މޯލްޑިވްސް ޕޮލިސް ސާވިސް

ގެއެއްގެ ތެރޭގައި ފޭރުނު ތިން މީހުންނަށް ދައުވާކުރަނީ

މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި، ފޭރުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފޭރުމުގެ މި އަމަލު މިދިޔަ ޖުލައި 24 ވަނަ ދުވަހު ހިންގާފައިވަނީ މަސްފަން ގެއަށް ފިރިހެން މީހާ ވައްދައި، އެމީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނު އަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފާ ކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމް އިން ފައިސާ ނަގައިގެންނެވެ.

މިމައްސަލައިގައި ޕީޖީ އޮފީހުގައި ދައުވާކޮށްދިނުމަށް އެދުނީ މއ. މަސްފަން، އައިޝަތު (43އ) އާއި މއ. މަސްފަން، މުހައްމަދު ރީހާން (27އ) އަދި ސ. ހިތަދޫ / ސޯމާ، ޝަފީގު އިބްރާހީމް (35އ)ގެ މައްޗަށެވެ.

ފޭރުމުގެ މިއަމަލާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި ތިން މީހުން ހައްޔަރުކޮށް މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން މި މީހުން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.