މިހާރު މުޅި ރާއްޖޭގެ އެންމެން އެންމެ ބޮޑަށް ދަންނަ އެކަކީ ސިމާ ގޮވައިގެން ޑިންގީއެއްގައި ދަތުރު ކުރި ކަމަށް ބުނާ އިބްރާހިމް ފަޒީލެވެ. ސިމާގެ ކޮއްކޮ ގޮވައިގެން ފިލަނިކޮށް ހައްޔަރު ކުރި ފަޒީލެވެ. އަދި ފަހުން މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރިގަތް މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކުރި ފަޒީލެވެ. އެ ފަޒީލު މީހަކު ރަހީނު ކުރި ހަބަރު ކިޔަން އިނދެފައި ރައްޓެއްސަކު މިހެން ބުނެލި އެވެ: "ކިހާވަރެއްވީމަތަ މީނާ ދެން ހައްޔަރުކޮށްފައި ބަހައްޓާނީ؟ ކިހާ ބޮޑުވެއްޖެ މުސީބާތެއް މިިއީ!"
ސިޔާސީ މާ ބޮޑު ކަމެއް ބޯމަތިވެފައި ނެތުމާވެސް އެކު މިއީ އާންމުންގެ ތެރޭގައި މިހާރު އެންމެ ހޫނުކޮށް ދެކެވޭ ވާހަކައަށް ވުން ވެސް އެކަށީގެންވެ އެވެ. ގައިމުވެސް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ މި ފަޒީލެއްގެ މައްސަލާގައި ސުވާލު އުފައްދަމުންނެވެ. މި މައްސަލާގައި އާންމު އުސޫލުގެ ދަށުން ފުލުހުންގެ "ނާގާބިލު" ތުހުމަތުތަކުންނެވެ. ކޯޓުތަކާމެދު ގިނަ މީހުންގެ ތާއަބަދު އޮންނަ ޝަކުވާ އެވެ.
ޝިމާ ގެއްލުން، ފަޒީލްގެ "ފެށުން"
ލ. ގަމަށް އުފަން 25 އަހަރު އިބްރާހިމް ފަޒީލް އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް އައީ މިދިއަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ، ލ. ކައްދޫން މާމެންދޫއަށް ދަނިކޮށް ދަތުރުކުރި ޑިންގީ ބަންޑުން ޖަހާލައިގެން މާމެންދޫ އައިމިނަތު ޝިމާ ނާފިޒު 19، ގެއްލުނު ހާދިސާއާ ގުޅިގެންނެވެ. އެ ޑިންގީގައި ޝިމާ ގޮވައިގެން ދިޔައީ ފަޒީލެވެ. އެ ދަތުރުގައި ލ. ގާދޫ ކަނޑުއޮޅިއަށް ޑިންގީ ބަންޑުން ޖަހައިލުމުން، ފަތަންވެސް ނޭނގޭ ޝިމާއަތަށް ހަމެއް ދީފައި، ފަޒީލް ވަނީ ފަތާފައި ގޮސް ކައިރީ އޮންނަ ސިކްސް ސެންސަސް ރިސޯޓަށް އަރައި އޭނާ ސަލާމަތްވެފަ އެވެ.
ވައިގެ މަގުންނާއި، ކަނޑު މަގުން އެތަކެއް ހާސް މޭލެއް ފުލުހުންނާ ސިފައިން ގުޅިގެން ބަލާފައިވާއިރު ޝިމާގެ އެއްވެސް ނިޝާނެއް އަދި ފެނިފައެއްނުވެ އެވެ. އެ ހިތާމަވެރި ހާދިސާއަށް ފަހު ފަޒީލަށް ބޮޑެތި ތުހުމަތުތަކެއް ޝިމާގެ އާއިލާގެ ފަރާތުން އަމާޒުވި އެވެ. ތަހުގީގުގައި ފަޒީލް ދެއްކި ވާހަކަތަކުގައި ޝައްކުތަކެއް ހުރިކަމަށް ފުލުހުން ބުނި ނަމަވެސް، "ޝިމާ އިތުރު ތާކަށް ގެންގޮސް ނޭއްގާނީ އަމަލެއް ހިންގާފައިވާ ކަމަށް މިހާތަނަށް ތަހިގީގުން ނުދައްކާ" ކަމަށާއި، ޝިމާ ގެއްލުނީ މީހެއްގެ ސަބަބުންކަމަށް ނުބެލެވޭކަމަށް ފުލުހުން ދާދި ފަހުން ވަނީ ބުނެފަ އެވެ.
ޝިމާ ކޮއްކޮ ގޮވައިގެން ފިލަން އުޅުނީ ވެސް ފަޒީލް
ޝިމާ ހޯދުމުގައި އާންމުންގެ އެހީތެރިކަމާއެކު ފުލުހުންނާ ސިފައިން އަވަދިނެތި އުޅެނިކޮށް އަނެއްކާވެސް ފަޒީލްގެ ނަން ނޫސްތަކުގެ ސުރުހީތަކަށް އެރި އެވެ. މިފަހަރު އިތުރު ދެ މީހަކާއެކު އުމުރު ހަމަނުވާ ޝިމާގެ އަންހެން ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ފުރައިގެން ދަނިކޮށް ފުލުހުން ހުއްޓުވީ އެވެ. އެ މައްސަލާގައި ފަޒީލާއި އޭނާގެ ދެ އެކުވެރިން ހައްޔަރުކުރުމަށްފަހު ދޫކޮށްލީ އެވެ. ނަވާރަ އަހަރުގެ ކުއްޖެއް ގެއްލުނު ހާދިސާއާ ގުޅުން ހުރި ހަގީގަތްތަކެއް ފޮރުވަން އުޅޭކަމަށް ފުލުހުން ގަބޫލުކުރާ މީހާ އެނބުރި މުޖުތަމުއަށް ދޫވީ އެވެ.
އަޑިނޭނގޭ އެތައް ކަމެއް
ޝިމާގެ އާއިލާއާ ފަޒީލާއި ގާތް ގުޅުމެއް އޮންނަ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ. ހާއްސަކޮށް ޝިމާއާ އޭނާގެ ކޮއްކޮއާ ފަޒީލް ވަރަށް ގާތްކަމަށްވެ އެވެ. ޝިމާ ގެއްލުނު ހާދިސާއާ ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުނު މައްސަލައާ ގުޅުމެއް ނެތް ކަމަށް ފުލުހުން ވަނީ ކަށަވަރުކަންދީފަ އެވެ.
ޝިމާ މައްސަލާގައި ވެސް ޖަވާބު ނުލިބޭ އެތައް ސުވާލެއް ހުރި އިރު، ޝިމާ ކޮއްކޮ ގޮވައިގެން ފަޒީލާއި އޭނާގެ ދެ އެކުވެރިން މޫނު ނިވާކޮށްގެން ތިބީ ކޮން ބޭނުމެއްގައި ކަމެއް ސާފެއް ނުވެ އެވެ. އެ މައްސަލާގައި ފަޒީލްގެ އިތުރުން އޭނާގެ ދެ އެކުވެރިންނަށް ދައުވާ ކުރަން ފޮނުވާފައިވާ ވީނަމަވެސް، ފުލުހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ޝިމާ ކޮއްކޮ އެމީހުންނާއެކީ ދިޔައީ ރުހުމުގައި ކަން ދޭހަވެ އެވެ. ދައުވާކުރަނީ ރުހުމުގައި ވިއަސް، އުމުރު ހަމަނުވާ ކުއްޖެއް ގޮވައިގެން ދާން އުޅުމުން ކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ. ނަމަވެސް، ފަޒީލާއެކު ޝިމާ ކޮއްކޮ ފިލައިގެން ދާން އުޅުނީ ކޮންތާތަކެއް ކަމެއް ކީއްވެގެން ކަމެއް، މިއީ ހައްތަހާވެސް ޖަވާބު ނުލިބިވާ ސުވާލުތަކެވެ.
ފަޒީލަށް އެތައް ދައުވާއެއް، ބިރުވެރި ތުހުމަތުތަކެއް
ލ. އަތޮޅުން އަވަސް އާ ވާހަކަ ދެއްކި މީހުން ތުހުމަތުކުރާ ގޮތުގައި، ފަޒީލަކީ ވަރަަށް "ނުރައްކާތެރި" މީހެކެވެ. "ކޮންމެ ފަދަ ކަމެއް ވެސް" ކޮށްފާނެ ފަދަ ނުރާކެތެރި މީހެކެވެ.
"އޭނާ އަކީ ވަރަށް ބިރުވެރި ވަރަށް ނުރައްކާތެރި މީހެއް!" ނަން ނުޖަހަން އެދި ވާހަކަ ދެއްކި މީހާ ފަޒީލް ސިފަ ކުރަމުން ބުންޏެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމާއި، ވައްކަމާއި، ޣައިރު ގާނޫނީ އެއްވުމަކުން އަމަން ނަގާލަން އުޅުން، މިއީ ފަޒީލަށް ދައުވާ އުފުލާފައިވާ ކުށްތަކުގެ ދިގު ލިސްޓެވެ. އޭގެ މަރާމާރީއެއްގެ މައްސަލައެއްގައި އޭނާ ކުރިން ހައްޔަރުކުރި ކަމަށް ވެސް ވެ އެވެ. ނަމަވެސް، އެ މައްސަލައަށް ވެސް ވީ ގޮތެއް ނޭނގެ އެވެ.
ފަޒީލަށްކޮށްފައިވާ ދައުވާތަކުގެ މައްސަލަތައް ބަލަނީ ގަމު މެޖިސްޓްރޭޓް ކޯޓުންނެވެ. އޭގެ ތެރެއިން އެއްވެސް ޝަރީއަތެއް ގޮސްފައިވާ ހިސާބެއް ސާފެއް ނުވެ އެވެ. ކުރިން ވާހަކަ ދެއްކި މީހާ ތުހުމަތުކުރި ގޮތުގައި، އެ ހުރިހާ މައްސަލައެއް އެ ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ.
ބަންދު ނުކުރެވެނީ ކީއްވެ؟
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުންފަދަ ޓެރަރިޒަމްގެ އަމަލަކަށް ފެތޭ ކުށެއްގެ ދައުވާ ކުރެވިފައިވާ ފަޒީލް އަނެއްކާވެސް މީޑިއާގެ ފަލަ ސުރުހީތަކުން ފެންނަން ފެށުމާއެކު އާންމުންގެ ހިތްހަމަނުޖެހުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މިފަހަރު ފަޒީލް މީހަކު ރަހީނު ކުރީ އެވެ. އޭނާގެ އަތުން ފައިސާތަކެއް ފޭރިގަތީ އެވެ. މަދު ދުވަސް ކޮޅެއްގެ ތެރޭގައި ފަޒީލްގެ ޝިކާރައަކަށް އަނެއްކާވެސް އިތުރު މީހަކުވީ އެވެ.
- 2011 - ހަނގުރާމަވެރި ހަތިޔާރު ގެންގުޅުން
- 2012 - ވައްކަން
- 2012 - ޣައިރު ގާނޫނީ އެއްވުމަކުން އަމާން ނަގާލުން
- 2016 - ވައްކަން
މިދިޔަ މަހު ފަހުކޮޅު ޝިމާގެ ތަހުގީގާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ އަބްދުﷲ ފައިރޫޝަށް ނޫސްވެރިން އެ ސުވާލު އަމާޒު ކުރި އެވެ. އެކި ފަހަރު މަތިން ކުށްތަކަށް އަރައިގަންނަމުން ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މީހަކު ހައްޔަރުގައި ނުބެހެއްޓި ސަބަބާމެދު އާންމުންގެ ބޮލު މަތީގައި އެނބުރޭ ސުވާލުމަކާ ގުޅޭ ގޮތުންނެވެ.
ފައިރޫޝު އެ ދުވަހު ވިދާޅުވި ގޮތުގައި އަލަށް ގެނެވުނު ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގެ ދަށުން ފުލުހުންނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ އެވެ. ހުރިހާ މައްސަލަތަކެއް ތަހުގީގު ކުރަން މީހުން ބަންދުކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިއަސް، ގާނޫނު މިހާރު އޮތީ ވަރަށް ބޮޑަށް ކުށުގެ ތުހުމަތު ކުރެވޭ މީހާއަށް ފައިދާވާ ގޮތަށް ކަމަށް ފުލުހުންގެ ފަރާތުން ފައިރޫޝް ވިދާޅުވި އެވެ.
މައްސަލައަކީ އިޖުރާތުގެ ގާނޫނު؟
ޖުލައި 2017 ގައި ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައި އިޖުރާއާތުގެ ގާނޫނަކީ ގިނަ ދުވަސްތަކެއްގެ މަސައްކަތަށް ފަހު އެކުލަވާލައި، އަމަލުކުރަން ފެށި ގާނޫނެކެވެ. އެ ގާނޫނުގައި ވަނީ ތަހުގީގު ކުރުމުން ފެށިގެން، ދައުވާ ކުރުމުމުގެ އިތުރުން ޝަރީއަތް ކުރުމާ ބެހޭ އިޖްރާއާތުތައް ވެސް ތަފްސީލުކޮށް ބަޔާން ކޮށްދީފައިވެ އެވެ.
ފުލުހުންގެ ނަޒަރުގައި އެ ގާނޫނުގެ ދަށުން ހިމާޔަތް ލިބެނީ ކުށްކުރާ މީހުންނަށެވެ. އެހެނަސް ބައެއް ގާނޫނީ ވަކީލުން ގަބޫލުކުރައްވާ ގޮތުގައި، އެ ގާނޫނު ރައްކާތެރިކޮށްދެނީ ކުށެއްގެ ތުހުމަތު ކުރެވޭ ކޮންމެ މީހަކީ ކުށްވެރިއަކަށް ނުވާ އުސޫލުގެ ދަށުންނެވެ. އެގޮތުން، ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ހައްޔަރުގައި ބަހައްޓާނަމަ، 30 ދުވަހުގެ ތެރޭގައި ދައުވާ އުފުލުމަށް ޕީޖީއަށް މައްސަލަ ފޮނުވަން ޖެހެ އެވެ. މިއީ ބައެއް މައްސަލަތަކުގައި ނުރައްކާތެރި ކުށްވެރިން ބަންދުގައި ބެހެއްޓުމަށް ފުލުހުންނަށް ކުރިމަތިވާ މައިގަނޑު ގޮންޖެހުމުގެ ގޮތުގައި ފައިރޫޝް ފާހަގަކުރެއްވި އެވެ.
ނަމަވެސް ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވި ގޮތުގައި ބައެއް މައްސަލަތަކުގައި ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުމުގެ އިތުރުން ހެކި ހޯދުމުގައި ވެސް އިޖުރާއަތްތަކާއި ފުލުހުން ހިލާފުވުމަކީ އިތުރުވަމުން އަންނަ މައްސަލައެއް ކަމަށެވެ. އަދި ބަންދުގައި ބަހައްޓަން ކޯޓަށް އަމުރުކުރެވޭނީ އެ މައްސަލައާ ގުޅޭ ކޮންމެ ވެސް ވަރެއްގެ ހެއްކެއް ފުލުހުންނަށް ދެއްކިގެން ކަމަށް ވެސް ސިރާޖު ފާހަގަކުރެއްވި އެވެ.
"ކުރިން ކޮށްފަ ހުރި ކުށްތަކަށް ވެސް ކޯޓުން ރިއާއަތް ކުރާނެ. އެކަމަކު ބަންދުގެ މުއްދަތު އިތުރުކުރަން ފުލުހުން އެދޭ މައްސަލާގެ ކޮންމެވެސް ހެއްކެއް ހުރެގެން ކޯޓަށް އެކަން ކޮށްދެވޭނީ،" މިފަހަރު މަޖިލީސް އިންތިހާބުގައި ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ސިރާޖު ވިދާޅުވި އެވެ.
މީހުން ބަންދު ކުރަން އަމުރުކުރާއިރު، ކުށުގެ ރެކޯޑް އޮންނަ މީހުންގެ މުއްދަތު ކޯޓުން ދިގުކޮށްދޭކަން ސިރާޖު ފާހަގަކުރެއްވި އެވެ.
"މިސާލަކަށް ކުށުގެ ރެކޯޑް އޮންނަ، މުޖުތަމައުއަށް ނުރައްކާތެރި މީހެއްކަމަށް ބަލައި ޝަރީއަތް ނިމެންދެން ނޫނީ ތަހުގީގު ނިންމެން ދެން ވެސް ބަންދުގައި ބަހައްޓަން އަމުރުކޮށްފާނެ. އެކަމަކު އެކަމަށްވެސް އެ މީހަކު ހައްޔަރުކުރި މައްސަލައިގެ ކޮންމެވެސް ހެއްކެއް ފުލުހުން ދައްކަންޖެހޭނެ، އެއީ ގިނަ ފަހަރު ނުވާ ކަމަކީ،" ސިރާޖު ވިދާޅުވި އެވެ.
ނަން ނުޖަހަން ޝަރުތުކޮށް އެހެން ވަކީލަކު ވިދާޅުވީ، ހެކި ހޯދުމުގައި ފުލުހުންގެ އިހުމާލު ބައެއް ފަހަރު ބޮޑު ކަމަށެވެ.
"އިޖުރާއަތުގެ ގާނޫނުގައި އެބަ ބުނޭ އެކި ހާލަތްތަކުގެ ހެކި ކަލެކްޓް ކުރަންޖެހޭ ގޮތް. ވަރަށް ގިނައިން އެބަހުރި އެއާ ހިލާފަށް ހެކި ކަލެކްޓްކޮށްފަ. ދެން ކިތަންމެ ސްޓްރޯންގް ކޭސްއެއް ވިއަސް ކޯޓަށް ނޯންނާނެ އެ ހެއްކަށް ރިއާއަތްކުރެވޭނެ ގޮތެއް. އެގޮތަށް ވަރަށް ގިނަ މީހުން ދޫވެފައި ހުންނާނެ،" އިޖުއާރަތުގެ ގާނޫނުގެ މާ ބޮޑު މައްސަލަތަކެއް ނެތްކަން ފާހަގަ ކުރައްވަމުން އެ ވަކީލު ވިދާޅުވި އެވެ.
ފުލުހުން ވިއަސް، ކޯޓުތައް ނަމަވެސް، އަދި އިޖުއާރަތުގެ ގާނޫނުއަކަސް މިކަމުގައި ޔަގީންވާ އެއް ކަމަކީ، މި މައްސަލައަކީ ހަމައެކަނި ފަޒީލަށް ހާއްސަވާ މައްސަލައެއް ނޫން ކަމެވެ. މިކަހަލަ ކިތަންމެ ފަޒީލެއް މިނިވަންކަމާއެކު ރަށުތެރޭގައި ހަމަޖެހިލައިގެން އެބަ އުޅެ އެވެ. މަރާމާރީގެ މައްސަލައެއް ތަހުގީގު ކުރަނިކޮށް، އެކަމުގައި ތުހުމަތު ކުރެވޭ މީހާ އެހެން މީހެއްގެ ފުރާނަ ދުއްވާލި ހާދިސާތައް ވެސް މަދެއް ނުވާނެ އެވެ.
އަނެއްކާވެސް ފަޒީލް އެވަނީ ފުލުހުންގެ އަތްދަށުވެފަ އެވެ. މިފަހަރު ޓެރަރިޒަމްގެ ކުށަކަށް ފެތޭ މީހަކު ރަހީނު ކުރިކަމުގެ މައްސަލައެއްގަ އެވެ. އޭނާގެ ބަންދުގެ މުއްދަތު އޭގެ ފަހުން ވަނީ 10 ދުވަހަށް އިތުރުކޮށްފަ އެވެ. ފަޒީލަށް ކުރެވޭ ސީރިއަސް ތުހުމަތުތަކާއެކު މިހާތަނަށް ކޮށްފައިވާ ދައުވާތައް ވެސް ހުރީ ފުނިޖެހިފަ އެވެ. ނަމަވެސް، އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން މިނިވަންކުރުމުގެ ފުރުސަތު ބޮޑެވެ. އެކަން އެގޮތަށްވެއްޖެ ނަމަ، އަނެއްކާވެސް ކޮންމެވެސް ކުށަކަށް އަރައިގަނެގެން ފަޒީލްގެ ނަން ސުރުހީތަކުން ފެންނާނެކަމުގެ އިންތިޒާރުގައި ތިބުން ނޫން ގޮތެއް އާންމުންނަކަށް ނެތެވެ.