މ. ދިއްގަރުން އާންމު ގޮތެއްގައި އަންނަނީ ރިހާކުރުގެ ވާހަކަ އެވެ. އެކަމަކު މި ފަހަރު މިއޮތީ ތަފާތެއް ވެފައެވެ. މިފަހަރު މިއީ ދިއްގަރު ކަދުރުގެ ވާހަކަ އެވެ. ދިއްގަރުގެ މިސްކިތު ގޯތީގެ ތެރޭގައި މީހަކު އިންދި ކަދުރު ރުކެއްގައި ކަދުރު އަޅާ ބަރާވެ ކަދުރު އިހާތައް ދޮންކޮށްލައިފި އެވެ. އާންމު ގޮތެއްގައި ކަދުރު ރުކަކީ ދިވެހި ރުއް ފަދައިން ހޫނު ގަދަ ގައުމުތަކުގައި އެތައް ފޫޓެއްގެ އުހަށް ހެދޭ ރުކެއް ނަމަވެސް ދިއްގަރުގައި ކަދުރު އަޅާ ބަރާވެފައިވާ ރުއް ހެދިފައި ވަނީ އެންމެ ދެ ފޫޓަށެވެ.
ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން ވިދާޅުވި ގޮތުގައި އެއީ މިސްކިތުގެ ގޯތީގެ ތެރޭގައި މީހަކު އިންދި ރުކެކެވެ. އެ ރުއް ދެ ފޫޓަށް ހެދުނު އިރު ކަދުރު އިހާތައް އަތުވެއްޖެ އެވެ. އެކަމަކު ރުކުގައި ފުރަތަމަ ފަހަރަށް އެޅި މި ކަދުރު އިހަލުގައި ހަރު ނުލާ މައްސަލަ ދިމާވި އެވެ.
"މިއަހަރު ކުރީކޮޅުގައި ރުކުގައި އެންމެ ފުރަތަމަ ފަހަރަށް އިހަލެއް އައީ ދިހަ ވަރަކަށް ކަދުރާއެކު، އެހެންނަމަވެސް މިހާރު ބައިވަރު ވަރުގަދަ ކަދުރު އިހާތައް ރުކުގައި އެބައޮތް ޖަހާފައި،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ވަރަށް ގިނަ ބައެއް ސަމާލު ކަމަށް އައިސްފައިވާ ދިއްގަރު ކަދުރު ރުކުގައި ފުރަތަމަ އައި ކަދުތު އެއް ގޮތަކަށް ވެސް ކާކަށް ނުކެރުނެވެ. ރަހަ ހުރީ ވަރަށް ހިތިކޮށެވެ. ނަމަވެސް މިހާރު އެ ރުކުގެ ކަދުރުގެ ރަހަ ބަދަލުވަމުން އައިސް އާދައިގެ ކަދުރާ ކައިރި ކުރާ ފޮނި ރަހަ އައިސްފައި ވެއެވެ.
"ފުރަތަމަ ކަދުރުގެ ރަހައަށް ބަލާއިރު ކުރިން އެރުކުގައި އެޅި ކަދުރުގައި އެއްވެސް ވަރަކަށް ފޮނިކަމެއް ނުހުރޭ. އެކަމަކު މިހާރު ފޮނިކަމެއް އެބަހުރި. އެހެންނަމަވެސް އާދައިގެ ކަދުރުގައި ހުންނަ ފޮނި ކަމެއް އަދިއެއް ނެތް. އެކަމަކު ކޮންމެ އިހަލެއްގައި ވެސް ވަރަށް ބައިވަރު ކަދުރު އެބައޮތް. އަދި ދޮންވެފައިވާ އިހާތައް ވެސް އެބަހުރި" ނިޝާން ވިދާޅުވި އެވެ.
ދިއްގަރުގައި ހެދުނު މި ކަދުރު ރުކަށް ފެންދީ ރީތިކޮށް ބަލަހައްޓަނީ މިސްކިތުގެ މުވައްޒަފުންނެވެ. ރުއް ހެދި ގަނެ ކަދުރު އައީ ވެސް ވަކިން ހާއްސަ ސަމާލުކަމެއް ދީގެން އެެރުއް ބަލަހައްޓަން ފެށި ފަހުންނެވެ. ދިއްގަރު މިސްކިތުގެ ކަދުރު ރުކުގައި އެޅި ކަދުރުން މިހާތަނަށް ކެނޑި ކަދުރު ބޭނުންކޮށްފައި ވަނީ ވެސް ވަނީ މިސްކިތުގަ އެވެ.
"މިހާރުވެސް އެބަހުރި ދޮންވެފައިވާ އިހާތައް، އެކަމަކު އަދި މި ރޯދަ މަހު ބޭނުން ކޮށްލެވޭ ވަރުގެ އިހަލެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ދިއްގަރުގެ މި ކަދުރު ރުއް ވަރަށް ގިނަ މީހުންގެ ސަމާލުކަމަށް އައުމާއެކު އެ ރުއް ބަލައިލަން ވެސް މީހުން ދަތުރު ހަދައިގެން އެ ރަށަށް ދެ އެވެ.
"ދިއްގަރަށް ޒިޔާރަތް ކުރާ މީހުން މި ރުކާއި އެކު ފޮޓޯ ނެގުމަކީ މިހާރު ވަރަށް އޮންން ކަމެއް،"