ރިޕޯޓް

މާރާމާރީތައް މަދު ކުރާނެ އާ ވިސްނުމެއް ހޯދަންޖެހޭ!

Jan 21, 2021
11

އާބާދީގައި 35 ޕަސެންޓަށްވުރެ ގިނައީ ޒުވާނުންނެވެ. ގޭތެރޭގެ މާހައުލުގައި ދިމާވާ ތަފާތު އިޖްތިމާއި އެކިއެކި މައްސަލަތަކުގެ ސަބަބުން ގޭގައި ވަގުތު ހޭދަ ނުކޮށް މަގުމަތީގައި ރައްޓެހި ރަހުމަތްތެރިންނާއެކު ގިނަ ވަގުތު ހޭދަކުރާ ޒުވާނުން މަދެއް ނޫނެވެ. މިފަދަ ފަރާތްތަކުގެ ތެރޭގައި ގިނައީ ވެސް ވަޒީފާ އަދާ ނުކުރާ ޒުވާނުންނެވެ. އެ މީހުން ރަހްމަތްތެރިންގެ އަދަދު ގިނަ ކުރުމަށް ތަފާތު މަސައްކަތްކޮށް ރަހްމަތްތެރިން ގިނަވެ ނަތީޖާ އަކަށްވަނީ ނުރަނގަޅު ވިސްނުމާއި ހިޔާލުގިނަވުމެވެ. ކުށުގެ ވެއްޓަށް ވަނުމެވެ. އެކި ސަރަޙައްދުތަކުގައި މިގޮތަށް ރަހުމަތްތެރިންގެ ގްރޫޕް އުފެދި ވާދަވެރި ކަމަށް ބަދަލުވެ، ބަދަލުހިފުމާއި ނަފުރަތު އަދަން ފަށަ އެވެ. އެއް ބަޔަކު އަނެއް ބަޔަކަށްވުރެ ބާރުވެރިކަން ދެއްކުމާއި ދިމާވާ އެކިއެކި ކަންކަމުގައި ރުޅިވެރިކަން ބޮޑުވެ ބަދަލު ހިފުމުގެ ރޫހު އުފެދި ހަމަނުޖެހުމާއި މާރާމާރި އާއި ތަފާތު އެކި ކުށްތައް ކުރަން ފަށަ އެވެ.

މާރާމާރީއަކީ މީހެއްގެ ރުހުމަކާ ނުލައި އޭނާގެ ގައިގާ އަތްލުމާއި އޭނާއަށް އަނިޔާއެއް ކުރުން އަދި އޭނާއަށް އެ ވަގުތު އަނިޔާއެއް ދީފާނެ ކަމުގެ ބިރު ދެއްކުމެވެ. ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ހުރިހާ ޖިނާއީ ކުށެއް ޖިނާޔަތުގެ ނުވަތަ ޖުނަޙްގެ ކުށުގެ ގޮތުގައި ދަރަޖަ ކުރެވިފައި ވެއެވެ. ޖިނާޔަތުގެ ކުށަކީ ބޮޑެތި ކުށްތަކެވެ. ޖިނާޔަތުގެ ކުށްތައް ފަސް ދަރަޖައަކަށް ދަރަޖަ ކުރެވިފައިވެ އެވެ. އެންމެ ބޮޑު އުގޫބާތް ކަނޑައަޅާފައި ވަނީ ޖިނާޔަތުގެ ދަރަޖަ އެކެއް ގައި ހިމެނޭ ކުށްތަކަށެވެ. ޖުނަޙްގެ ކުށަކީ މެދުމިނުގެ ކުށެވެ. ޖުނަހުގެ ކުށްތައް ތިން ދަރަޖައަކަށް ދަރަޖަ ކުރެވިފައި ވެއެވެ.

މާރާމާރީގެ ބައެއް ކުށް ދަރަޖަކުރެވެނީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށުގެ ގޮތުގަ އެވެ. އަދި ބައެއް ކުށް ދަރަޖަ ކުރަނީ ޖުނަހުގެ ތިނެއް އަދި ދެ ވަނަ ދަރަޖައިގެ ކުށުގެ ގޮތު އެވެ. ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައި ދަރަޖަ ކޮށްފައި ވަނީ މާރާމާރީއެއްގައި ބޮޑު އަނިޔާއެއް މީހެއްގެ ހަށިގަނޑަށް ދިނުމާއި ނުރައްކާތެރި ހަތިޔާރެއް ބޭނުން ކުރުމާއި އަނިޔާ ލިބުނު ފަރާތަކީ ފުލުހެއް ނުވަތަ ސިފައިންގެ މީހެއް ކަމުގައިވާ މައްސަލަތަކެވެ. މީހެއްގެ ހަށިގަނޑަށް އަނިޔާއެއް އަމިއްލައަށް ދިން ކަމަށް ވާނަމަ، އެ ކުށަކީ ޖުނަޙްގެ ދެވަނަ ވަނަ ދަރަޖައިގެ ކުށެކެވެ. އެހެނިހެން ހުރިހާ މާރާމާރީ ހިމެނެނީ ޖުނަޙްގެ ތިން ވަނަ ދަރަޖައިގަ އެވެ.

ނުރައްކާތެރި ހަތިޔާރު

ނުރައްކާތެރި ހަތިޔާރަކީ އެއިން ހިފިދާނެ ހުއްދަ އެހެން ބޭނުމެއް އޮތްކަން ސާބިތު ކޮށްދެވެން ނެތް ހާލަތްތަކުގައި ބޭނުންކުރާ، މީހަކު މަރާލެވިދާ ފަދަ ގާބިލުކަން ހުރި ހަތިޔާރަށާއި އެއިން އާދައިގެ އާންމު ހުއްދަ ބޭނުމެއް ކުރެވެން ނުހުންނަ އެއްޗެހީގެ ތެރެއިން މީހަކަށް ބޮޑެތި އަނިޔާ ލިބިދާނެ ފަދަ ގޮތަކަށް ބޭނުން ކުރެވޭ އެއްޗެއްސާއި އެއްވެސް ބާވަތެއްގެ ވަޅި އާއި ކަނޑި އާއި ހަންޖަރާއި ރޭޒަރު ތިލަ އަދި ކަޓަރާއި ކަޓަރު ތިލަ އާއި ކަތިވަޅި އަދި ފުރޯގެ އިތުރުން ކޯރާޑި އަދި މުޅޯ ނުވަތަ ތޫނުކޮށްފައި ނުވަތަ ކޮޅު ފޭއްސާފައި ހުންނަ ދަގަނޑު ނުވަތަ ލަކުޑި، ނުވަތަ އެނޫން ވެސް އެ ޒާތުގެ ތަކެއްޗެކެވެ.

މީގެ އިތުރުން ތޫނު އެއްޗެހި ނުވަތަ ޓޭޒާ ގަން އާއި ސްޓަން ގަންއާއި އެނޫން ވެސް މީހެއްގެ ހަށިގަނޑަށް ޝޮކެއް ފޮނުވައިގެން އޭނާއަށް ނުކުޅެދޭ ހާލަތެއް ވަގުތީ ގޮތުން ނަމަވެސް މެދުވެރިކުރުވާ ކޮންމެ އެއްޗެއް، ނުވަތަ ގޮވާއެއްޗެއް، ނުވަތަ ވިހައާއި ވިހަ ގޭސް ނުވަތަ މީހުން މަރުވެދާ ފަދަ ކެމިކަލް ނުވަތަ ބައިލޮޖިކަލް މާއްދާއެއް ނުވަތަ ނުރައްކާތެރި އެސިޑް ނުވަތަ ރޭޑިއޯ އެކްޓިވް މާއްދާ ހިމެނޭ އެއްޗެއްސެވެ.

މާރާމާރީގެ ތަފާސް ހިސާބު

ފުލުހުންނަށް އެކި ފަހަރު މަތިން އާއްމު ކޮށްފައިވާ ތަފާސް ހިސާބު ގެތެރޭގައި ވަކިވަކި ކުށްތަކުގެ ތަފާސް ހިސާބު ވެސް އާއްމުކޮށްފައި ވެ އެވެ. ދެހާސް އަށް ވަނަ އަހަރުން 2019 ވަނަ އަހަރާއި ދެމެދު މާރާމާރީ އެންމެ ގިނަވެފައިވަނީ 2009 ވަނަ އަހަރު އެވެ. އަދި މާރާމާރީ އެންމެ މަދުވެފައި ވަނީ 2019 ވަނަ އަހަރު އެވެ. ދެހާސް ނުވަ ވަނަ އަހަރު މާރާމާރީގެ 1898 މައްސަލަ ފުލުހަށް ހުށަހެޅިފައިވެ އެވެ. ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ދެމެދު 2013 ވަނަ އަހަރު ފިޔަވާ އެއް އަހަރުން އަނެއް އަހަރަށް މާރާމާރީގެ މައްސަލަތައް ވަނީ މަދުވެފަ އެވެ.

މާރާމާރީގެ މައްސަލަތަކުގެ ތަފާސް ހިސާބުގައި ބެހިގެން ގޮސްފައި ވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ ގްރޫޕް މާރާމާރީ އާއި ދެ މީހުންގެ ދެމެދުގައި ހިނގާ މާރާމާރީގެ މައްޗަށެވެ. މިއިން ކޮންމެ ބައެއްގައި އިތުރު ތިން ބައި ހިމެނެ އެވެ. އެއީ ހަތިޔާރު ބޭނުން ނުކޮށް ހިންގާފައިވާ މާރާމާރީ، ހަތިޔާރު ބޭނުން ކޮށްގެން ހިންގާފައިވާ މާރާމާރީ އަދި ތޫނު ހަތިޔާރު ބޭނުން ކޮށްގެން ހިންގާފައިވާ މާރާމާރީ އެވެ. މައިގަނޑު ދެ ބައިގައި ވެސް މާރާމާރީ އެންމެ ގިނައީ ހަތިޔާރު ބޭނުން ނުކޮށް ހިންގާފައިވާ މާރާމާރީ އެވެ.

ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުން ދަރަޖަ ކުރެވިފައި ވަނީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ. ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއްގައި ޖަލުގައި ބަންދު ކުރުމަށް ކަނޑައެޅޭ އެންމެ ދިގު މުއްދަތަކީ ހަތަރު އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތެކެވެ. އަދި ޖޫރިމަނާއެއް ކަނޑައަޅާނަމަ 200،000 ރުފިޔާ އެވެ.

މީހަކަށް ބޮޑު އަނިޔާއެއް ނުލިބޭ އަދި އަނިޔާ ލިބުނު ފަރާތަކީ ފުލުހެއް ނުވަތަ ސިފައިންގެ މީހެއްކަމުގައި ނުވާ ހާލަތްތަކުގައި މާރާމާރި ނުވަތަ ޖެހުން ދަރަޖަކުރެވިފައި ވަނީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށަކަށެވެ. ޖުނަޙްގެ ތިން ވަނަ ދަރަޖައިގެ ކުށެއްގައި ޖަލުގައި ބަންދު ކުރުމަށް ކަނޑައެޅޭ އެންމެ ދިގު މުއްދަތަކީ ތިން މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެކެވެ. އަދި ޖޫރިމަނާއެއް ކަނޑައަޅާނަމަ 12،000 ރުފިޔާ އެވެ.

ހައްޔަރު ކުރި މީހުން

މާރާމާރީގައި ހައްޔަރުކޮށްފައިވާ މީހުންގެ އުމުރުފުރާއަށް ބަލާއިރު އެންމެ ގިނައީ ޒުވާން އުމުރުފުރާގައި ހިމެނޭ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނެވެ. މާރާމާރީތަކުގައި ބައިވެރިވެ ހައްޔަރު ކޮށްފައިވާ އުމުރުން 18 އަހަރުން ދަށުގެ ކުދިން ނިސްބަތަކީ ބޮޑު އަދަދެކެވެ. މި ފަދަ ކުދިން ކުށުގެ މާހައުލުގެ ތެރެއަށް ވަނަ ނުދިނުމަށް ގިނަ ގުނަ މަސައްކަތްކުރަން ޖެހެ އެވެ. މާރާމާރީގެ މައްސަލަތަކުގައި ހައްޔަރުކުރާ އަންހެނުންގެ އަދަދު ނިސްބަތުން ވަރަށް މަދެވެ. މާރާމާރީގެ މައްސަލަތަކުގައި ހައްޔަރުކުރާ ފިރިހެނުން ގިނަވެފައި ވުމަކީ އެކަމުގެ ނޭދެވޭ އަސަރު މުޅި މުޖްތަމައުއަށާއި އެ ފަރާތްތަކުގެ އާއިލާއަށް ކުރާނެ ކަމެކެވެ.

މާރާމާރީ މާލެއާ އަތޮޅުތަކަށް ބެހޭ ގޮތް

ފާއިތުވި 12 އަހަރުގެ ތަފާސްހިސާބަށް ބަލާއިރު މާލޭގައި މާރާމާރީ އެންމެ ގިނައިން ހިނގާފައި ވަނީ މާފަންނު އަދި ހެންވޭރުގަ އެވެ. މި ދެއަވަށަކީ މާލޭގައި އެންމެ އާބާދީ ބޮޑު ސަރަހައްދު ވެސް ބޮޑު ދެ އަވަށެވެ. އަތޮޅުތަކުގެ މާރާމާރީގެ މައްސަލަތަކަށް ބަލާއިރު އަތޮޅުތަކަށް ހުށަހެޅޭ މާރާމާރީގެ 20 ޕަސެންޓް ހުށަހެޅެނީ އައްޑޫ ސިޓީ އަށެވެ. މާރާމާރީގެ މައްސަލަތައް އެންމެ މަދީ މ. އަދި ވ. އަތޮޅުގަ އެވެ.

ދައުވާ ކުރުމަށް ފޮނުވާ ނިސްބަތް މަދު

މާރާމާރީގެ މައްސަލަތައް ނިންމާފައިވާ އަދަދަކީ ނިސްބަތުން ބޮޑު އަދަދެކެވެ. ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ޝަރީއަތައް ދައުވާ ކުރުމަށް ޕޮރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާ މައްސަލައަކީ ނިންމާ މައްސަލަތަކުގެ ނިސްބަތުން ވަރަށް މަދު އަދަދެކެވެ. އަދި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާ މަދު މައްސަލަތަކުން ވެސް ބައެއް މައްސަލަތައް އިތުރަށް ތަގްގީގް ފުރިހަމަ ކުރުމަށް ނުވަތަ ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން އަނބުރާ ފޮނުވާލާފައިވެ އެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުމުގައި ބޭނުން ކޮށްފައިވާ ތަފާސް ހިސާބަކީ ފުލުހުންގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ތަފާސް ހިސާބާއި ފުލުހުން ލިޔުމުން ދީފައިވާ ތަފާސް ހިސާބު ތަކެވެ. އަދި މިލިޔުމުގައި ބޭނުން ކޮށްފައި ވާނީ 2008 ވަނަ އަހަރުން 2019 އަހަރުގެ ހިސާބެވެ. މި ލިޔުން ލިޔެފައިވާ އާދަމް އިބްރާހިމަކީ ހިއުމަން ރިސޯސާސްގެ ދާއިރާއިން މާސްޓާސް ހާސިލްކޮށް، ސިންގަޕޫރުގެ ޕޮލިސް އެކަޑަމީން ސީނިއާ ޕޮލިސް އޮފިސާސް ތަމްރީން ފުރިހަމަކޮށް ތަފާސް ހިސާބު ބޭނުން ކޮށްގެން ދިރާސާ ކުރުމަށް ސިކްސް ސިގުމާ މެނޭޖްމަންޓް އިންސްޓިއުޓުން ބްލެކް ބެލްޓް ފުރިހަމަ ކޮށްފައިވާ މީހެކެވެ.