މޯލްޑިވްސް ޕޮލިސް ސާވިސް

ވަޅިން ބިރުދައްކައި ފޭރެމުން ދިޔަ މީހަކު ޑްރަގާ އެކު ހައްޔަރުކޮށްފި

މީހަކަށް ވަޅިން ބިރުދައްކައި، އިންޒާރުދީގެން ފައިސާ ފޭރުނު މައްސަލައެއްގައި ފުލުހުން ހޯދަމުން ދިޔަ މީހަކު، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

މީހަކަށް ވަޅިން ބިރުދައްކައި، އިންޒާރުދީގެން ފައިސާ ފޭރުނު މައްސަލައެއްގައި މިދިޔަ މެއި މަހުން ފެށިގެން ފުލުހުން ހޯދަމުން ދިޔައީ ސ. ހިތަދޫ، ސޯމާ، އުމުރުން 34 އަހަރުގެ ޝަފީގު އިބްރާހީމްއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރުކޮށް ބުދަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

މިދިޔަ މެއި މަހު ފުލުހުން ޝަފީގު ހޯދަމުން ދިޔައީ މީހެއްގެ ބޭންކް އޮފް މޯލްޑިވްސް ކޭޝް ކާޑު އަތުލައި، ޕިންކޯޑް ހޯދުމަށްފަހު ކޭޝް ކާޑު ބޭނުންކޮށްގެން އޭނާގެ އެކައުންޓުން ފައިސާ ފޭރުނު މައްސަލައެއް ގައެވެ.

ފައިސާ ފޭރުމަށް މީހަކަށް ވަޅިން ބިރުދައްކައި، ހުއްދަނޫން ގޮތުގައި އެ މީހާ ހިފަހައްޓައި، މާރާމާރީ ހިންގައި އަދި ބިރުދައްކައި އިންޒާރުދީގެން އޭނާގެ އަންނައުނު ބާލުވައި، ވީޑިއޯވެސް ކޮށްފައިވާ ކަމަށް ފުލުހުން އެ މައްސަލައިގައި މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން އޭރު ބުނީ މި މައްސަލައިގެ ތަހުގީގަށް ޝަފީގު ހާޒިރުކުރުމަށް އޭނާ ދިރިއުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދު ކުރެވިފައި ނުވާ ކަމަށެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތައް މި ފަހުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.