މިއީ ފިޓްނަސްގެ އެހެން ޓްރައިބެއް!

ދުޅަހެޔޮ ސިއްހަތެއްގައި ހުންނަނަ ކަސްރަތު ކުރަން އަބަދުވެސް ސަމާލުވާންޖެހެ އެވެ. ހާއްސަކޮށް ރޯދަމަހު ކަސްރަތަށް އިސްކަން ދޭންޖެހެ އެވެ. ސަބަބަކީ ރޯދަމަހު ކެއިން ބުއިމަށް ބޮޑު ބަދަލެއް އަންނާތީ އެވެ. ރޯދަވީއްލާލާއިރު ހަކުރު އަޅާ ފޮނިކޮށް ގިރާލާފައި ހުންނަ ފަނި ޖަގުން އެކަނިވެސް މިކަން އެނގޭނެ އެވެ. އެހެންވީމާ ރޯދަ މަހު ކަސްރަތު ވަރަށް މުހިންމެވެ. ކަސްރަތުތަކުގައި ވެސް ތަފާތު އެކި އެކި ޕްރޮގްރާމް ހުރެ އެވެ.

ޓްރައިބް ފިޓްނަސް އަކީ ފިޓްނަސްގެ މުޅިން އެހެން ޓްރައިބެކެވެ. ދެ ޒުވާނަކު ވެގެން މާލެ އާއި ހުޅުމާލޭގައި ރޯދަ މަހާއި ދިމާކޮށް ފަށައިގަތީ ހާއްސަ ބޫޓް ކޭމްޕެކެވެ. "ޓްރައިބް ފިޓްނަސް" ގެ ނަމުގައި ބޫޓު ކޭމްޕެއް ހިންގަން ނުކުމެގެން މިއުޅނީ ދެ ރަހުމަތްތެރިންނެވެ. މި ދެ މީހުންގެ ބޭނުމަކީ ހުރިހާ ބޫޓް ކޭމްޕްތަކުން "ސްޓޭންޑްއައުޓް" ވުމެވެ. އެކަކީ އުމުރުން 19 އަހަރުގެ އަހުމަދު އަޝްހަބް އަޔާޒެވެ. ދެން މިއުޅެނީ މުހައްމަދު ހަމްދޫން، 31 އެވެ. މި ދެމީހުން މިހާރު މިއީ ޕާޓްނަރުންނެވެ. ދެ މީހުން އަލަށް ދިމާވީވެސް ދުވާ ޓްރެކުންނެވެ. ރޯދަ މަހު މި ދެ މީހުންގެ އެހީތެރިކަން ހޯދަން އެބަޖެހެ އެވެ.

"އަހަރެމެން ދެ މީހުން ދިމާވެގެން އޭރު ކަމަކަށް އޮންނަނީ ދުވުން. ދުވާ ޓްރެކުން ދިމާވީ ވެސް. އޭގެ ފަހުން އެއްކޮށް ޖިމަށްގޮސް ހަދަން. މިހެން އުޅެނިކޮށް ތައިލޭންޑްގައި ފިޓްނަސް އިންސްޓްރަކްޓާ ކޯސްތަކެއްގެ މައުލޫމާތު ލިބުނީ. ދެން އެ ކޯސް ހެދުމަށް ދެ މީހުންވެސް ވަރަށް ބޮޑަށް އިންޓްރެސްޓް ވެއްޖެ،" ހަމްދޫން ބުންޏެވެ.

އަޝްހަބް ބުނިގޮތުގައި އެ މީހުންގެ ގޯލްއަކަށްވީ ކޯހެއް ހަދައިގެން ލިބިފައިވާ ތަޖުރިބާ އާއި ކިޔެވި އެއްޗެއްގެ ބޭނުން ހިފާ ބަޔަކަށް ވާށެވެ. ރޭޖް ހިޓްޖިމް އާއި ގުޅިގެން ބޫޓް ކޭމްޕް ހިންގަނީ އެހެން ވެގެނެވެ.

"އަހަރުމެންގެ ބޫޓް ކޭމްޕް ތަފާތުވަނީ އަހަރެމެން މި ހަދަނީ ހުސް ހައި އިންޓެންސިޓީ އިންޓަވަލް ޓްރެއިނިން (ހިޓް) އެކްސަރސައިޒް ތަކެއް."

އެހެން ކަސްރަތުތަކާއި ހިޓް ވޯކްއައުޓް ތަފާތެވެ. އަޝްހަބް ކިޔައިދިން ގޮތުގައި "ހިޓް ވޯކްއައުޓަކީ ހަށިގަނޑުގެ ހުރިހާ ހަކަތައެއް އެއް ފަހަރާ ހުސްކޮށްލާ އެއްޗެކެވެ.

"ވަރަށް އިންޓެންސްކޮށް އަދި ވަރަށް އަވަހަށް ކުރާ ކަސްރަތެއް މި ކުރަނީ. ރެސްޓް ރިކަވަރީ ޕީރިއަޑް އޮންނަނީ ކުރުކޮށް"

މިހާރު މާލޭގައި ވެސް އެންމެ ބޮޑަށް ޓްރެންޑްވަނީ އައުޓްޑޯ ބޫޓް ކޭމްޕެވެ. ގިނަ ބަޔަކު މި ބޫޓް ކޭމްޕް އިހްތިޔާރު ކުރާއިރު ޓްރައިބް ފިޓްނަސް އިން ބުނާ ގޮތުގައި އެމީހުންގެ ބޫޓް ކޭމްޕްތަކުގައި 20 މީހުންނަށް ވުރެ ގިނަ ނުކުރާނެ އެވެ.

"ބޭނުންވަނީ ކްލައިންޓުންނަށް ވަރަށް ޑެޑިކޭޓްވެގެން ކޮންމެ މީހެއްގެ އިންޑިވިޖުއަލް އެޓެންޝަނެއް ދޭން. ޓްރައިބް ފިޓްނަސް އެހެން ބޫޓްކޭމްޕްތަކާއި ތަފާތުވާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އަހަރުމެން ކަސްރަތުތަށް ބައްޓަން ކުރަނީ ކްލައިންޓްސްގެ ފިޓްނަސް ލެވެލް އިން ފަށައިގެން. ފުރަތަމަ އައިސް ބާންއައުޓްކޮށްލުމުގެ ބަދަލުގައި މި ފަށަނީ ޒީރޯއިން. އެމީހަކަށް އެމީހެއްގެ ލެވެލްއެއްގެ ޓްރެއިނިން އަކުން މި ފަށަނީ." އަޝްހަބް ބުންޏެވެ.

މި ދެ ޒުވާނުން ބުނާ ގޮތުގައި ފަޓްލޫނު ލާ މީހުން ޖީންސަށް ބަދަލުކުރާ ސްޓައިލްއަށް ކޮންމެ މީހަކަށް ވެސް ހެލްތީ ލައިފްސްޓައިލަކަށް ބަދަލު ކޮށްލެވިދާނެ ކަމަށެވެ. އެއީ އެއްވެސް ކަމެއް ނޫނެވެ.

ހަމްދޫން ބުނިގޮތުގައި ކޮންމެ މީހަކުވެސް ފިޓްނަސްއާމެދު ދެކެންވީ ލައިފްސްޓައިލެއްގެ ގޮތުގަ އެވެ. މީހާގެ ފިޓްނަސް ޖާނީ ކައްސާލައިގެން ދަނީ ރަނގަޅަށް ކޮންސަލްޓް ކުރަންޖެހޭ ފަރާތްތަކާއި ކޮންސަލްޓް ކުރުމުގެ ބަދަލުގައި ވަކި ޑައެޓަކަށް ފިކްސް ވެގެން އުޅުމުގެ ސަބަބުންނެވެ.

"ކޮންމެ މީހަކުވެސް ލައިފް ސްޓައިލް ބަދަލުކުރަން ބޭނުންނަމަ ކުދި ކުދި ކަންކަމުން ފަށަންވީ އަވަހަށް ނިދުން. ގަޑިން ގަޑިއަށް ކެއުން. އަވަހަށް ހޭލުން. ދެން އެކި މީހުންނާއި އެކި ވޯކްއައުޓް ގުޅޭނީ. ވީހާވެސް ބޮޑަކަށް އެކްސްޕްލޯ ކުރާށެ. ފިޓްނަސް ދާއިރާގައި ވަރަށް ބައިވަރު ވޯކްއައުޓް އެބަހުރި. އެމީހަކު ހިތްކިޔާ ވޯކްއައުޓެއް ހިޔާރުކޮށް ކުރިއަށް ދާށޭ"