިޔަވަސަށް ތައާރަފު ކުރަނީ އާ ކޮންސެޕްކްޓެކެވެ. "ކޯލިވިން ހައުސިން" ނުވަތަ އެހެން މީހުންނާއެކު ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުން ކުރާ ބަދިގެ ފަދަ ތަންތަން ހިއްސާ ކޮށްގެން ދިރިއުޅުމަށް ސިންގަލް އަދި ޓްވިން ޝެއާ ކޮޓަރި ހެދުމުގެ މަޝްރޫއު ހިންގަން ބަޔަކު ހޯދަން ވެސް އެ ކުންފުނިން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ. -- މިއަދަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިން ހިއްކަން ފެށި ދުވަހެވެ.

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މިހާރު މައްޝޫރުކަން ހޯދަމުން އަންނަ ކޮންސެޕްޓެކެވެ. މީގެ ބައި ގަރުނު ކުރިން ޑެންމާކުން އުފަން ވެގެން އައި މި ކޮންސެޕްޓު ވަނީ ޔޫރަޕު ހުރަސްކޮށް އެމެރިކާގެ އިތުރުން އޭޝިއާއަށް ވެސް މޫލައިފަ އެވެ.

މި ބާވަތުގެ ހިޔާވަހިކަމުގައި، އަމިއްލަ ކޮޓަރި ފިޔަވައި އެޕާޓްމެންޓްގައި ދެން ހުންނަ، ބަދިގެ އަދި ސިޓިން ރޫމް ފަދަ، ތަންތަނަކީ ދެން ހުރި ކޮޓަރިތަކުގައި ދިރިއުޅޭ މީހުންނާއެކު ހިއްސާކުރާ ތަންތަނެވެ. ރާއްޖޭގެ މި ޕްރޮޖެކްޓުގައި ތަފާތު ހިދުމަތްތަކާއެކު ނިމިގެންދާއިރު އައުޓްޑޯ ޖިމާއި ޕޭންޓްރީ، ބާބަކިއު އޭރިއާ އަދި ކޮންމެ ފަންގިފަލައެއްގައި އެންމެނަށް ބޭނުން ކުރެވޭނެ ބަދިގެއެއް ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ބޭރު ގައުމުތަކުގައި މި ކޮންސެޕްޓް އެހާ މަގްބޫލުވެފައި ވަނީ ކުރު މުއްދަތަކަށް ކިޔަވަން ނޫނީ ވަޒީފާއެއް އަދާކުރަން އެހެން އަވަށެއް ނުވަތަ ސިޓީ އެއްގައި ދިރިއުޅޭ އިރު ވަކިން ތަނެއް ކުއްޔަށް ހިފައިގެން އުޅުން މާ އަގު ބޮޑުވާތީ އެވެ. ނަމަވެސް، މިއީ އެފަދަ ގައުމެއް ނޫނެވެ. ދިވެހިންގެ ދީނާއި އާދަ ކާދައާއި ދިރިއުޅުމުގެ ވައްޓަފާޅި އުޑާބިމާހާ ތަފާތެވެ. މާލެއަށް ހިޖުރަކުރާ ސަބަބުތަކާއި މުއްދަތުތަކަކީ ވެސް އެހެން ގައުމުތަކާ ވަރުން އެޅުވޭނެ ކަމެއް ނޫނެވެ.

ދިރިއުޅެން އެކަށީގެންނުވާ މިންގަނޑުކަމަށް ބަލާ ތަންތަނުގައި، 17،000 އަށް ވުރެ ގިނަ އާއިލާ މާލޭ ސަރަހައްދުގައި ދިރިއުޅޭ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ މިދިއަ އޯގަސްޓް މަހު އެވެ. އެފަދަ ނިކަމެތި ހާލަތެއްގައި އާއިލާތައް ދިރިއުޅެމުން އަންނަ އިރު، މި ސަރުކާރުން އެންމެ އިސްކަމެއް ދޭން މި ފެނުނީ މި ކޮންސެޕްޓެވެ. ބޯހިޔާވަހިކަމުގެ ޒަމާންވީ މައްސަލައިގެ ތެރެއިން ކުރި ފަޅައިގެން، ބަންޑެލިވެގެން އައިސްފައިވާ އެތަކެއް އިޖުތިމާއީ މައްސަލަތަކުގެ ހައްލަކީ މިއީ ހެއްޔެވެ؟

ކޯލިވިން އަލީ ސަރުކާރަށް

ސިޔާސަތުތައް ކަނޑައަޅުއްވަން ތިއްބެވި ވަޒީރުންނާއި އެޗްޑީސީގެ ވެރިންގެ ސަމާލު ކަމުން ފަހަރުގައި ކައްސާލާފައި އޮތް ނަމަވެސް، ކޯލިވިން އަކީ މިހާރުވެސް މާލޭގައި ގިނަ އާއިލާތަކެއް ދިރިއުޅޭ "ކޮންސެޕްޓެ" ކެވެ. ކުދި ކުދި އެޕާޓްމަންޓުގައި އެއް އާއިލާއެއްގެ ހުރިހާ އެންމެން މިހާރު ވެސް ދިރިއުޅެ އެވެ. ދެ ކޮޓަރީގެ ނޫނީ ތިން ކޮޓަރީގެ ކުޑަ އެޕާޓްމަންޓެއްގެ އެއް ކޮޓަރީ، ނުވެސް ދަންނަ ބަޔަކަށް ކުއްޔަށް ދީގެން އުޅޭ އާއިލާތައް މަދެއް ނުވާނެ އެވެ. އައިބޭ އާއި ފޭސްބުކްގައި ދުވާލެއްގެ މައްޗަށް މީގެ އެތަކެއް އިޝްތިހާރެއް ބަލައިލި، ނޫނީ ބަލަން ބޭނުންވި މީހަކަށް ފެންނާނެ އެވެ. ކޮޓަރި އެކަންޏެއް ނޫނެވެ. ދުމަށި މަތީ މަސް އަތުރާހެން އެ ކޮޓަރީގައި ބަރި ބަރިއަށް ޖަހައިގެން އެނދުވެސް ކުއްޔަށްދީގެން އުޅެ އެވެ.

ރައްޔިތުންގެ މައްސަލަތައް އެނގިގެން ކަމަށް ބުނެ ވެރިކަމަށް އާދެވުނީމަ މި ކުރަނީ އަދިވެސް ދިރާސާ. ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެންދާއިރު އަދިވެސް މި ބަލަނީ މައްސަލަ އޮތް މިންވަރު
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު

އެކަން ކުރަނީ ބޭނުންވެގެން ނޫނެވެ. މަޖުބޫރު ވެގެންނެވެ. ލިބޭ ކުޑަ މުސާރަކޮޅުން މުޅި އެޕާޓްމަންޓުގެ ކުލި ދެއްކޭނެ ގޮތެއް ނެތީމަ އެވެ. ކިތަންމެ އުނދަގުލެއް ތަހައްމަލު ކުރަންޖެހުނަސް އިތުރު މަގެއް ނޯވެ އެވެ. ނުދަންނަ އެހެން އާއިލާއަކާއެކު އެޕާޓްމަންޓެއް ޝެއާ ކުރާ ގޮތަށް ކޮޓަރި ކުއްޔަށް ހިފާ މީހުންގެ ކުރިމަތީގައި އޮތީ ހަމަ އެފަދަ ނިކަމެތިކަމެކެވެ. މުޅި ދިރިއުޅުން ގައިދުވެފައި އޮންނަނީ ރަނގަޅަށް ދިހަ ފޫޓު ހަމަނުވާ ގޮޅިއެއްގެ ތެރެއަށް ފައްތައިފަ އެވެ.

އަލަތު އަނބިމިހާއާއެކު އެކަހަލަ ކޮޓަރިއެއްގެ ތެރެއިން ޒަވާޖީ ހަޔާތެއް ފަށަން މަޖުބޫރުވެފައިވާ ޒުވާން ދެމަފިރިން ދިރިއުޅެމުންދަނީ ދަތި އުނދަގުލުގަ އެވެ. ދެ މީހުން ވަޒީފާ އަދާކުރި ނަމަވެސް، ވަކި އެޕާޓްމަންޓެއްގެ ކުލި ހަމައެއް ނުވެ އެވެ. ދެ ކުދިންނާއި މާމައަކާއެކު ދިރިއުޅޭ ދެމަފިރިންނާއެކު "ކޮލިވިން" ހަދަން މަޖުބޫރުވީ އެވެ. ކެއްކުމާއި، ކެއުމާއި، އަންނައުނު ދޮވުން ފަދަ އަސާސީކަންކަން ވެސް ނުދަންނަ ބަޔަކާ ހިއްސާކުރުން ނޫން ގޮތެއް ނެތެވެ.

"ވަރަށް އުނދަގޫ އަސްލު. އެމީހުންގެ ހުރޭ ކުޑަކުއްޖެއް. އެ ކުއްޖާ އައިސް ކޮޓަރި ދޮރުގައި ތަޅާވެސް ހަދާނެ. އަޑުވެސް ގަދަވާނެތާ ދެން ކުޑަކުދިން އުޅެންޏާ. އެއް ބަދިގެ ބޭނުންކުރަނީ. ދެން އަދި ހުކުރު ދުވަހު ވަރަށް އުނދަގޫވާނެ. އެއް ގަޑިއެއްގެ ދޯ ކައްކަން ޖެހޭނީ. އެއް ބައި ދުވަސް ދުވަހު އެ މީހުން ކައްކާ ނިމެންދެން މަޑުކުރަނީ. ނޫނީ އެމީހުން ވަނުމުގެ ކުރިން ހެނދުނު ހެނދުނާ އަންހެނުން ޖެހޭނީ ބަދިގެއަށް ވަންނަން،" އެ ޒުވާން ދެމަފިރިންގެ ދިރިއުޅުމުގެ ތަރުތީބު ހިއްސާކުރި އެވެ.

މައްސަލައިގެ ތެރެއިން ވިޔަފާރީގެ ދޮރެއް؟

މާ މޮޅުކޮށްގެން ސަރުކާރުން މި މަޝްރޫއު ރޯލްއައުޓް ކޮށްފައިވަނީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ކަމަށް އެޗްޑީސީން ބުނެ އެވެ. އެ ބުނާ ދިރާސާއެއްގެ ބައިވެރިންގެ ތެރެއިން 56 ޕަސަންޓަށް ވުރެ ގިނަ މީހުން މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި މި ފަދަ ކޮންސެޕްޓަކަށް ފަރުމާ ކޮށްފައިވާ ގެދޮރުވެރިކަމެއްގައި އެއް އަހަރަށް ވުރެއް ގިނަ އަހަރު ދިރިއުޅޭނެކަމަށް ލަފާކޮށްފަ އެވެ.

ނަމަވެސް، ވާތު ފިޔައިގެ ސިޔާސީ ހަރަކާތެއް ކަމުގައިވާ ނަވާނަވައިގެ ސްޕޯކްޕާސަން ފާތިމަތު ސާއިރާ ވިދާޅުވާ ގޮތުގައި، ބޯހިޔާވަހިކަމުގެ މިފަދަ ދިރާސާތައް އަބަދުވެސް ފަރުމާކޮށްފައި ހުންނަނީ އެ ކުރާ ބަޔަކު ބޭނުންވާ ނަތީޖާއެއް ނުކުންނަ ގޮތަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދުނިޔޭގައި މި ކޮންސެޕްޓު ކިތަންމެ މަގުބޫލުކަމަށްވިޔަސް، ރާއްޖޭގައި އޮތް މައްސަލަ ވަރަށް ތަފާތެވެ. ސަބަބަކީ ރަށްރަށުން މާލެއަށް ދިރިއުޅުން ބަދަލުކުރަނީ ވަގުތީ ގޮތުން ނޫން ކަމެވެ. ކިޔަވަން އަންނަ ކުއްޖާ ރަށުން މާލެ އަންނަނީ ގިނަ ފަހަރު އެނބުރި ދާ ގޮތަކަށް ނޫނެވެ. ކިޔަވައި ނިމިގެން، ވަޒީފާ އަދާ ކުރަނީ މާލޭގަ އެވެ. އޭގެ ފަހުން ހަޔާތެއް ފަށައި، ދިރިއުޅުން ބިނާކުރުމުގެ ވިސްނުމުގަ އެވެ. އެއާއެކު، ގެދޮރުގެ ދަތިކަމަށް ވަންނަނީ އިތުރު ބޮލެކެވެ.

"އެ ބުނާ ދިރާސާތަކުގެ މެތަޑޮލޮޖީ މިހުންނަނީ އޮޅުވާލާ ގޮތަށް. ފުރަތަމަ މާލެއަށް ހިޖުރަކުރަނީ ކިޔަވަން. އެކަމަކު މުޅި އުމުރު ދެން އުޅޭނީ ހަމަ މާލޭގައި. ދެން ދިރާސާގެ ސުވާލުތައް ހުންނަ ގޮތުން މިހާރު މާލޭގައި ހުރީ ކިޔަވަންށޭ ދޯ ބުނާނީ. މި ކޮންސެޕްޓަކުން ހަގީގީ މައްސަލައަކަށް ހައްލެއް ނުލިބޭ. ބޯހިޔާވަހިކަމުގެ މައްސަލަ ހަމަ ބޮޑުވަމުންދާނީ،" މަސައްކަތްތެރިންގެ ހައްގުތަކާއި އިޖުތިމާއީ ގިނަ މައްސަލަތަކުގައި އަބަދުވެސް އަޑުއުފުލަމުން ގެންދާ ސާއިރާ ފާހަގަކުރެއްވި އެވެ.

އެޗްޑީސީގެ އާ މަޝްރޫއު ސާއިރާ ސިފަކުރެއްވީ ހޮންކޮންގް ފަދަ ގައުމުތަކުން ފެންނަ "ކޮފިން ހޯމްސް"ގެ ގޮތުގައި އެވެ.

ވަރަށް މުހިއްމު ނުކުތާއެއް ފާހަގަކުރައްވަމުން، ސާއިރާ ވިދާޅުވީ މި ކޮންސެޕްޓުގެ ދަށުން އަޅާ ފުރަތަމަ ފްލެޓުތައް ރަނގަޅު ފެންވަރެއްގައި ހުރުމުގެ ފުރުސަތު ބޮޑު ނަމަވެސް، މަޑުމަޑުން ފެންވަރު ދަށްވެ، ސައިޒު ކުޑަވެގެން ދިއުން ވަރަށް ގާތެވެ.

ކޮންމެ ސަރުކާރަކުން މި މައްސަލާގައި އެއް ވިސްނުމަކާއި އެއް ސިޔާސަތެއް ތަކުރާރުވަމުންދާކަމަށް ތުހުމަތު ކުރައްވަމުން، ސާއިރާ ވިދާޅުވީ، މިއީ ވިޔަފާރިވެރިންގެ އަތްމައްޗަށް ބިންތައް ދޫކޮށްލައިގެން، މިހާރުވެސް ފުނޑިފައިއޮތް ހައުސިން މާކެޓަކުން ވިޔަފާރީގެ ފައިދާ ނެގުމުގެ އިތުރުމަގެއް ކަމަށެވެ.

އެއީ އެޕާޓްމަންޓެއް ކުއްޔަށް ނަގައިގެން، ކުރު މުއްދަތަށް ކޮޓަރި ކުއްޔަށް ދީގެން ހަމައެކަނި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި، އާއްމުން ކުރާ ކަމަކުން ވިޔަފާރިވެރިންނަށް ނެރެވިދާނެ ފައިދާއެއް ފެނިގެންނެވެ.

މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުވެސް އެކަމަށް އިއްތިފާގުވެވަޑައިގަންނަވަ އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ހާލަތާ އެއްވެސް މިންވަރަކަށް ގުޅޭ ކޮންސެޕްޓެއް ނޫނެވެ.

މިހާތަނަށް ބޯހިޔާވަހިކަމުގެ އެއްވެސް ކަމެއް ކޮށްފައިނުވާ ސަރުކާރަކުން އުޅެނީ ކޯލިވިންގެ ނަމުގައި ވަކި ބަޔަކަށް ފައިދާއެއް ހޯދައިދޭން ކަމީ އޭނާ ގަބޫލުކުރައްވާ ގޮތެވެ.

"މައްސަލަ ހައްލެއް ނުވާނެ. މިއީ އެއްވެސް ގޮތަކަށް ދާއިމީ ހައްލެއް ނޫން. މިކަމުން ރައްޔިތުންނަށް ލިބޭނެ އެއްވެސް އުއްމީދެއްވެސް ނެތް،" އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅުގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ މިންވަރާއި، ގޯތިގެދޮރުގެ މިލްކިއްޔާތު ލިބުމުގައި ދެކޭގޮތާއި ކުއްޔަށް އުޅޭ ފަރާތްތަކަށް ލުއި ފަސޭހަ މަގެއް ދެނެގަތުމަށް ކަމަށް ބުނެ މިދިއަ މަހުން ފެށިގެން ސަރުކާރުން އަނެއްކާވެސް އާ ދިރާސާއެއް ކުރަމުން އަންނަ އިރު، މުއިއްޒު ވަނީ އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ.

"ރައްޔިތުންގެ މައްސަލަތައް އެނގިގެން ކަމަށް ބުނެ ވެރިކަމަށް އާދެވުނީމަ މި ކުރަނީ އަދިވެސް ދިރާސާ. ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެންދާއިރު އަދިވެސް މި ބަލަނީ މައްސަލަ އޮތް މިންވަރު،" އެ ދިރާސާއަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އިޖުތިމާއީ އެތައް މައްސަލައެއް ނުކުންނާނެ

ސާއިރާވެސް އަލިއަޅުއްވާލެއްވި ފަދައިން، ރަށްޓެހިންނާއެކު އެއް ފުރާޅެއްގެ ދޮށުގައި އުޅެވޭނެ ހިޔާލަކީ ދިވެހި ޒުވާނުންވެސް ގަޔާވާނެކަމަކަށް ވާނެ އެވެ. ފިލްމުތަކުންނާއި ސީރީސްތަކުން އެފަދަ މަންޒަރުތައް ފެންނާތީ އެވެ. ނަމަވެސް، ގިނަ ބަޔަކާއެކު ދިރިއުޅުން ހިއްސާކުރަންޖެހުމުން އެތަކެއް މައްސަލައެއް ނުކުންނާނެކަމީ ނުވެ ނުދާނެ ކަމެކެވެ.

ސަބަބަކީ، މި ކޮންސެޕްޓްގެ ދަށުން ކޮންމެ ކޮޓަރިއަކީ ވަކި ޔުނިޓެކެވެ. އެ ޔުނިޓު ކުއްޔަށްދޭނީ އިމާރާތް ކުރާ ފަރާތުން ދޭ ބަޔަކަށެވެ. އެ ބަޔަކު ކަނޑައެޅުމުގެ އިހުތިޔާރެއް ބާކީ ތިބި ކޮޓަރިތަކުގައި އުޅޭ މީހުންނަކަށް ނޯންނާނެ އެވެ.

އަމިއްލަ އާއިލާއާއެކު ދިރިއުޅޭއިރުވެސް މައްސަލަޖެހި މޫނުކެނޑޭ ހިސާބަށް ދާންޖެހޭއިރު، އެކި މިޒާޖުގެ ނުދަންނަ މީހުންނާއެކު އެއް ބަދިގެއެއްގައި ކައްކާ، އަންނައުނު ދޮވެ ހެދުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ. އެހެން ބަޔަކާ ޒަރޫރީ ބޭނުންތައް ފުއްދާ ވަސީލަތްތައް ހިއްސާކުރުމަކީ އިންސާނީ ތަބިއްޔަތުގައި ވެސް ހުންނަކަމަކަށް ނުވާއިރު، ގިނަ ދުވަސްތަކަކަށް އެކަން ކުރަން މަޖުބޫރުވުމަކީ ވިސްނުމަށްވެސް ނޭނގޭ ފަދަ މައްސަލަތައް ފެންމަތިވެގެން އައުމުގެ ފުރުސަތު ބޮޑެވެ.

"އެއް ގެއެއްގައި ދިރިއުޅޭ އާއިލާގެ ތެރޭގައިވެސް މިހާރުވެސް ޖެހޭ މައްސަލަތައް އެހާ ގިނަ. ކުދިންނާ ބެހުމާއި ވައްކަން ކުރުމާއި އެކަހަލަ ކިތަންމެ ކަމެއް. ދެން ނުދަންނަ ބަޔަކާ އެކީ ދިރިއުޅޭއިރު، ނުކުންނާނެ މައްސަލަތައް ވިސްނަވާ،" އެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ސާއިރާ ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ އޮތް ގޮތަށް އޮއްވާ ސަރުކާރުން މި ކުރަން އުޅޭ ކަމަކާމެދު ސުވާލު އުފައްދަންޖެހޭ ސަބަބުތައް ބައިވަރެވެ. މުއިއްޒުވެސް ވިދާޅުވި ފަދައިން، މި މައްސަލައަށް ބޭނުންވަނީ ދާއިމީ ހައްލެކެވެ.

އިތުރު ތަނެއް ހިއްކާފައި ނަމަވެސް، ބޭނުންވަނީ އެކަށީގެންވާ އަގެއްގައި އަމިއްލަ ވާނެ ގޯއްޗެކެވެ. އެވަރު ނުވަންޏާ ފްލެޓު ގަނޑެއްވެސް ގިނަ މީހުންނަށް ވަރިހަމަވާނެ އެވެ. މުޅި އުމުރު ކުލި ދައްކައިގެން އުޅުމުގެ ބަދަލުގައި، ވަޒީފާއަކަށް ގޮސް އާމްދަނީ ލިބެން ފަށާ ހިސާބުން އެ މިސްރާބަށް ދެވޭނެ މަގެއް ޒުވާނުންނަށް ކޮށައިދޭން ޖެހެ އެވެ.

އެކަމަކު ކޯލިވިން އޭ ކިޔައިގެން ސަރުކާރުން ހުޅުވަން ފަރިކުރަމުންދަނީ އަނެއްކާވެސް ކުއްޔަށް އުޅެންޖެހޭނެ ދޮރެކެވެ. އުމުރުގެ އެ ހިސާބުގައި ބޭނުންޖެހޭތީ މައްސަލާގައި އަޅަން މިއުޅެނީ މަލަންގަނޑެކެވެ. އެއީ ގަދަރުވެރި ދިރުއުޅުމެއް ނޫނެވެ. އަދި އެފަދަ ދިރިއުޅުމަކާމެދު ފަހުރުވެރިއެއްވެސް ނުވެވޭނެ އެވެ.

މުޅި ދުނިޔެ އަތް ފުނާ އަޅައިގެން ވިޔަސް، ރާއްޖެއަށް ގެނެސްދޭންވީ، ކުލި ދައްކައިގެން އެހެން މީހެއްގެ އެނދުގެ ފައިލާ ކޮޅުގައި ނިދަންނުޖެހޭނެ ކޮންސެޕްޓެކެވެ.