ހަބަރު

އޭވިއޭޝަން ދާއިރާއިން ސްކޮލާޝިޕްތައް ތައާރަފްކުރަނީ

އޭވިއޭޝަންގެ ދާއިރާއިން ކިޔެވުމަށް ސްކޯލާޝިޕް ސްކީމެއް ތައާރަފުކުރަން ސަރުކާރުން ނިންމައިފި އެވެ.

މިކަން އިއުލާންކުރެއްވީ އޭވިއޭޝަން ދުވަސް ފާހަގަ ކުރަން ރޭ ބޭއްވި ހަފްލާއެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝާ ނަހުލާ އެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީކުރުމަށްޓަކައި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ކިޔަވައިގެން ތިބި ގިނަ އަދަދެއްގެ މީހުން އޭވިއޭޝަން ދާއިރާ އަށް ބޭނުންވާނެ ކަމަށެވެ. އެހެންކަމުން އަލަށް ތައާރަފްކުރަން ހަމަޖެހިފައިވާ އޭވިއޭޝަން ސްކޮލާޝިޕް ތަކަކީ އެ ދާއިރާއިން ގިނަ ފަންނީ ޒުވާނުން ތަރައްގީކުރުމަށްޓަކައި ތައާރަފްކުރާ ޕެކޭޖެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައިޝާ ވިދާޅުވީ، އޭވިއެޝަން ދާއިރާގެ ސަލާމަތީ ކަންތައްތައް ވަގުގަދަ ކުރުމަށް އައިކާއޯގެ މިންގަނޑުން ކުރިހޯދުމަށް ރާއްޖޭގެ އޭވިއޭޝަންގެ ގާނޫނު އިސްލާހު ކުރަންޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުން އަންނަ އިރު، ވައިގެ ދަތުރުފަތުރުގެ ނެޓްވޯކް މިހާރަށްވުރެ ވަރުގަދަކުރަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ސީޕްލޭންގެ ހިދުމަތް ވެސް މިހާރަށްވުރެ ފުޅާކުރުން މުހިއްމު ކަމަށެވެ.

"ރާއްޖެއަކީ ކަނޑުގެ އިންސައްތަ ބޮޑު ގައުމެއް. ގައުމުގެ އާބާދީގެ ބޮޑުބަޔަކަށް ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދިނުމަކީވެސް އަމާޒެއް،" މިނިސްޓަރު ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރެއްވިއްޖެ ނަމަ އެކަން ކާމިޔާބު ވާނެ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުން އަންނަ އިރު، އެއާޕޯޓް އިތުރުކުރުމުގެ މުހިއްމުކަން މިރޭވެސް އައިޝާ ފާހަގަކުރެއްވި އެވެ. އެގޮތުން ވިދާޅުވީ، އޭވިއޭޝަން ދާއިރާ ތަރައްގީ ކުރުމަށްޓަކައި ޑޮމެސްޓިކް އެއާޕޯޓްތައް ނަފާވާ ވިޔަފާރިތަކަކަށް ބަދަލުކޮށް، ޑޮމެސްޓިކް އެއާޕޯޓްތަކަށް އިތުރު ފްލައިޓް ހޯދޭނެ ގޮތްތަކެއްވެސް ހޯދަންޖެހޭ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އުފާވެރި ހަބަރެއްވެސް ދެއްވާފަ އެވެ. ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުފުޅާ އެއްގޮތަށް، އެ މުއްދަތުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރައްވާނެ ކަމަށެވެ.