މަސްތުވާތަކެތި

100 ކިލޯގެ ޑްރަގު މައްސަލައިގައި ހިމެނޭ މީހަކު އަނެއްކާވެސް ޑްރަގާއެކު އަތުލައިގެންފި

ފުލުހުންގެ ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ދައުވާ ކުރަން ފޮނުވާފައިވާ މީހަކު، އަނެއްކާވެސް މަސްތުވާތަކެއްޗާ އެކު އަތުލައިގެންފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް، ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް އަދި ފޮރެންސިކް ފުލުހުން ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވަނީ އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ.

މާލޭގެ ބައެއް ގޭގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކުރި އެ ބޮޑު އޮޕަރޭޝަނުގައި އަތުލައިގަތް 100 ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިން ހިމެނެ އެވެ. އަދި އެތަކެއްޗާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި 10 މީހަކު އޭރު ހައްޔަރުކުރި އެވެ. އެއީ 2021 ވަނަ އަހަރު އެވެ. މީގެތެރެއިން އެކަކީ ދ. ބަނޑިދޫ ޕޮލަރިސް މުހައްމަދު ހުސައިން އެވެ.

މުހައްމަދު ހުސައިންގެ މައްޗަށް އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނިކޮށް، އަނެއްކާވެސް އޭނާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް މިއަދު ބަންދު މުއްދަތަށް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެ އެވެ.

މި ފަހަރުވެސް މުހައްމަދު ހުސައިންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް މަސްތުވާތަކެތި ގެންދިޔުން ހިމެނެ އެވެ. މިހާރު އުމުރުން 64 އަހަރުގެ މި މީހާ، މިހާރު ދިރިއުޅޭ އެޑްރެހެއް ކަމުގައި ބަންދު އަމުރު ރިޕޯޓުގައި ބުނެފައިވަނީ ގްރާންޑެއްޒާ ސަފާރީ އެވެ.

ސަތޭކަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކުރިން އެ މީހާ ހައްޔަރުކޮށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 114 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލި އެވެ. އޭރު މުހައްމަދު ހުސައިން ބަންދު ކުރި ނަމަވެސް އޭނާ ފަހުން ދޫކޮށްލީ ބަންދުގައި ބަހައްޓަންޖެހޭ ވަރުގެ އެއްވެސް ހެއްކެއް ނެތުމުން ކަމަށް ބުނެ އެވެ.