ފްލެޓް ޑައިރީ

ހިޔާވެރިންގެ ޝަކުވާތަކަށް ނިމުމެއް ނެތް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ހިންގި މަޝްރޫއުތަކުގެ ތެރެއިން ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން ކުރިއަށްގެންދިޔަ "ހިޔާ" މަޝްރޫއަކީ ވެސް ބޮޑު ޕްރޮޖެކްޓެކެވެ. ހިޔާގެ ޓަވަރުތަކާއެކީ ހުޅުމާލޭގައި - އެ ރަށުގެ އާ ބިމުގައި ތަރައްގީގެ ކުލަ ޖެހޭން ފެށި އެވެ. ބޯހިޔާވަހިކަމަށް އެދި އެދި ތިބި އެތައް ބަޔަކަށް އުންމީދުތައް ވެސް އާވި އެވެ. އެ ފްލެޓްތައް އަޅައި ނިމެއްޖެ އެވެ. ފްލެޓްތައް ދެވަނަ ފަހަރަށް ބަހައި ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމުކޮށް ވެސް ނިމިއްޖެ އެވެ. ބައިބަޔަކަށް މުސްތަގުބަލުގައި އެމީހުން ދިރި އުޅޭނެ ހިޔާ ބަލައިލަން ޒިޔާރަތް ވެސް ކޮށްފި އެވެ.

އެތައް ބަޔަކު އުންމީދު ކޮށްގެން ތިބި ދުވަސް އައިސް ޖެހެނީ އެވެ؛ މިމަހުގެ 14 ވަނަ ދުވަހު އެގްރިމެންޓްތަކުގައި ސޮއިކުރަން ފަށާނެ އެވެ. ވަގުތުން ވަގުތަށް ތަޅުދަނޑި ވެސް އަތަށް ދޭނެ އެވެ. ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުގެ އިންތިޒާރަށް ނިމުން އަންނަން ކުޑަ ދުވަސްކޮޅަކަށް ވަނީ ވެފަ އެވެ. އުންމީދު ކުރަނީ ފެންނާނީ އުފާވެރި މޫނުތަކެއް ކަމަށެވެ. ނަމަވެސް ހުރިހާ ކޮޅަކުން ވެސް އަދި ފެންނީ މާޔޫސުވުމުގެ ކުލަވަރެވެ. ފްލެޓް ލިބުނު މީހުންގެ ޝުއޫރުތައް މިހާރު ވަރަށް ތަފާތެވެ. ސަރުކާރުގެ ވާހަކަ ވެސް އެހާ ތަފާތެވެ. މާލެ ސިޓީ ކައުންސިލްގެ ވާހަކަ އަދި މާ ތަފާތެވެ.

ފްލެޓްތަކުގެ ތަޅުދަނޑިތައް ހަވާލު ކުރަން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ރަށުތެރެއަށް ފެތުރިފައި ވަނީ ހުސް ޝަކުވާ އެވެ. ފްލެޓް ލިބި ދާއިމީ ބޯ ހިޔާވަހިކަމެއް ކަށަވަރުވި ނަމަވެސް އެމީހުން އެ ތިބީ މުޅިން ރުހިގެން ހިތްހަމަޖެހެގެން ނޫންކަން ޝަކުވާތަކުން އެނގެ އެވެ.

"ބާރަ ވަނަ ފްލޯއިން އަޅުގަނޑަށް ފްލެޓް ލިބުނީ. ވަށައިގެން ފެންނަނީ މޫދާ ބީޗް ސަރަހައްދު. ވަރަށް ހިތްފަސޭހަ މި ސަރަހައްދު. މާލޭގަ އުޅޭ ތަންކޮޅާ ބަލާފަ މިތަން ރަނގަޅު. އެކަމަކު ހިތްހަމަނުޖެހޭ ބައިވަރު ކަންކަން އެބަހުރި. މިސާލަކަށް ފްލެޓްތައް ނުނިންމާ ހަވާލު ކުރާތީ ވަރަށް ދެރަ. މިތަނުގެ ލިފްޓްތައް އެހާ ކުޑަ. އަދި އެހާ އަގު ވެސް ބޮޑުވީމަ އެހާ ހިތްހަމައެއް ނުޖެހޭ." ފްލެޓް ލިބުނު މީހަކު ބުންޏެވެ.

ފްލެޓްތަކުގެ އަގު ބޮޑުވެގެން ޝަކުވާ

ސޯޝަލް ހައުސިންއަކީ އާންމު ގޮތެއްގައި ކުޑަ އަގެއްގައި ދޫކުރާ ތަންތަނެވެ. ފެންވަރު ރަނގަޅުކުރާ ވަރަކަށް ތަނުގެ އަގު އުފުލިގެންދާނެ އެވެ. ކުރީ ސަރުކާރުން ފްލެޓްތަކުގެ މަހު ފީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 5،500ރ. އެވެ. ނަމަވެސް މި ސަރުކާރުން އެ އަގު ވަނީ 7،500ރ. އަށް ބޮޑުކޮށްފަ އެވެ. ފިނިޝިން މަސައްކަތް ނުނިންމާ ހުރި ތަނަކަށް އެވަރުގެ އަގެއް ކިޔުމުން ފްލެޓް ލިބުނު މީހުން ދިޔައީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ހިތްހަމަނުޖެހުމާއި ހުރި ކަންބޮޑުވުންތައް ފާޅު ކުރަމުން ސަރުކާރަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. އިހުތިޖާޖުތައް ވެސް ކުރި އެވެ. ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކުރެ އެވެ. ހިޔާ ފްލެޓްތައް ކުޑަވެފައި ދައްކަން ޖެހޭ އަގު ބޮޑުވުމުން އެއީ ނާއިންސާފުވުމެއް ކަމަށް އެމީހުން ދެކެ އެވެ. އަދި އެއީ ހައްގު މިންވަރު ނޫން ކަމަށް ވެސް އެމީހުން ބުނެ އެވެ.

"ފްލެޓް ހަދަން ލޯނެއް ކަންނޭންގެ ނަގަން ޖެހޭނީ. ލިބޭ އެއްޗަކުން ފްލެޓް ނުހެދޭނެ. މިހާރު ފްލެޓް ނުލިބު ނަމައޭވެސް ހިތަށް އަރާ. މިތަނަށް ވަންނަން ބަލާއިރު ބޯމަތީގައި މިއޮތީ އުފުލަން ޖެހޭ އިތުރު ތަކުލީފިތަކެއް. ކިހިނެއް މިވަރުން މިތަނަށް ވަންނާނީ؟" ފްލެޓް ލިބުނު މީހަކު ބުންޏެވެ.

ސަރުކާރުން ބުނާ ގޮތުގައި ފްލެޓްތަކުގެ އަގު ބޮޑު ކުރީ މަޝްރޫއު ހިންގަން ލޯނެއް ނަގައިފައި ވާތީ އެވެ. ފްލެޓްތަކުގެ އަގު ހަދާފައިވާ ގޮތުގެ ތަފްސީލު ދާދި ފަހުން ސަރުކާރުން ވަނީ ކިޔައިދީފަ އެވެ.

ސަރުކާރު ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިޔާ މަޝްރޫއު ހަވާލު ކޮށްފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާފައިވާ ކުންފުންޏާ އެވެ. އަދި ހިޔާ ފްލެޓްތަކުގެ ޔުނިޓެއްގެ އަގަކީ 62،000 ޑޮލަރެވެ. ފަސް ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅިއިރު އެއަށްވުރެ މާ ކުޑަ އަގު އެހެން ފަރާތްތަކުން ހުށަހަޅާފައި ވެއެވެ.

"ތަށިމުށި ޖެހުމާއި ދޮރެއް ހަރުކުރުމެއް ނެތް. ކިޗަން ކެބިނެޓް ހެދުމެއް ނުހިމެނޭ. ކުލަ ލުމެއް ފަންކާ އަދި ބޮކި ހަރު ކުރުމެއް ނުހިމެނޭ. ހިމެނެނީ ކަރަންޓު ވައިރު ކުރުމާއި ފެން ސަޕްލައި ކުރުން. އެއް ސްކޯޕެއްގަ ހުރިހާ ފަރާތްތަކުން ވެސް ޕްރޮޕޯސަލް ހުށަހަޅާފަ އޮތީ. އަޅުގަނޑަކަށް ނޭނގެ ކުރީ ސަރުކާރުން ކޮން ގޮތަކަށް ވިސްނާފަ ކަމެއް އެންމެ އަގު ބޮޑު ކުންފުންޏަށް ޕްރޮޖެކްޓް އެވޯޑު ކުރީއެއް." މަބްރޫކް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެކަމަށް ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ހިޔާ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ އަށް ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ކޮމާޝަލް ލޯނެއް ނަގައިގެނެވެ. ލޯނު ދައްކާ ހަލާސް ކުރަން ކަނޑައަޅާފައިވާ މުއްދަތަކީ 20 އަހަރެވެ.

"އަށް ޕަސެންޓް އިންޓްރެސްގަ 20 އަހަރު ދުވަހުން ދައްކާ ގޮތަށް ލޯނު ނަގާފައި ވަނީ. ފްލެޓެއްގެ އަގު 1.2 މިލިއަން ރުފިޔާއަށް އަރާ. ފްލެޓަކަށް މަހަކު 10،419ރ. އަރާ. މިއީ އޭރުގެ ސަރުކާރުން ކުލީގެ ހިސާބު ހަދާފައިވާ ގޮތް. ސޯޝަލް ހައުސިން އެއަށްވުރެ އަގުހެޔޮ ވާން ޖެހޭނެ. އަގު ކުޑަކުރަން ބިމުގެ އަގާ އަދިވެސް ބައެއް މެނޭޖްމެންޓް ފީތަކާ އެއްޗެހި ކަނޑާލީމާ ފްލެޓެއްގެ އަގު އެއް މިލިއަނަށް އަރަނީ. އަޅުގަނޑުމެން އިންޓްރެސްޓް ރޭޓް ވާނީ 6.78 ޕަސެންޓަށް ކުޑަކޮށްފައި 25 އަހަރުން ލޯނު ދައްކަން ހެދީ. އެހެން ހަދައިގެން 7،500ރ. އަށް ކުޑަކުރީ. މިއަށްވުރެ ކުޑަކޮށްފިނަމަ ވަރަށް ބޮޑު ތަކުލީފެއް ސަރުކާރުން އިތުރަށް އުފުލަން ޖެހޭނެ. މިހާރުވެސް ސަރުކާރުން ލޯނު ދައްކާ ނިންމަން އިތުރަށް ފްލެޓްތަކަށް ސަރުކާރުގެ ބަޖެޓުން 3.2 ބިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ." ރައީސް ވިދާޅުވެފައި ވެއެވެ.

މި ހިސާބުތައް ރައްޔިތުންނަށް ބަލައިގަންނަން ވަރަށް އުނދަގުލެވެ. އެމީހުން ބޭނުން ވަނީ ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި ފްލެޓްތަކަށް ކުލި ދައްކާށެވެ. ކުރީ ސަރުކާރުން އެގޮތަށް އަގު ކަނޑައަޅާފައި ވުމުން މިހާރުގެ ސަރުކާރުން ދައްކަމުން އަންނަ ވާހަކަތައް ގަބޫލު ކުރަން އުނދަގޫ ވަނީ އެވެ. ކުލި ކުޑަކޮށް ދިނުމަށް އެދި ފްލެޓް ލިބުނު މީހުން އާދޭސް ކުރަމުން އަންނައިރު ސަރުކާރުން ބުނަނީ އެހެން ހަދައިގެން ސަރުކާރުން ކުރަން ޖެހޭ ހަރަދުތައް ދެކޮޅު ނުޖެހޭނެ އެވެ. ކުލި ކުޑަކޮށްފިނަމަ ސަރުކާރުގެ ޝަކުވާތައް ވެސް އިންތިހާ އެވެ. ކުލި ބޮޑުވެގެން ރައްޔިތުންގެ ޝަކުވާތައް އަންނަނީ ފުނި ޖެހެމުންނެވެ. އެއްކޮޅަކުން ވެސް ހަމަޖެހުމެއް ނެތެވެ.

ނުނިންމާ ހަވާލުކުރާތީ ޝަކުވާ

ފްލެޓްތައް ހަވާލުކުރަނީ ފިނިޝިން މަސައްކަތްތައް ނުނިންމަ އެވެ. ތަށިމުށިޖަހައި އެތަނަށް ވަދެވޭވަރު ކުރަން ޖެހެނީ އަމިއްލައަށެވެ. ދޮރެއް ބޮތްކެއް ފަންކާއެއް ނެތެވެ. މަރާމާތު ކުރަން ގާތްގަނޑަކަށް 35،000ރ. ހަރަދުވާނެ ކަމަށް އެފަދަ މަސައްކަތްކޮށް ދޭ ފަރާތްތަކުން ބުނެ އެވެ. ކުލި އެހާ ބޮޑުއިރު އެވަރުގެ އަގެއް ފިނިޝިން މަސައްކަތަށް ނުދެއްކޭނެ ކަމަށް ބުނެ އެތައް ޝަކުވާއެއް ދަނީ ކުރަމުންނެވެ.

"ކޮވިޑްގެ މި ހާލަތުގައި މުސާރަ އެހާ ކުޑަ. ތިން މަހުން ކިހިނެއް މި މައްސައްކަތް ކުރާނީ؟ މިއީ އެއްގޮތަކަށް ވެސް އިންސާފުވެރި ގޮތެއް ނޫން. ވަރަށް ދުވަހު އެކި ގޮތްގޮތުން މަސައްކަތްކޮށްގެން ފްލެޓެއް މި ލިބުނީ. ލިބުނީމަ ވެސް ހަމަޖެހުމެއް ނުލިބުނު. މިކަން މިވަނީ ބޮޑު ތަކުލީފަކަށް ވެފައި." ފްލެޓް ލިބުނު މީހަކު އޭނާގެ ޝުއޫރުތައް ކިޔައިދިނެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ފިނިޝިން މަސައްކަތްތަކަށް ފަސް "އޮޕްޝަނެއް" ކަނޑައެޅި އެވެ. އޭގެތެރެއިން އެމީހަކު ބޭނުންވާ އޮޕްޝަނެއް ހިޔާރު ކުރުމުން އެޗްޑީސީން ފްލެޓް ހަވާލު ކުރާނީ އެމީހަކު އެދުނު ގޮތަށް ފްލެޓް ނިންމައިދިނުމަށް ފަހު އެވެ. މިއީ މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ކުރިއަށްގެންދިޔަ މަޝްރޫއެއް ކަމުން އެކި ގޮތްގޮތުން އެ ކަންކަމަށް ހައްލު ހޯދައިދޭން އޭނާ މަސައްކަތް ކުރައްވަ އެވެ. ނަމަވެސް މި ސަރުކާރުން އެކަން ބަދަލު ކުރުމުން މުއިއްޒު އަންނަނީ ފާޅުކަން ބޮޑުގޮތެއްގައި ސަރުކާރަށް ފާޑުކިޔައި އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ސަރުކާރުން ބުނަނީ ތިން މަސް ދުވަހުން އެ މަސައްކަތްކޮށް ނިންމޭނެ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ކުލި ދައްކާކަށް ނުޖެހޭނެ އެވެ. ނަމަވެސް ކުރަން ޖެހޭ ހަރަދު ބޮޑުކަމުން ފްލެޓް ލިބުނު މީހުން ތިބީ ނުރުހިފަ އެވެ. އެމީހުން ސިފަކުރާ ގޮތުގައި މާލޭގައި ދިރިއުޅެނީ ވަރަށް ހާލުގަ އެވެ. އެ ހާލުގައި އުޅުމަށްފަހު އަމިއްލަ ބޯހިޔާވަހި ކަމަކަށް ދާނެ ރާސްތާ ކޮށަން ވެސް މި ޖެހުނީ އަމިއްލައަށް ބޮޑު ހަރަދެއް ކޮށްގެންނެވެ. އިތުރު ތަކުލީފެކެވެ. އިތުރު ބުރައެކެވެ.

އެންމެ ބާރަށް ފްލެޓް ލިބުނު މީހުން ދައްކަމުން އަންނަނީ މި ވާހަކަތަކެވެ. އިތުރު ކަންކަން ވެސް އެމީހުން އަންނަނީ ފާހަގަ ކުރަމުންނެވެ. ޓަވަރުތަކުގައި ހުރި ލިފްޓްތައް ކުޑަ ވުމަކީ ވެސް އެމީހުންގެ ކަންބޮޑުވުމެކެވެ. ބައެއް ދޮރުފަތްތަކުގައި ދަބަރު ޖަހާފައި ހުރުމާއި ބައެއް ފާހާނާތަކުގައި ޕައިޕްތައް ފެންނަން ހުރުމަކީ ވެސް ހަމަ ކުރަމުން އަންނަ ޝަކުވާ އެކެވެ. ފްލެޓަށް ވަދެވޭތީ ލިބިފައިވާ އުފާވެރި ކަމަށްވުރެ ފާޅުކުރަމުން އަންނަނީ ހުސް ކަންބޮޑުވުމާއި ޝަކުވާ އެވެ.