"އަހަރުމެންގެ ހުރޭ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް، އެ ކުއްޖާއަށް ރަށުން ކިޔަވައެއް ނުދެވޭ. އެހެން ތިއްބާ ފްލެޓު ލިޔުން ލިބުނީމަ މާލެ ބަދަލުވީ... މިކޮޅަށް [މާލެއަށް] މިއައީ އެ އުންމީދުގައި... އަހަރުމެންނަށް މި ކޮޅުން ފްލެޓު ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކޮށްގެން މި އައީ، އިހަށް ކުއްޔަށް ވިޔަސް މިކޮޅުގައި އުޅެން. އެކަމަކު މިއަދު މި ތިބީ އެއްވެސް އެއްޗެއް ނުލިބި މިހާރު އުޅޭ ގެއިން ވެސް ނުކުންނަން ޖެހިފަ،"
މިއީ "ހިޔާ" މަޝްރޫއުގެ 2500 ކެޓަގަރީން ފްލެޓު ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން، ތިން ދަަރިންގެ މަންމައެއްގެ ހިތުގެ ރިހުންތަކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފްލެޓް ލިބޭނެ ކަމަށް ޔަގީންކަން ދީފައިވާ ދައުލަތުގެ ތައްގަނޑު ޖެހި ލިޔުން ހިފައިގެން މިފަދަ އެތައް އާއިލާތަކެއް އެ އުންމީދުގައި މި މާލެތެރޭގައި ހިނގަ ހިނގާ އެބަތިއްބެވެ. އެ މީހުންނަކީ ބޭއިންސާފުވެވިފައިވާ އަދި އަމިއްލަ ވަޒަނުގައި ބީރައްޓެހިންނެވެ.
އެ ވެރިކަން ބަދަލުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި އާ ސަރުކާރު އައިސް "ހިޔާ" ފްލެޓުތަކާބެހޭ ގޮތުން ތަކުރާރުކޮށް އެކި ފަހަރު އެކި ގޮތް ގޮތައް އެކި ވާހަކަ ދައްކައިފި އެވެ. އެއަށްވުރެ ވަކީން ގިނައިން ދެއްކި ވާހަކައެއް ނެތޭ ބުނެވޭ ވަރަށް ވެސް މި ސަރުކާރުން އެވާހަކަ ދައްކައިފި އެވެ.
އެ ވާހަތަކުގައި "ހިޔާ" ގެ 7000 ފްލެޓުގެ ތެރެއިން ބާކީ އިނީ 6900 އެއްހާ ފްލެޓް ކަމަށް ވެސް ބުންޏެވެ. އެއް ކޮޓަރީގެ އެޕާޓްމަންޓެއް ނެތް ކަމަށް ހައުސިން މިނިސްޓަރު ބުނެފައިމެ ފަހުން އަނެއްކާ އެހެން ބަޔަކަށް އެ ފްލެޓުތައް ފެނިގެން އެ ވާހަކަ ވެސް ދައްކައިފި އެވެ. ފްލެޓު މައްސަލަ ބަލާ ކޮމިޓީން ބުނާ ގޮތުން 9500 މީހުންނަށް ވަނީ ލިޔުން ދީފަ އެވެ. އަދި 2500 ފްލެޓް ވުޖޫދުގައި ވެސް ނެތެވެ.
އަހަރުމެންގެ ހުރޭ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް، އެ ކުއްޖާއަށް ރަށުން ކިޔަވައެއް ނުދެވޭ. އެހެން ތިއްބާ ފްލެޓު ލިޔުން ލިބުނީމަ މާލެ ބަދަލުވީ... މިކޮޅަށް [މާލެއަށް] މިއައީ އެ އުންމީދުގައި... އަހަރުމެންނަށް މި ކޮޅުން ފްލެޓު ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކޮށްގެން މި އައީ، އިހަށް ކުއްޔަށް ވިޔަސް މިކޮޅުގައި އުޅެން. އެކަމަކު މިއަދު މި ތިބީ އެއްވެސް އެއްޗެއް ނުލިބި މިހާރު އުޅޭ ގެއިން ވެސް ނުކުންނަން ޖެހިފައި،ފްލެޓް ލިޔުން ލިބުނު ތިން ދަަރިންގެ މަންމައެއް
އެކި ފަހަރު އެކި ވާހަކަ ދައްކާ، "ހިޔާ" ގެ މައްސަލަ މި ސަރުކާރަށް ވަނީ އޮޅުންބޮޅުން ބޮޑު "މުސީބާތަކަށް" ވެފަ އެވެ. އަނެއްކޮޅުން ފުރަތަމަ ބޭއިންސާފުވި ސަރުކާުން ދިން ފްލެޓުގެ ލިޔުން ހިފައިގެން އިންތިޒާރުގައި ތިބި އެކަކަށް ވެސް މިއިން ކަމެއްގެ ވާއެއް ނުވާއެއް ސާފެއް ނުވެ އެވެ. ނުވަތަ ސަރުކާރުން އެކަންކަން ރަނގަޅަށް ސާފުކޮށް ދޭން މަސައްކަތް ކޮށްފައެއް ނެތެވެ.
މި މައްސަލާގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަހުއްޓެވެ. ރައީސް ޔާމީންގެ ސަރުކާާރުން ހަގީގަތުގައި ވެސް ރައްޔިތުންނަށް ލިޔުން ދިނީ ވުޖޫދުގައި ވެސް ނެތް ފްލެޓުތަކެއް ހެއްޔެވެ؟ އެހެން ނޫނީ ވިއްޔާ، "2500 ކެޓަގަރީ" ގެ ފްލެޓުތައް ކޮބައި ހެއްޔެވެ؟ ލިޔުން ދީފައިވާ އެ އާއިލާތަކަށް ފްލެޓު ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް އެބަ އޮތް ހެއްޔެވެ؟
ޗައިނާގެ ސައިނޯ ހައިޑްރޯ އެގްރީމެންޓް
ސައިނޯ ހައިޑްރޯ އާއެކު އެއްބަސްވުމުގައި ސޮއި ކުރުމާއެކު ފްލެޓް ފޯމް ހުށަހަޅާފައިވާ މީހުންގެ ތެރެއިން އިތުރު 2500 މީހުންނަށް ފްލެޓު ދިނުމަށް ނިންމާ، ލިޔުންތައް އޭރު ރާސްލާފައި ބަހައިލި އެވެ. ނަމަވެސް އޭރު ސައިނޯ ހައިޑްރޯ އެއްބަސްވުމުގެ ދަށުން އެއްވެސް ފްލެޓެއްގެ އަމަލީ މަސައްކަތެއް ނުފަށަ އެވެ. އެކަން އޭރު އަދި ވުޖޫދަކު ނުވެއެވެ.
ނޮވެމްބަރު 17، 2018 ގައި ރައީސް ސޯލިހު ވެެރިކަމުގެ ހުވާ ކުރައްވާ، ސަރުކާރާ ހަވާލުވެ ވަޑައިގެންނެވި އެވެ. އަދި ފްލެޓުތަކާ ބެހޭ ޝަކުވާތަކާ ހެދި އެ މަޝްރޫއު އެއްކޮށް މަޑުޖައްސާލެއްވި އެވެ. އެއަށް ފަހު މި ސަރުކާރުން ދިޔައީ "ހިޔާ" މަޝްރޫއުގެ މަސައްކަތް ކުރިޔަށް ގެންދާ ކުންފުނިތަކާއެކު މަޝްވަރާ ކުރާށެވެ.
2500 ފްލެޓު، 1700 އަށް ބަދަލު ކުރި!
ވެރިކަމަށް އައުމުގެ ކުރިން ފްލެޓުތައް ދިން ގޮތަށް ފާޑު ކިޔުމަށް ފަހު ވެރިކަމާ ހަވާލުވެ ދެން ފާޑު ކިޔުންތައް އަމާޒު ކުރަން ފެށީ ފްލެޓުތައް ހުރި ގޮތަށާއި ކުޑަ ބޮޑު މިނަށާއި ޑިޒައިނާ ކުލައަށެވެ. ހިޔާ ފްލެޓުތަކަކީ "އިންސާނުން ދިރިއުޅެން ވާވަރު ތަނެއް ނޫން" ކަން ރައްޔިތުންނަށް ވިސްނައި ދިނުމަށް ސަރުކާރުގެ އެންމެ އިސް ފަރާތްތައް ކެނޑި ނޭޅި މަސައްކަތް ކުރައްވަމުން ގެންދެވި އެވެ. ދެއިރު ދެ ދަޅައަށް ނޫސްވެރިންގެ ބައްދަލުވުން ބާއްވާ، މުޅި މީޑިއާ ގެންގޮސް "ކޮތަރު ކޮއްޓާއި" "އަލިފާން ފޮއްޓާ" އި "ކުލަ ފަންސުރު ފޮއްޓެ" އް ކަމަށް ބުނާ ބައެއް ފްލެޓުތައް ވުޖޫދުގައި ވެސް ނެތް ކަން ސާބިތު ކޮށްދިނުމަށް އެހެން ހުރިހާ ދޫކްލި އެވެ. މި ހަގީގަތް އޮޅުވައި ނުލެވޭނެ އެވެ.
ހިޔާ މަޝްރޫއާ ގުޅޭ ގޮތުން މި ސަރުކާރުން ކުރި މަސައްކަތަކީ ހަމައެކަނި އެއީއަކީ ވެސް ނޫނެވެ. މި ހުރިހާ ވާހަކަތަކެއް މީޑިއާގައި ދައްކާ މުޅި މައްސަލަ މަސްހުނިގަނޑަކަށް ހަދަމުން ދިޔައިރު، ސަރުކާރުން އައީ ހިޔާގެ އެއްބަސްވުންތަކަށް ބޮޑެތި ބަދަލުތަކެއް ވެސް ގެންނަމުންނެވެ.
ހިޔާ މަޝްރޫއުގެ ދަށުން 2500 ފްލެޓު އަޅާ ސައިނޯ ހައިޑްރޯ އާއެކު މި ސަރުކާރުން ހެދި ޑީލަކީ ދެ ކޮޓަރީގެ ބައެއް އެޕާޓްމަންޓުތައް ތިން ކޮޓަރިއަށް ބަދަލު ކުރުމެވެ. އޭރުން 2500 ފްލެޓުގެ ބަދަލުގައި އެ ޓަވަރުގައި ހުންނާނީ 1700 ފްލެޓެވެ.
އެގޮތުން ޖުމުލަ 133.2 މިލިއަން ރުފިޔާގެ މި އެއްބަސްވުމުގައި މިހާރު އޮންނާނީ 15 އާއި 16 ފްލޯގެ 11 ޓަވަރު އަޅުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 900 އަކަފޫޓުގެ ތިން ކޮޓަރި ހިމެނޭ 1020 އެޕާޓްމަންޓާއި 650 އަކަފޫޓުގެ ދެ ކޮޓަރި ހިމެނޭ 680 އެޕާޓްމަންޓެވެ.
"އަވަސް" އަށް ލިބުނު މި ލިޔެކިޔުންތަކުގެ އިތުރުން މި މަޝްރޫއުގައި ސަރުކާރުން ބައިވެރިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ.
"މިއީ އެޗްޑީސީއާއެކު މީގެ ކުރިން ވެފައި އޮތް އެއްބަސްވުމެއް، އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އަޅުގަނޑުމެންނަށް ޓްރާންސްފާވެފައި މި ވަނީ. ފުރަތަމަ އިންނާނީ 2500 ޔުނިޓު. ދެން އޭރުގަ ފްލޯ އޭރިއާއަށް ޗެކްކޮށް ހަދާފަ ކުޑަ ބަދަލެއް ގެނެސްފަ އެ ވަނީ. ފްލޯ ސްޕޭސް ބޮޑުކޮށް އެގޮތަށް ހެދީމަ އެޕާޓްމަންޓުގެ ނަމްބަރު ކުޑަވެފައި އެ ވަނީ 1700 އަށް،" ފަހި ދިރިއުޅުންގެ ކޯޕަރޭޓް ކޮމިއުނިކޭޝަން މެނޭޖާ އައިޝަތު ނިހާ ވިދާޅުވި އެވެ.
މިއީ އެޗްޑީސީއާއެކު މީގެ ކުރިން ވެފައި އޮތް އެއްބަސްވުމެއް، އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އަޅުގަނޑުމެންނަށް ޓްރާންސްފާވެފައި މި ވަނީ. ފުރަތަމަ އިންނާނީ 2500 ޔުނިޓު. ދެން އޭރުގަ ފްލޯ އޭރިއާއަށް ޗެކްކޮށް ހަދާފަ ކުޑަ ބަދަލެއް ގެނެސްފަ އެ ވަނީ. ފްލޯ ސްޕޭސް ބޮޑުކޮށް އެގޮތަށް ހެދީމަ އެޕާޓްމަންޓުގެ ނަމްބަރު ކުޑަވެފައި އެ ވަނީ 1700 އަށް،އައިޝަތު ނިހާ | ކޮމިއުނިކޭޝަން މެނޭޖާ، ފަހި ދިރިއުޅުން
މި ސަރުކާރުގެ ޕްރޮޖެކްޓަކަށް "ހިޔާ" ހެދުން
މާރިޗު 10، 2020 ގައި ސަރުކާރުން މި ވަނީ ވަރަށް މުހިންމު ބޮޑު އިއުލާނެއް ކޮށްފަ އެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓުތައް ކައިރީ ބޮޑު ރަސްމިއްޔާތެއް ބާއްވާ، "މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވެހިކަމުގެ މަޝްރޫއު" ގެ ބިންގާ އެޅި އެވެ. އެއީ މާލޭ ރަށްވެހިންނަށް ހާއްސަ 1700 ފްލެޓް އެޅުމުގެ މަޝްރޫ އެވެ.
މި ސަރުކާރުގެ އަމިއްލާ މަޝްރޫއަކަށް ބަދަލު ކޮށްލައިގެން ބިންގާ އެޅީ ހިޔާ މަޝްރޫއުގެ ދަށުން އަޅާ 2500 ފްލެޓް މަޝްރޫއުގެ އެވެ. ކުރީ ސަރުކާރުން ފްލެޓު ދިން 2500 މީހުން އެ ލިޔުންތައް ހިފައިގެން އިންތިޒާރުގައިި ތިއްބާ، މި ސަރުކާރުން އެ މަޝްރޫއުގެ އެއްބަސްވުން ބަދަލުކޮށް، މުޅިން އެހެން ބަޔަކަށް "ވިއްކާލަން" ނިންމީ އެވެ. އަދި މި ހުރިހާ ކަމެއް ހިނގާފައި މި ވަނީ މި ވާހަކަ އެއް ގޮތަކަށް ވެސް ނުދައްކާ، އިސްވެ މި މައުލޫމާތު ހާމަ ކުރުމެއް ވެސް ނެތި އެވެ.
ފްލެޓު ލިބޭނެ ކަމަށް ބުނާ، ދައުލަތުގެ ތައްގަނޑު ޖެހި ލިޔުން ހިފައިގެން 2500 އާއިލާތައް މިހާރު ވެސް ތިބީ އެ މީހުންގެ އެ މައްސަލަތައް ބަލަމުން އަންނަ ފްލެޓު ކޮމިޓީގެ ބަހަކަށް އިންތިޒާރުގަ އެވެ. އެހެން ނަމަވެސް މިއަދާ ހަމަޔަށް އައިއިރު ވެސް އޭގެ ތެރެއިން އެއްވެސް މީހަކަށް ގުޅައި ދިރިއުޅުމުގެ ހާލަތު ބަލާފަ އެއް ނެތެވެ.
މި ފްލެޓު ލިބުނު މީހުންގެ ތެރޭގައި ހިމެނެނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ 500 ފްލެޓާއި، 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް ހާއްސަ ކެޓަގަރީގެ 500 ފްލެޓާއި، މާލެ ރަށްވެހިން ގޮތުގައި ހިމެނޭ 1000 އާއިލާއަށް އަދި ދަފްތަރުގައި ޖެހުނު ފަރާތްތަކުގެ ތެރެއިން 500 އާއިލާ އެވެ.
މި ނިކަމެތި އެންމެން ރެއާ ދުވާލު އިންތިޒާރު ކުރާ ފްލެޓުތައް ސަރުކާރުން އެންމެ ފަހުން "ވިއްކާލަން" ނިންމާފައި ވަނީ މާލޭ ރަށްވެހިންގެ ގޮތުގައި ހިމެނޭ 1700 އާއިލާއަަކަށެވެ. އަދި މި ދައުރުގެ ތެރޭގައި އެ 1700 އާއިލާއަށް ގެދޮރަށް ވަދެވޭނެ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އޮން ރިކޯޑްގައި ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް 2500 ފްލެޓު ދީފަ ހުރި ގޮތް ބެލުމަށް ފަހު ފްލެޓު ލިބޭނެ ކަމުގެ އުންމީދުގައި ތިބި މީހުންނަށް ހަދާނެ އެއްވެސް ގޮތެއް އަސްލަމަކަށް ވިދާޅެއް ނުވެވެއެވެ. އެ މީހުންނަށް މި ވަގުތު ވުޖޫދުގައި ފްލެޓެއް ވެސް އަދި އިތުރު ފްލެޓުތަކެއް އަޅާނެ އެއްބަސްވުމެއް ވެސް ނެތެވެ.
"އެންމެ ފަހުން ސަރުކާރުން އާންމު ކުރި ނުގުޅޭ މީހުންގެ ލިސްޓުތައް ނެރުނު އިރު ވެސް އަޅުގަނޑުމެންގެ ކެޓަގަރީ ހިމެނޭ ލިސްޓެއް ނުނެރޭ. ސަރުކާރުން ބުނަނީ އަދިވެސް އޭގެ މަސައްކަތް ކުރަނީ ކަމަށް. އުންމީދަކީ މި ފްލެޓުތައް އަޅުގަނޑުމެންނަށް ލިބުން،" އެ ކެޓަގަރީގެ ދަށުން ފްލެޓު ލިބުނު އާއިލާއެއްގެ މީހަކު ބުންޏެވެ.